އެއާޕޯޓު ފެރީ ހުޅުލެއިން ފުރާ ސަރަހައްދު ތަރައްގީއަށް ބަންދުކުރަނީ

ހުޅުލެއިން މާލެ އައުމަށް ފުރާ ޖެޓީ ސަރަހައްދުގައި ފްރެންޗައިޒް ކެފޭތައް ހިންގާ އިމާރާތާ އެކު ތަރައްގީކުރަން ރާވާފައިވާ ގޮތުގެ ނަމޫނާއެއް ---

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އޮންނަ ހުޅުލެއާ މާލެއާ ދެމެދު ފަސިންޖަރުން އުފުލާ ފެރީތައް ހުޅުލެއިން ފުރާ ޖެޓީ ހުންނަ ސަރަހައްދު އަންނަ ހަފްތާގައި ބަންދު ކުރަން ނިންމައިފިއެވެ.

ފަސިންޖަރުން އުފުލާ ފެރީތައް ހުޅުލެއިން މާލެ އައުމަށް ފުރަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖާއި، ޑޮމެސްޓިކް ޓާމިނަލު ކުރިމަތިން އޮންނަ ޖެޓީ ސަރަހައްދުންނެވެ.

މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ސަރަހައްދު ތަރައްގީކުރުމަށްޓަކައި އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އެ ޖެޓީ ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތައް ނިމެންދެން، ހުޅުލެއިން މާލެ ދާ ފެރީތައް ފުރާނީ މާލެއިން ހުޅުލެއަށް ދާ ފެރީތައް ލަފާ ސަރަހައްދުން ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.

ހުޅުލެއިން މާލެ އައުމަށް ފުރާ ޖެޓީ ސަރަހައްދުގައި ފްރެންޗައިޒް ކެފޭތައް ހިންގާ އިމާރާތާ އެކު ތަރައްގީކުރަން ރާވާފައިވާ ގޮތުގެ ނަމޫނާއެއް ---

މާލެއިން ފަސިންޖަރުންނާ އެކު ފުރާ ފެރީތައް ހުޅުލެއަށް ލަފަނީ، ވެލާނާ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލް ކުރިމަތިން އޮންނަ ޖެޓީއިންނެވެ.

ހުޅުލެއިން ފެރީ ފުރާ ޖެޓީ ސަރަހައްދު އަންނަ ހަފްތާގައި ބަންދުކުރާ އިރު، އެމްއޭސީއެލުން ނިންމާފައި ވަނީ އެ ސަރަހައްދުގެ ޖެޓީތައް ހުންނަ ސަރަހައްދުގައި، ބައިނަލްއަގުވާމީ ހަ ފްރެންޗައިޒެއްގެ ފުޑް އެންޑް ބެވެރެޖް އައުޓްލެޓުތަކެއް ހިންގުމަށްޓަކައި އިމާރާތެއް އެޅުމަށެވެ.

ޖެޓީ ސަރަހައްދުގައި ހަދާ އިމާރާތުގެ މަތީގައި ފްރެންޗައިޒް އައުޓްލެޓުތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތުވެސް ހުޅުވާލައިފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު ކުރިޔަށްދާ އިރު، އެ އެއާޕޯޓުގެ އާ ރަންވޭ އެޅުމުގެ މަސައްކަތް މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު ވަނީ ފަށައިފައެވެ. އެއާބަސް އޭ380 މަރުކާގެ ބޯޓުތަކަށް ވެސް ޖެއްސޭ ފެންވަރުގެ، 3،400 މީޓަރު ދިގު އަދި 60 މީޓަރު ފުޅާ މި ރަންވޭ އެޅުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕުންނެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި 2018 ގެ އޯގަސްޓް މަހުގެ ތެރޭގައި އެ ރަންވޭ ހުޅުވޭނެއެވެ.

މީގެ އިތުރުން ވެލާނާ އެއާޕޯޓުގެ އާ އިންޓަނޭޝަނަލް ޕެސެންޖަރ ޓާމިނަލް އެޅުމުގެ މަސައްކަތް ވެސް މިއަހަރުގެ ތެރޭގައި ފަށާނެއެވެ. މި މަސައްކަތް ކުރާނީ ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުންނެވެ.

comment ކޮމެންޓް