Sun Online

ބާޒީ

ލިޔުނީމުތައްހަރު އިބްރާހީމް (މުތާ)

ނިދިން ހޭލެވުނު ޝާޢާގެ ނޭވާ އުފުރިގެންދާން ވަނީ ކައިރިވެފައެވެ. މުޅި މީހާ ދަލުން ފެންވެރިފައިވާއިރު އެމޫނުގެ ކުލަވަރު ވެސް ވަނީ ފަނޑުވެފައެވެ. މީހާ ހަމައަކަށް އަޅުވަން އުޅޭ ހާލު ޝާޢާ އެނދުން ތެދެވުނެވެ. އަދި ކޮޓަރީގެ ބޮކިތައް ދިއްލާލަމުން ގޮސް ހުއްޓުނީ ރީތިވާ މޭޒު ކުރިމައްޗަށެވެ.

ކަރުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނުވެއެވެ. އެހެނަސް އަރުތެރޭގައި ރިހުމެއް އުފެދިފައިވާހެން ޝާޢާއަށް އިހުސާސްކުރެވުނެވެ. އިރުކޮޅެއް ވަންދެން މޫނު ބަލާ ލޯގަނޑުން ފެންނަމުން ދިޔަ ސޫރައަށް ބަލަން ޝާޢާ ހުއްޓެވެ. އެހެން ހުރެފައި އަނެއްކާ ވެސް އޭނަގެ މޫނު ލޯގަނޑާއި އިހުނަށްވުރެ ކައިރިކޮށްލުމަށްފަހު ފަރުވާތެރިކަމާއެކު ބަލަން ފެށިއެވެ. ބޭރުފުށުން އަނިޔާގެ ނިޝާނެއް ނެތެވެ. އެހެނަސް އޭނަގެ ސިކުނޑިއަށް ވަނީ ސިހުން ގެނުވާފައެވެ. މިރޭގެ ބަކީ އޮތް ވަގުތުތަކުގައި އޭނައަށް ނުނިދޭނެކަން ޝާޢާއަށް ޔަޤީން ވެއެވެ. އޭނަގެ ހިތަށް ފާޑެއްގެ ބިރުވެރިކަމެއް ވެރިވެފައިވާތީއެވެ. ހުވަފެނުން ފެނުނު ކަންތައް އިހުސާސްކުރެވޭހެން އަދި ވެސް އޭނައަށް ހީވެއެވެ. އެމީހާގެ ބާރުގެ ދަށުގައި އޭނަ ހަފުސްވަމުން ދިޔަ މަންޒަރު ސިފަވާން ފެށުމުން އޭނަގެ މެޔަށް ފިނިވެގެން ދިޔަ އެވެ.

''ކިހިނެއްތަ އަހަންނަށް މިވަނީ؟، ނަތިންގް މޭކް ސެންސް... އެހުރިހާ ކަމަކީ ހުވަފެނެކޭ ބުނަން ހާދަ ދައްޗޭ...'' އެނދުގައި ގޮސް އިށީން ޝާޢާ އޭނަގެ އަމިއްލަ ނަފުސާއި ސުވާލުކުރަން ފެށިއެވެ. ކިތަންމެ ވަރަކަށް ސިކުނޑިއަށް ބާރުލިކަމުގައި ވިޔަސް އޭނަގެ ސުވާލުތަކަށް ޖަވާބު ނުލިބޭނެކަން ޝާޢާއަށް އިނގެއެވެ. އެކަނިމާއެކަނި ވިސްނަން ފެށުމުން ގާތުގައި މީހަކުވާކަމުގެ އިހުސާސް ކުރެވެން ފެށުމުން ޝާޢާ ގަސްދުކުރީ ކޮޓަރިން ނިކުންނާށެވެ. އޭރުން ވެސް އޭނަގެ އެކަނިވެރިކަމަށް ނިމުމެއް ނާންނާނެކަން ޝާޢާއަށް އެނގުނީ މުޅި ގޭތެރެއަށް ވެރިވެފައި އޮތް މަރުގެ ހަމަހިމޭންކަމުންނެވެ. ނަމަވެސް އަނބުރާލާފައި ކޮޓަރިއަށް ވަންނަން އޭނަ ބޭނުމެއް ނުވިއެވެ. ކޮޓަރީގައި ހުންނައިރު މީހަކު އޭނައަށް ފާރަލާކަމުގެ އިހުސާސްކުރެވޭތީއެވެ. ސިހުން ލިބެނީ ވެސް އެހެންވެއެވެ.

