Sun Online
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު

އިމާރާތް ކުރުމުގެ ބިލުން ދާއިރާއަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ: މިނިސްޓަރު

ފަތުހުﷲ ޔާމީން ސައީދު
ލިޔުނީފަތުހުﷲ ޔާމީން ސައީދު

ރައްޔިތުންގެ މަޖިލީހުގައި ރޭ ނެގި ވޯޓުން ފާސްކުރި އިމާރާތް ކުރުމުގެ ބިލުގެ ސަބަބުން ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއިން އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރައިވަޑައިގަތުމުގެ ކުރިން ފޭސްބުކް ލައިވް މެދުވެރިކޮށް ދެއްވި ޕްރެސް ސްޓޭޓްމަންޓެއްގައި މިނިސްޓަރު ވިދާޅުވީ، އެ ބިލުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކާއި، މެދު ފަންތި އަދި ކުދި ކުންފުނިތަކަށްވެސް ކުރިއެރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ބިލް ތަންފީޒު ކުރުމަށް ހަ މަސް ދުވަސް ނަގާނެ އެވެ. އެހެން ކަމުން މި އޮތް މުއްދަތުގެ ތެރޭގައި އެ ބިލާ ގުޅިގެން ހަދަން ޖެހޭ ބައެއް ގަވާއިދުތައް ހަދައި ގެޒެޓު ކުރަމުން ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ބިލަކީ އިރާދަކުރެއްވިޔާމުން ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ބިލެއް. ދިވެހިން އިމާރާތްކުރުމުގެ ދާއިރާއަށް ވަނުމަށް ހިތްވަރު ލިބިގެންދާނެ ބިލެއް. އަދި އިމާރާތް ކުރުމުގެ ފެންވަރު ރަނގަޅު ކުރުމަށް ބާރު އަޅާ ބިލަކަށް މި ބިލް ވެގެން އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ އެ ބިލުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑެތި ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށެވެ.

މިނިސްޓަރު މުއިއްޒު ޗައިނާއަށް ވަޑައިގަންނަވަނީ ހުޅުލެއާއި މާލެއާ ދެމެދު އަޅަމުންދާ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި، ކުރިއަށް އޮތްތަނުގައި މަސައްކަތް ދާނެ ގޮތުގެ މައުލޫމާތު ހިއްސާކުރުމާ ގުޅޭ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުންނެވެ.

infinity loading...
×
DB released 01.