އެއް ދުވަސް ތެރޭ އިމާރާތް ކުރުމުގެ ބިލު މަޖިލީހުން ނިންމައި ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް ކުރާ ގެ: މަޖިލީހުގެ މެމްބަރުން ވަނީ ފުރަތަމަ ދައުރު ނިންމާލުމަށްފަހު ޗުއްޓީއަކަށް ގޮސްފައި ---

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި އިމާރާތްކުރުމުގައި އަމަލު ކުރަންވީ ގޮތް ބަޔާންކުރާ ބިލް މިރޭ ބޭއްވި ކުއްލި މަޖިލީހުގެ ޖަލްސާގައި ފާސްކޮށް ފުރުތަމަ ދައުރު ނިންމާލުމަށްފަހު މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ހިނގައްޖެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީ މިއަދު މަޖިލީހަށް ހުށަހަޅެއްވި އިމާރާތް ކުރުމާ ބެހޭ ބިލު ސަރުކާރު މެމްބަރުންގެ އަގުލަބިއްޔަތުން މަޖިލީހަށް ބަލައިގަނެ، އެ ބިލު ދިރާސާ ކުރަން ފޮނުވީ ގައުމީ ތަރައްގީގެ ކޮމެޓީއަށެވެ. އެ ކޮމެޓީން އެ ބިލު ދިރާސާކޮށް ނިންމައި، މިރޭ ވަނީ އެ ބިލު ފާސްކުރަން މަޖިލީހަށް ހުށަހަޅާފަ އެވެ.

މިރޭ ބޭއްވި ޖަލްސާގައި އެ ބިލް ފާސްކުރެއްވީ ވޯޓްގައި ބައިވެރިވި 44 މެމްބަރުންގެ އިއްތިފާގުންނެވެ. އަވަސް އަރުވާލައިގެން ބިލް ރަނގަޅަށް ދިރާސާނުކޮށް ހުރި ކަމަށް ބުނެ އިދިކޮޅު މެމްބަރުން ވަނީ ބިލަށް ވަރަށް ބޮޑަަށް ފާޑު ވިދާޅުވެ ވޯޓުގައި ބައިވެރިވެވަޑައިނުގެން މަޖިލިސް ދޫކޮށް ވަޑައިގެންފަ އެވެ. އިދިކޮޅު އެއްވެސް މެމްބަރަކު އެ ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ.

އިމާރާތް ކުރުމުގެ ބިލް މިރޭގެ މަޖިލީހަށް ހުށަހަޅައި ދެއްވަމުން ގައުމީ ތަރައްގީ ކޮމެޓީގެ މުގައްރިރު އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވީ އެ ބިލަކީ މިދިޔަ ދައުރުގައި ވެސް މަޖިލީހަށް ހުށަހެޅި ބިލެއް ކަމަށާއި ނަމަވެސް މެމްބަރުންގެ ބޮޑެތި ކަންބޮޑުވުންތަކާ އެކު އެ ބިލް ވަނީ މަޖިލީހުން ބޭރުކޮޮށްފައި ކަމަށެވެ. އަދި މިފަހަރު އެ ބިލް މަޖިލީހަށް ހުށަހެޅީ މެމްބަރުން ފާހަގަކުރެއްވި ކަންބޮޑުވުންތައް އިސްލާހު ކުރުމަށް ފަހުގައި ކަމަށް ވެސް ސުޖާއު ވިދާޅުވިއެވެ.

އިމާރާތް ކުރުމުގެ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ކުރިން އޮތް ނަމަވެސް ކޮމެޓީ މަރުހަލާގައި ވަނީ އެ އަދަދު އިސްލާހުކޮށްފައެވެ.

އިމާރާތް ކުރުމުގެ ގަވާއިދާ ހިލާފުވެގެން 5،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ކަނޑައަޅައިފަ އޮތް ނަމަވެސް އެ އަދަދު ވަނީ 2،500ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ކުޑަކޮށްފައެވެ.

އިމާރާތް ބޭނުން ކުރެވޭނީ ހުއްދަ ލިބިގެން

ވަކި އިމާރާތަކަށް ނުވަތަ އިމާރާތެއްގެ ބަޔަކަށް ކަމާ ބެހޭ އިދާރާޔަކުން އިމާރާތް ބޭނުން ކުރުމުގެ ހުއްދަ ލިޔުމުން ދޫކުރުމުގެ ކުރިން އިމާރާތް ބޭނުންކޮށްގެން ނުވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް އިމާރާތް ބެލެހެއްޓުމަށް ޓަކައި އިމާރާތުގައި މީހަކު ބެހެއްޓިދާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ވަގުތީ ގޮތުން ދިރިއުޅުމުގެ ހުއްދައެއް ދޫކޮށްފައިވާ ނަމަ އިމާރާތް ބޭނުން ކުރެވިދާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ހުއްދައަކާ ނުލައި އިމާރާތްކުވޭނެ ހާލަތްތައް

ދުރާލާ ހުއްދަ ހޯދުމަށް ވަގުތު ނުލިބޭ ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ ހުއްދަ ހޯދުމަކާ ނުލައި އިމާރާތް ކުރެވޭނެ ކަމަށް އިމާރާތާ ބެހޭ ބިލުގައި ވަނީ ބުނެފަ އެވެ.

  1. މީހެއްގެ ފުރާނަ ނުވަތަ ސިއްހަތު ރައްކާތެރި ކުރުމަށް
  2. މީހެއްގެ ފުރާނައަށް ބޮޑު ގެއްލުމެއް ލިބިދާނެ ހާލަތަކުން ސާލާމަތް ކުރުމަށް
  3. ގުދުރަތީ ކާރިސާއަކުން ލިބޭ ގެއްލުން ފޫބެއްދުމުގެ ގޮތުން ކުއްލި ގޮތުގައި އިމާރާތްކުރަން ޖެހޭ ހާލަތްތައް

މަޖިލިހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިދިޔަ ފެބްރުއަރީ ހައެއްގައި ފެށި ފަހުން މިހާތަނަށް ބޭއްވީ 14 ޖަލްސާ އެވެ.

comment ކޮމެންޓް