ކޮޓަރީގެ ދޮރު ލައްޕާލަން އުޅުނު ޝާޢާ ސިއްސައިގެން ދިޔައީ މުޅި މާހައުލުގެ ތެރެއަށް ކުއްލިއަކަށް ވެރިވެގެން ދިޔަ އަޑާއެކުއެވެ. އޭނައަށް ހަޅޭއްލަވައިނުގަނެވުނީ ވެސް ކިރިޔާއެވެ. ހިތާއި ނޭވާގެ ހިނގުން ހަމައަކަށް އަޅުވަން ޝާޢާ މަސައްކަތްކުރިއެވެ. އޭރު އޭނައަށް ލިބިފައިވަނީ ހައިރާންކަމެވެ. އެއީ ކޮން އަޑެއްކަން ޝާޢާއަށް އެނގެއެވެ.

ބޮޑުކޮޓަރިއަށް ނިކުމެވެން ހުންނަ ހަނި ކޮރިޑޯން ސިއްރު ފިޔަވަޅުތަކެއްގައި ދިޔަ ޝާޢާގެ ހިއްސުތައް ވަނީ މާހައުލަށް ހުޝިޔާރުވެފައެވެ. އޭނަގެ ހިތް ވެސް އަވަސްވެފައިވަނީ ބިރުގަންނަ ވަރަށެވެ. ގެއަށް ވަގަކު ވަންނަނީ ބާވައޭ ވެސް ޝާޢާގެ ހިތަށް އެރިއެވެ. ކޮރިޑޯގެ ކޮޅާއި ހަމައަށް ދެވުމާއެކު ހިތް ނުތަނަވަސްކަމުގައިވާ ހާލު އޭނަ މަންޒަރު ފެނޭތޯ ބެލިއެވެ. އެއާއެކު އޭނައަށް ލިބިފައިވި ހައިރާންކަން އިތުރުވެ ދެލޯބޮޑުވެއްޖެއެވެ. ދަންވަރުގެ ވަގުތުގައި ގެއިން ނިކުތް ޖާބިރު ފެނިފައެވެ.

ޝާޢާ އޭނައަށް ފާރަލާން ހުރިކަމެއް ޖާބިރަކަށް ނޭގެއެވެ. އެއަށްވުރެ އޭނަ ހުރީ ކަމަކަށް އަވަސްވެފައެވެ.

ޝާޢާގެ ހިތުގައި އިތުރު ސުވާލުތައް އުފެދުނީ ބޭރުން ދޮރު ތަޅުލި އަޑު ވެސް އިވިފައެވެ. ފެންޑާއިން ޖާބިރުގެ ފިޔަވަޅުތަކުގެ އަނޑު ހިނދިގެން ދަންދެން ފާރާނިވާވެގެން ހުރެފައި ޝާޢާ ގޮސް ހުއްޓުނީ ކުޑަދޮރު ކައިރިއަށެވެ. އެކުޑަދޮރުން ގޭގެ ގޯތިތެރެ ރީއްޗަށް ފެންނާނެއެވެ.

ކުޑަކޮށް ފަރުދާ އެއްފަރާތް ކޮށްލަމުން ޝާޢާ ބޭރަށް އަވަސް ނަޒަރެއް ދިނެވެ. ގޯއްޗަށް އަލިކަން ފެތުރޭހެން ހުރި ހަމައެކަނި ބޮކި އޮތީ ނިއްވާލާފައެވެ. އެހެނަސް ދީފައި އޮތް ހަނދުވަރުގެ އަލިން ކޮންމެވެސް ވަރަކަށް މަންޒަރުތައް ވަކިކުރެވޭހާ ވެއެވެ. ޝާޢާ ބަލަން ހުއްޓާ ޖާބިރު ނެގީ ބަދިގެ ކައިރީގައި ބަހައްޓާފައި ހުރި ކުކުޅު ކޮއްޓެވެ. އެއަށްފަހު އޭނަ ހިނގައިގަތީ ގެއިން ބޭރަށް ނިކުތުމަށެވެ. ހައިރާންކަމެއްގެ ތެރޭގައިވި ޝާޢާއަށް ވާނުވާއެއް ނޭގުނެވެ. ދަންވަރުގެ އެގަޑީގައި ޖާބިރު ކުރަން އުޅޭ ކަމަކާ މެދު އޭނަގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.

ޚިޔާލުތަކުން އެމުނެމުން އައި ސުވާލުތަކުގެ ތެރެއަށް ވިސްނުން ދޫކޮށްލެވިފައި ވަނިކޮށް މައި ދޮރާއި އަރާހަމަވި ޖާބިރު އޭނަގެ ފިޔަވަޅުތަަކަށް ހުއްޓުމެއް ގެނައިތަން ފެނުނެވެ. އެއާއެކު އޭނަ ބަލާލީ ސީދާ ކުޑަދޮރާ ދިމާއަށެވެ. ހީވީ ޝާޢާ ކުރަމުން ދިޔަ ކަންތަކުގެ ހިލަން އޭނައަށް ވިހެންނެވެ. ނަމަވެސް އެއްވެސް ކަމެއް ފާހަގަވެ ޖާބިރަށް ޝައްކުވުމުގެ ކުރިން ޝާޢާ ކުޑަދޮރުގެ ފޮތިގަނޑުން ދޫކޮށްލަމުން އެއްފަރާތަކަށް ޖެހިލިއެވެ.

