މަގުމަތީގައި މީހުންނާ ފޮށުން ހުއްޓުވުމަށް ފުލުހުންގެ ޚާއްސަ ސްކޮޑެއް

އެންޓި-ހެރެސްމަންޓް ފުލުުސް ސްކޮޑުން އެންމެ ބޮޑަށް ޕެޓްރޯލްކުރަނީ، ފޮށުމާއި ޖިންސީ ފުރައްސާރަކުރުން ފަދަ އަމަލުތައް އެންމެ ގިނަ ސަރަހައްދުތަކުގައި -- ފޮޓޯ: ބީބީސީ

މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނާ ފޮށި، އެކި ގޮތްގޮތަށް ފުރައްސާރަކޮށް ހެދުމަކީ ވަރަށް އާންމުކަމެކެވެ. މިފަދަ ހާދިސާތަކުގެ ޝީކާރައަކަށް ގިނަފަހަރު ވެފައި އޮންނަނީ ޒުވާން ފުރައިގެ އަންހެނުންނެވެ. އަވައްޓެރި އިންޑިއާގެ ބައެއް ސަރަހައްދު ތަކުގައި، ބައެއް ފަރާތްތަކުން ހިންގާ ވިޔާނުދާ މިފަދަ އަމަލުތައް އިންތިހާއަށް ދިއުމާ ގުޅިގެން، އެކަންކަން ހުއްޓުވުމަށް، ކަމާގުޅޭ ދާއިރާތަކުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ.

މި ލިޔުމުގެ އަސްލަކީ ދިވެހިރާއްޖެއާ ގުޅޭގޮތުން ލިޔެފައިވާ ލިޔުމެއް ނޫންކަމުގައި ވިޔަސް މިއީ އަހަރެމެންގެ މި ދިވެހި މުޖްތަމައާވެސް ވަރަށް ގުޅުން ހުރި، ކިޔާލަން މުހިއްމު ވާހަކަތަކެކެވެ.

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ، އުއްތަރް ޕްރަދޭޝްގައި މިހާރު ވަނީ، ޖިންސީ ފުރައްސާރަކުރުމާއި، މަގުމަތީންދާ މީހުންނާ ފޮށި ހަދާ ފަރާތްތައް ހުއްޓުވުމަށް ފުލުހުންގެ ހާއްސަ ސްކޮޑެއް އެކުލަވާލައިފައެވެ. އެހެންނަމަވެސް، ބައެއް ފަރާތްތަކުން މިކަން ސިފަކުރަނީ، މިއީ ދީނީ އަދި ހަރުކަށި ފިޔަވަޅުތަކެއްގެ ގޮތުގައެވެ.

ބީބީސީގެ ނޫސްވެރިއެއް ކަމަށްވާ ވިކާޝް ޕާންޑޭ ވަނީ، އިންޑިއާގެ އިއްލާއާބާދުގައި އުޅޭ "އެންޓި-ހެރެސްމަންޓް ސްކޮޑް"އާއެކު އެއްދުވަސް ހޭދަކޮށްފައެވެ. އެގޮތުން އާންމުން އެއްވާ ޕާކެއްގެ ތެރޭގައި ތިބި ދެ ޖިންސުގެ ޒުވާން ޖޯޑަކަށް މިދެންނެވި ސްކޮޑުގެ ފުލުހުން ފެނުމާއެކު އެކުދީން ފިލަން މަސައްކަތްކުރިކަމަށް ވެއެވެ.