*****

ހަމަހިމޭންކަމާއި އަނދިރިކަން ވެރިވެފައި އޮތް ގޯތިތެރެއަށް ބަލަން ހުރި ޖާބިރަށް އެތާނގައި ނުފެންނަ މަހުލޫޤަކު ހުރިކަން އިހުސާސްކުރެވުނެވެ. އެއީ ވާޤިދުކަން އޭނައަށް އެނގުނީ އިރުކޮޅެއް ފަހުން އޭނަގެ ލޯކުރިމައްޗަށް ފާޅުވުމުންނެވެ.

''ތީ ރަގަޅުކަމެއް ނޫން...'' ޖާބިރަށް ނަސޭހަތްތެރިވާ ފަދައަކުން ވާޤިދު ބުންޏެވެ. އެއާއެކު ޖާބިރު ގާތަށް އައީ ރުޅިއެވެ. ވާޤިދަށް އޭނައާ ދިމާއަށް ބަސްބުނުމުގެ ހުއްދަ ދިނީ ކާކު ހެއްޔެވެ؟ އޭނައަކީ ސާހިބު މީހާ އެވެ. ކޮންމެ ހާލަތެއްގައި ވެސް އޭނައަށް ޤަދަރުކުރަން ޖެހޭނެއެވެ.

''ކަލެއަށް ބަސްބުނުމުގެ ހުއްދަ ދިނީ ކާކު؟...'' ރުޅިވެރިކަމާއެކު ޖާބިރު އެހި އެވެ.

''ޝައިތާނުންގެ މަދަދު ހޯދުމަކީ ހައްލެއް ނޫން...'' ޖާބިރު ހިނގަމުން އެދަނީ ކިހާ އަނދިރިމަގަކުން ކަން އަންގައިދޭން ވާޤިދު ބޭނުން ވިއެވެ. އޭނަގެ ސާހިބު މީހާއަށް ހެވާއި ނުބައިގެ ފަރަޤު ވަކިކޮށްދޭން ވެސް މެއެވެ. އަނެއްކޮޅުން މުސްލިމަކަށްވުމުން އޭނައަށް އޮތް ޒިންމާއެއް ވެސް ވެއެވެ. ސިހުރުހާހޫރަކީ ކިހާ ނުބައި އެއްޗެއްކަން ޖާބިރަށް ހަމަ ނުވިސްނެނީ ހެއްޔެވެ؟ އެއީ ނަޖިސްކަމާއި މުޑުދާރުކަން އެކުލެވިފައިވާ ކަމެކެވެ. މީހާގެ ނަފުސު ނުތާހިރުކޮށްލާ ކަމެކެވެ. ޝައިތާނުންގެ ރުހުން ހޯދަން މުޅި ނަފުސު ކިލަނބުކޮށްލަ އެވެ. އެމީހުންގެ މަދަދަށް އެދެން ތިމާމީހާ ޤުރުބާން ވަނީއެވެ. ދެދުނިޔޭން ވެސް ގެއްލިގެންދާ ހާލުގައެވެ.

''ކަލޭ މަށާ ޖަދަލުކުރަން އުޅޭނެކަމެއް ނެތް، ކަލެއަށް ހަމައެކަނި ބަރޯސާވެވޭކަށް ނެތް... ކަލޭގެ ފިނޑިކަން އަހަންނަށް ވަނީ ފެނިފައި... އެމީހުންގެ ކުރިމަތީގައި ކަލޭ އެކައްޗަކަށް ވެސް ނުވޭ... ބުނަން، އިތުރަށް މަށަށް ހުރަސް އަޅަން ނޫޅޭތި... އަހަރެން މިދަނީ އަހަރެންގެ ޢާއިލާއަށް އޮތް މުސީބާތުން މިންޖުވާން، އެކަން ކުރަން ކޮންމެކަމެއް ވެސް އަހަރެން ކުރާނަން...'' ޖާބިރުގެ ބުނެލިއެވެ.

''ޝައިތާނުންނަކީ ދޮގަހަދާ މަކަރުވެރިންތަކެއް...'' ނުރައްކާތައް ހާމަކުރަން ވާޤިދު ބޭނުން ވިއެވެ. ބާރަށްޓަކައި ޖާބިރު އެހުރީ އަނދުވަޅަކަށް ވެއްޓެން ތައްޔާރަށެވެ. އެއީ ސަލާމަތްނުވެވޭނެކަމެކެވެ. ޝައިތާނުންގެ ބޭނުންތައް ފުދުމާއެކު ނިކަމެތި މީހާގެ މައްޗަށް ގަދަވެގެންދާނެއެވެ. އެއީ ޝައިތާނުންގެ ތެރޭގައި އޮންނަ އުސޫލެވެ. އިންސާނުންނާ މެދު އެމީހުން ހިތުހުރި ގޮތަކަށް ކަންތައް ކޮށްފާނެއެވެ. ހަމައެއާއެކު ޖާބިރު ޝައިތާނުންނާއި ހަދާ އިޤުރާރުނާމާއަށް ދުވަހަކު އެމީހުން ބޯނުލަނބާނައެވެ. އެކަމަށް ތަބާވާކަމުގެ ދަޅަ ދައްކާނެއެވެ. ނަމަވެސް ފުރުސަތު ލިބުމާއެކު ހުރިހާ މަންޒަރެއް ބަދަލުވާނެއެވެ.

''އެވެސް ހަމަ ކެލޭމެންގެ ތެރެއިން ބަޔެއް، ހަމަ ކެލޭމެންގެ މަކަރުވެރިކަން ހުންނާނެ ދޯ؟...'' މަލާމާތުގެ ރާގަކަށް ޖާބިރު ބުނެލިއެވެ. ''މިކަމުގައި ހަމަހަމަކަން އޮންނާނެ، ޝައިތާނުން ބޭނުންވާކަންތައް އަހަރެން ކޮށްދޭނީ އަހަރެން ބޭނުންވާކަންތައް ފުދުމުން...''

ޖާބިރު ހުރީ ބާރަށް ފެންބޮވައިގަނެފައެވެ. އެއީ އަބަދު ވެސް އޭނަގެ އާދައެކެވެ. ކަށީގައި ހިފާފައި ހުރި ކަމެކެވެ. ވާޤިދުގެ އިންޒާރުތައް އޭނަ އަޑު ނޭހީ އެހެންވެއެވެ. އޭގެ އިތުރުން އޭނަގެ ޢާއިލާ ރައްކާތެރިކުރަން ވެސް އޭނަ ބޭނުމެވެ. އޭނަގެ ދުޝްމަނުންގެ ކުރިމަތީގައި ނިކަމެތިވުން އެއީ އޭނަ ދުވަހަކު ދެކެން ބޭނުންވާ މަންޒަރެއް ނޫނެނެވެ.

''އެމީހުނަށް ވުރެން ވެސް ބާރުވެރި ބަޔެއްގެ މަދަދު އަހަންނަށް ލިބިދާނެކަން އަހަރެން ހާމަކުރާނަން...'' ޖާބިރު ބުންޏެވެ. މާޔޫސްވެފައިވާ ހާލު ވާޤިދަށް ހުރެވުނީއެވެ. ޖާބިރު ހުއްޓުވަން އޭނައަށް ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. އޭނަ އިތުރު ފިޔަވަޅެއް ވެސް ކުރިއަށް އަޅައިފިނަމަ އޭނަގެ މައްޗަށް އަނިޔާވެރިވާން ޖާބިރު ފަހެއް ވެސް ނުޖެހޭނެއެވެ. ހާލާކުގެ ތެރެއަށް ޖާބިރު ވެއްޓިގެންދާ މަންޒަރު ބަލަން ވާޤިދަށް ހުރެވުނެވެ.

*****

މުޅި ތަނުން ފެންނަނީ ވީރާނާ ކަމެވެ. ތަރުތީބުކަމެއް ނެތި ހެދިފައިވާ ވިނަތަކުން ސިފަވނީ ޖަންގެއްޔެކެވެ. ފެންނަން ހުރި ތެޅިގަލުން ރާނާފައިވި ގެތަކުގެ ފުރާޅު ވެސް ވަނީ ދަބަރަށް ވެފައެވެ. ބައެއް ގެތަކުގެ ފާރުތައް ސުންނާފަތިވެ ބިމާ ހަމަވެފައި ވެއެވެ. މިއިން ޒަމާނެއްގައި ވެސް އެތާނގައި ދިރުމެއް ނުވާކަން ބަލާލާ ކޮންމެ ދިމާއަކުން ވެސް ހާމަވެއެވެ. ނާމަންކަމާއި ބިރުވެރިކަމުގެ މިސާލެކެވެ. އެއީ މުޅި ރަށުން ވެސް ފަޅު ގޯތިތައް އެންމެ ގިނަ ސަރަހައްދެވެ. ދިރޭ ފުރާނައެއްގެ ހިލަމެއް އެއިން ސަރަހައްދަކުން ނުވެއެވެ. ރަށުގެ ރައްޔިތުންގެ މެދުގައި އެސަރަހައްދާއި މެދު ބިރުވެރިކަން އުފެދިފައި ވާތީ އެވެ. އެއީ ރޫޚާނީ ހާއްޔެކޭ ވެސް ބުނެ އުޅެއެވެ. ސިހުރުވެރިންގެ މެހެފިލޭ ވެސް މެއެވެ. ފަޅުކަން ވެރިވެފައި އޮތް މަގުން ހިނގާފައި ދިޔަ ޖާބިރު ގޮސް ގެއެއްގެ އިމުގެ ތެރެއަށް ވަނެވެ. އެއަށްފަހު އޭނަ ބަލާލީ ޖައްވަށެވެ. އޭރު ހަނދުވަނީ މެދު އުޑުގަ އެވެ.

ވިރާނާވެފައި ހުރި ގެއަށް ވަދެވުމާއެކު ޖާބިރު އޭނަގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އެންމެ ފުރަތަމަ ވެސް އޭނަގެ ހަށިގަނޑުގައިވި އަންނައުނުތައް ހަށިގަނޑާ ވަކިކުރިއެވެ. އެއަށްފަހު މުޑުދާރުކަން އެކުލެވިފައިވި ތަޅުންގަނޑުމަތީގައި އޭނަ އިށީނެވެ. އޭނައާއި ކުރިމައްޗަށް ވާހެން އަލިފާންރޯކުރަން ކުޑަ ބެރެއް ހުއްޓެވެ. އެބެރުގެ ވަށައިގެން ވަށްބުރަކަށް ވާހެން ކުރަހާފައިވާ ނިޝާންތައް ހާމަކޮށްދެނީ ދަޅު ފަޅާފައިވި މަހުލޫގެއްގެ ސޫރައާއެވެ. އެތަނަށް ޖާބިރު އާނޫންކަން އޭނަގެ ހަރަކާތްތަކުން އެނގެއެވެ. އޭނަގެ މަސައްކަތް ފެށުމުގެ ކުރިން ފުރަތަމަ ވެސް އޭނަ ގެނެސްފައި ހުރި ކޮތަޅުތަކުގެ ތެރޭން ފާޑުފަޑުގެ ''ހަންޑި'' މާތަކެއް ނެގިއެވެ. އޭގައި މީރުވަހެއް ނުވެއެވެ. މުޅި މާހައުލަށް ތައައްޔަރުކަން ގެނުވާ ފަދަ ނުބައި ވަހެއް އެމާތައް އެއްކޮށްލުމުން ވެރިވިއެވެ. އެމާތަކާ އެއްކޮށް ޖާބިރު އޭނަގެ ކުރިމަތީ ހުރި ބެރުގެ ތެރެއަށް އަޅާލީ މަހާއި ކައްޓާ ވަކިވާންކައިރިވެފައި ހުރި މުޅަ ޖަނަވާރެއްގެ ކަށިތަކެކެވެ. އޭގައި އެއްޗެހިތަކެއް ލިޔެފައި ވިއެވެ.

އަލިފާންގަނޑު ރޯކޮށްލުމާއެކު މުޅިތަނަށް އަލިކަން ވެރިވިއެވެ. އަނދަމުން ދިޔަ އަލިފާންގަނޑަށް ބަލަން ހުރި ޖާބިރު އޭނަ ގެނައި ކޮއްޓަށް ބަލާލިއެވެ. ތުންތަޅުވަމުން ކޮށި ހުޅުވާލުމަށްފަހު ހުޝިޔާރުކަމާއެކު އޭނަގެ އަތުގައި އޮތް ވަޅިން ކުކުޅުގެ ކަރު ބުރިކޮށްލިއެވެ. އެއާއެކު ޖާބިރުގެ މޫނާއި ގަޔަށް ލޭގެ ކަނިތައް ދިޔަ އެވެ.

މަރަށް ތެޅެމުން ދިޔަ ކުކުޅުގެ އަޑު މުޅި ތަނުގައި ހިފާލާފައި އޮތެވެ. އޭރު ގިނަ އަދަދެއްގެ ލޭވެސް ތަޅުގަނޑު މައްޗަށް ފައިބާފައި ހުއްޓެވެ. އެލޭ މުޅި މޫނާއި ގައިގައި އުނގުޅާލަމުން ޖާބިރު ކިޔެވެލި ކިޔަވަންފެށިއެވެ. އޭނަ ކުރިކަންތައް ކުރީ ނަފުސަށް އިތުރު ނުތާހިރުކަމެއް ގެންނާށެވެ. ޝައިތާނުންގެ ފުރިހަމަ ރުހުން އޭނައަށް ލިބޭނީ އޭރުންނެވެ. އަލިފާންގަނޑު ކުރިމަތީގައި އިނދެ ދެފަރާތަށް ހޫރެމުން ދިޔަ ޖާބިރުގެ ލޯވަނީ މެރިފައެވެ. އެގޮތުގައި ވަގުތު ފާއިތުވެގެން ދިޔަ ތަނާ ބޯވަމުން އައި ދުންގަނޑެއް ފާޅުވި އެވެ. އެދުންގަނޑުގައި ސޫރަޖެހެން ފެށީ ޖާބިރުގެ ކުރިމައްޗަށް ހުއްޓުމާއެކުގަ އެވެ. އެއީ އިސްކޮޅުން ދިގު، ހަށިގަނޑުން ބިޔަ މަހުލޫޤެކެވެ. އޭގެ ހަށިގަނޑުގެ ހަމުގައި އެކުލެވިފައިވަނީ ހަރުފައާއި ނަންނުގަތީގައި ހުންނަ ފަދަ ހަރު ހަންގަނޑެކެވެ. ބައެއް ތަންތަނުން ހުޅުނބުވެސް ފަޅާފައި ހުއްޓެވެ. މޫނުގެ ސިފަ ވަރަށް ވެސް ހުތުރެވެ. މޫނުގެ ހަންގަނޑު އަރިމަތިން ފައިބައިގެން ގޮސް ކޮނޑުކަށިގަނޑާހަމައަށް ފައިބާފައި ވެއެވެ. ލޯވެސް ވަނީ ހަމާއެކު ތިރިއަށް ސޮހިފައެވެ. ބޮލުގައި ދެދަޅުފަޅާފައިވިއިރު އެއްދަޅުވަނީ މެދާއި ހިސާބުން ބިންދައިގެން ގޮސްފައެވެ. މުޅި ތަން އެއްވަސްވެފައިވީ ކުނިވަހަކުންނެވެ. އެއާއެކު ޖާބިރު ލޯހުޅުވާލިއެވެ. އެއަށްފަހު ފެންނަން ހުރި މަހުލޫޤަށް ކުރިނީސް ކުރަމުން އެންމެފަހުން ސަޖިދަ ވެސް ކުރިއެވެ.

ޖާބިރުގެ އަމަލުތަކާމެދު ރުހިފައި ހުރިކަން އެމަހުލޫޤުގެ މޫނުން ހާމަވެފައެވެ.

''ކަލޭގެ ބޭނުމަކީ ކޮބާ؟...'' ބަރު އަޑަކެވެ. ޖާބިރު އަދަބުވެރިކަން ދައްކާހާލު ސަޖިދައިން ތެދުވެ އިށީނެވެ. އޮރިޔާން ހާލުގައިވިއެއްކަމަކު އޭނަ އެކަމާ މެދު ކުޑަކޮށް ވެސް ލަދުގަންނަހެނެއް ހިޔެއް ނުވެއެވެ.

''މިނިކަމެތި އަޅާގެ ޢާއިލާވަނީ ނުރައްކަލުގައި...'' ޖާބިރު ބުނެލިއެވެ. ދީނުން ބޭރުވަމުން ދިޔަ ކަން ވެސް ޖާބިރަށް ރޭކާނުލައެވެ. ނޫނީ އޭނަގެ ޖާހިލުކަމާއި ޝައިތާނީ ކަމުގެ ސަބަބުން ފަރުވާލެއް ނެތީއެވެ. ކުރިމަތީ ހުރި ޝައިތާނާއަށް ޖާބިރު އަޅުކަންކުރާ ކަހަލައެވެ.

''ކަލެއަށް އަހަރެން އެހީތެރިވެދިންނަމަ ލިބޭނެ މަންފާއަކީ ކޮބާ؟...'' ޖާބިރަށް ބަލާލަމުން މަހުލޫޤު ސުވާލުކުރިއެވެ. ބޮޑާކަމާއި ކިބުރުވެރިކަން އޭތީގެ އަޑުން ފާޅުވެއެވެ.

ދެވަނަ ވިސްނުމަކަށް ދިއުމެއް ނެތި ކޮންމެ ޝަރުތަކާ ޖާބިރު ރުހި ޤަބޫލުވިއެވެ. އެއީ ކަންވާންޖެހޭނެ ގޮތެވެ. ޝައިތާނާގެ ހުރިހާ އެދުމަކަށް އާނ ބަސް ދޭން ޖެހޭނެއެވެ. އެހެންނޫންނަމަ އެމީހެއްގެ ބޭނުން ފުރިހަމަނުވާނެއެވެ. ޝައިތާނާ ރުޅިއައިސް ގެއްލުން ދޭން ވެސް ފަހެއް ނުޖެހޭނެއެވެ.

''ކަލޭ ބޭނުންވަނީ އެ ޙާޠިބުގެ މައްޗަށް ގަދަވެގެންނަންތަ؟... އަހަރެން ކަލޭ ބޭނުން ކަންތައް ފުރިހަމަކޮށްދޭނަން... އެ ޙާޠިބު އެއީ އަހަރުމެންގެ ތެރެއިން ނަފްރަތު އަމާޒުވާ އެއްޗެއް، އޭނަ ރަސްދަރިފަސްކޮޅުން އައިސްފައި ހުރީމަ އެކަމާ ބޮޑާވެގަނެގެން އުޅެނީ... އެމީހުންގެ ސިފަތަކުގައި އައިބުކަމެއް ނެތީމައި އެކަމަށް ވެސް... އެކަމަކު އެއީ އަހަރުމެންގެ ހަޤީޤީ ނަސްލެއްކަމުގައި އަހަރުމެން ނުބަލަން، އެމީހުނަށް ވުރެ އަހަރުމެން މާ ބާރުގަދަވާނެ... އަހަރެން ކަލޭ އެދޭ ކަންތައް ފުރިހަމަކޮށްދޭނަން، ކަލޭގެ ޢާއިލާއަށް ރައްކާތެރިކަން ދޭނަން... އެކަމަކު އަހަރެން އެދޭ ކޮންމެ ކަމަކަށް ކަލޭ ޖެހޭނީ ރުހި ގަބޫލުވާން...''

ޝައިތާނާ އޭނަގެ ބޭނުން ފާޅުނުކުރަނީސް ޖާބިރު އެކަމަށް އެއްބަސް ވެއްޖެއެވެ. އޭނަގެ ދުޝްމަނުންގެ ފުށުން ސަލާމަތްވެދާނެކަމުގެ ފޮނި އުއްމީދުތަކާއެކުގައެވެ. އެހެނަސް އިތުރު ދަންމަޅިއެއް ކަރަށް މަހާލެވުނުކަމެއް ޖާބިރަކަށް ރޭކާނުލިއެވެ. ޝައިތާނަގެ ވިސްނުން ހުރި މިސްރާބެއް ވެސް މެއެވެ.

ޝައިތާނާގެ ތުންފަތަށް ވެރިވެގެން އައި ކާމިޔާބީގެ ހިނިތުންވުމާއެކު އެދެމެދުގައި ކުރެވުނު މުޢާމަލާތުގެ އިޤުރާރުގައި ސިއްކަ ޖެހުނެވެ. ހެދުނު ގޯސް އޭރު ވެސް ޖާބިރަކަށް ރޭކާ ނުލައެވެ. ޝައިތާނާގެ ނުފޫޒުގައި އޭނަ ހައްޔަރުވެފައި ވީތީއެވެ. ފަހުން ހިތާމަކުރަންޖެހޭ ވަރުގެ ގޯހެއް އޭނައަށް ހެދިއްޖެކަމުގެ ކުޑަ ވެސް ހިލަމެއް ނުވި އެވެ. އެއަށްވުރެ އޭނައަށް ލިބުނު ކާމިޔާބީއާމެދު ހިތުގައި އުފެދިފައިވި އުފާވެރިކަން ބޮޑެވެ.

*****

ބޮޑުކޮޓަރީގައި އިން ޝާޢާގެ ސިކުނޑި ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުން ދިޔަ އެވެ. އޭނަގެ ހިތުގައިވާ ސުވާލުތަކުގެ ޖަވާބު ހޯދާށެވެ. ދެގަޑިއިރަށް ވުރެ ގިނަ އިރު ވެގެން ދިޔަ އިރު ވެސް ޖާބިރުގެ ޚަބަރެއް ނުވެއެވެ. ދަންވަރުގަޑީގައި ޖާބިރު ބޭރަށް ދާން ޖެހުނު ސަބަބެއް ވިސްނާވިސްނާ ޝާޢާއަށް ނޭގުނެވެ.

''ކާފަ ކީއްވެތަ އެކުކުޅުކޮށި ހިފައިގެން ދިޔައީ؟... މި ދަންވަރު ގަޑީގައި ކާފަ ދާނީ ކޮންތަނަކަށްތަ؟...'' ޝާޢާ ހުރީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. އޭނަގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ފެނުނު ހުވަފެނެއްގެ ސަބަބުން ހާސްކަން ލިބިފައި ވަނިކޮށް ކާފަގެ އާދަޔާ ޚިލާފު އަމަލުން އުފެދުނު ސުވާލުތައް އޭނަގެ ހަމަޖެހުން ނަގާލައިފިއެވެ.

ފަތިސް ނަމާދަށް ގޮވިއިރު ވެސް ޝާޢާ އިނީ ބޮޑުކޮޓަރީގައެވެ. އޭރު ވެސް ޖާބިރު ނާދެއެވެ. ޝާޢާ ނަމާދުކޮށްލައިގެން ނިކުތް އިރު ބޭރު ގޯތީގައި ހުންނަ ފެން އިސްކުރަށް ދޫކޮށްލެވިފައިވާ އަޑު އިވެއެވެ. އަވަސްއަވަހަށް ގޮސް ބަލާލި އިރު ގަސްތަކަށް ފެންދޭން ގެންގުޅޭ ހޮޅިގަނޑުން ކާފަ ހުރީ ގަޔަށް ފެންއަޅާށެވެ. ބަލާބެލުމަށް މޫދުން އައިސް ލޮނުގެ އަސަރު ފިލުވަަނީއެވެ. އަނެއްކާ ވެސް ޝާޢާއަށް ލިބުނީ ހައިރާންކަމެވެ. ކާފަ ދަންވަރު ބޭރުގައި އުޅެފައި އެއައީ މޫދަށް ގޮސްފައި ހެއްޔެވެ؟ މިއީ މީހުން މޫދަށް ދާގަޑި ހެއްޔެވެ؟ ގަޑި ބަލާލިއިރު ފަސްގަޑި ބައި ވީއެވެ.

ޖާބިރު ފެން އިސްކުރަށް ބާރުކޮށްލި މަންޒަރު ފެނި ޝާޢާ ކުޑަދޮރު ކައިރިން ދުރަށް ޖެހިލިއެވެ. އަދި އަވަސްއަވަހަށް ގޮސް ބޮޑުކޮޓަރީގައި ހުރި ކުޑަ ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ. އެއަށްފަހު ޖާބިރުކޮށްފާނެ ސުވާލުތަކަށް ތައްޔާރުވެލިއެވެ.

ގޭގެ ދޮރުހުޅުވާލާފައި ވަން ޖާބިރަށް ޝާޢާ ފެނި ލިބުނީ ސިހުމެވެ. ނަމަވެސް އޭނަގެ މޫނުމަތިން އެކަން ހާމަވިޔަކަ ނުދިނެވެ. ޝާޢާއަށް އޭނަ ވަގުތުން ހިނިތުންވެލިއެވެ.

''ނަމާދުކޮށްފިންތަ؟...'' ޖާބިރު އަހާލިއެވެ. އެއާއެކު ޝާޢާ ބޯޖަހާލިއެވެ.

''ކާފަ ތިއައީ މޫދުންތަ؟...'' ނުބައްދަލު ގަޑިއާ މެދު އުފެދިފައިވި ސުވާލު ޝާޢާ ކޮށްލިއެވެ.

''އާނ... ފަތިސް ނަމާދަށް ހޭލެވުނުއިރު ގައިގަ ރިއްސާފަ ހުރީމަ ނަމާދުކޮށްލައިގެން މޫދަށް ގޮސްފަ މިއައީ...'' ޖާބިރު ހެދި ބުހުތާން ދޮގު ޝާޢާއަށް ބޭޒާރުވިކަމެއް ޖާބިރަކަށް ނޭގެއެވެ. ރޭހަތަރުދަން ޝާޢާ ހޭދަކުރީ ޖާބިރުގެ އިންތިޒާރުގައިކަމެއް ވެސް މެއެވެ.

ކާފަ ދޮގު ހެދުމުން ޝާޢާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އޭނައަށް އިތުރު ސުވާލެއް ވެސް ނުކުރެވެނީސް ކާފަ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އިރުކޮޅެއް ވަންދެން ސޯފާގައި އިދެފައި ޝާޢާ ތެދުވުނެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ބޭރަށް ނިކުމެލިއެވެ.

*****

ފަތިހުގެ ފިނިކަމުގެ ސައިލު ފަޒާގައި އޮޅާލެވިފައި ވިއެވެ. ގަސްގަހަށް ގޯނާކުރަމުން އައިސް ހަށިގަނޑުގައި ބީހިލި ފިނި ރޯޅިއާއެކު ޝާޢާގެ ގައިން ހީބިހި ނަގައިގެން ދިޔަ އެވެ. ވަގުތުން ދެއަތް ގެނެސް މެދުހަށީގައި ހުރަސްކޮށްލަމުން އޭނަ ކުރިއަށް ހިނގައިގެންފިއެވެ. އޭރު އާދުވަހަށް އަރައިގެން އައި އިރުގެ އަލިކަން ދުނިޔެއަށް ވާސިލުވާން ފަށައިފިއެވެ. ޝާޢާ ގޮސް ފުރަތަމަ ވެސް ހުއްޓުނީ ބަދިގެ ކައިރިއަށެވެ. އެތާނގައި ކުކުޅުކޮއްޓެއްކީއްކުރަން އޭތި ހުރިކަމުގެ ނިޝާނެއް ވެސް ނެތެވެ.

''ވަޓް ޑިޑް ހީ ޑޫ ވިތް އިޓް؟... މީހަކަށް ދޭން ގެނައި އެއްޗެއްތަ އެއީ؟... އެކަމަކު ދަންވަރު ގަޑީގައި ހިފައިގެން ދިޔައީ ކީއްވެތަ؟، އަނެއްކޮޅުން ކާފަގެ ރައްޓެހިންނެއް ވެސް ކައިރި ހިސާބެއްގައެއް ނޫޅޭނެ...'' ޝާޢާއަށް ވިސްނާލެވުނެވެ. އޭނަ މުޅި ގޯތި ވެސް ހޯދާ ބެލިއެވެ. ނަމަވެސް ކުރިއެރުމެއް ނުލިބުނެވެ. އެއްމެފަހުން ބަލި ޤަބޫލުކުރަމުން އެތެރެއަށް ވަންނަން ދާން އުޅުނު ޝާޢާގެ ސަމާލުކަން ހުއްޓުނީ އޭނަގެ ލޮލުގައި އަޅައިގަތް ތަފާތު މަންޒަރަކުންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު

ބާޒީ
infinity loading...
×
DB released 01.