އެންޓި-ހެރެސްމަންޓް ސްކޮޑްގެ ވެރިޔާ، އެސިސްޓެންޓް ސްޕަރިންޓެންޑެންޓް އޮފް ޕޮލިސް ނީރަޖް ކުމާރް ޖަދުއާން ބޭނުންފުޅުވަނީ ޒުވާނުންގެ ހިތް އަތުލައި، ފުލުހުންގެ މަސައްކަތް އަންގައިދިނުން -- ފޮޓޯ: ބީބީސީ

"ބޭރަށް އާދޭ. އަހަރެމެން މިއުޅެނީ ތިކުދީންގެ ސަލާމަތަށް،" ޕާކުގެ ގަސްތަކުގެ ނިވަލުގައި ފިލައިތިބި ޒުވާން ދެކުދީންނާ މުޚާތަބުކޮށް، އެންޓި-ހެރެސްމަންޓް ސްކޮޑްގެ ވެރިޔާ، އެސިސްޓެންޓް ސްޕަރިންޓެންޑެންޓް އޮފް ޕޮލިސް ނީރަޖް ކުމާރް ޖަދުއާން ވިދާޅުވިއެވެ.

ޕޮލިސް އޮފިސަރުގެ އެދުމާއެކު އެތަނުން ފިރިހެން ކުއްޖާ ކުރިއަށް ނުކުމެ، މާފަށް އެދި އޭނާ އެއްވެސް ގޯސްކަމެއް ނުކުރާކަމަށް ބުނެ އެކަން ޖަދުއާނަށް އޮޅުންފިލުވައިދިނެވެ. އެއާއެކު ދެފަރާތުގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ވާހަކަތަކެއް ދެކެވުމަށް ފަހު، އެ ފިރިހެން ކުއްޖާއާ އޭނާއާއެކު ހުރި އަންހެންކުއްޖާ، ރަކި ފާޑަކަށް ހިނިތުން ވެލާފައި އެތަނުން ދިޔައީއެވެ.

"ބައެއް މީހުން ފުލުހުން ދެކެ ވަރަށް ބިރުގަންނާނެ. މިއީ އަހަރެމެން އެމީހުން ހޭލުންތެރިކުރުވާން ޖެހޭ ކަންތައްތަކަކީ،" ޖަދުއާން ވިދާޅުވިއެވެ.

"އަނެއްކޮޅުން މަގުމަތީންދާ މީހުންނާ ފޮށުމަކީ އަހަރެމެން އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތްކުރާން ޖެހިފައިވާ ކަމެއް."

އާންމު ތަންތަނުގައި މިގޮތަށް މަޑުކޮށްލައިގެން ތިބޭ، ބައިވެރީންނަށް ބިރުދައްކައި، ޖެއްސުން ނުކުރުމަށް ފުލުހުންނަށް ވަނީ ވަރަށް ބޮޑަށް އިރުޝާދު ދެވިފައި -- ފޮޓޯ: ބީބީސީ

އުއްތަރް ޕްރަދޭޝް ފުލުހުން މިފަދަ ސްކޮޑެއް އެކުލަވައިލީ، ޖިންސީ ގޯނާކުރުމުގެ ރިޕޯޓުތައް ވަރަށް ބޮޑަށް ގިނަވުމާ ގުޅިގެންނެވެ. އެހެން ނަމަވެސް، މިފަދަ ކަންކަމާ ގިނައިން ކުރިމަތިލާން ޖެހެނީ އަންހެނުންނަށް ކަމަށްވެފައި، އެ ފަރާތްތަކުން ކޮންމެ ވެސް ސަބަބަކާ ހުރެ، މިފަދަ ހާދިސާތައް ރިޕޯޓް ނުކުރާތީ މީގެ ފުރިހަމަ ތަފާސްހިސާބެއް ނެތެވެ.

ޖިންސީ ގޯނާއާއި ފުރައްސާރަކުރުން ހުއްޓުވުމަށް އުއްތަރް ޕްރަދޭޝުން ވަނީ، 1400 ފުލުސް އޮފިސަރުންގެ ސްކޮޑެއް އެކުލަވާލައި، އެކި ހިސާބުތަކަށް ރުކުރުވާލައިފައެވެ.

މި ސްކޮޑުގެ ނަތީޖާއަށް ބަލާއިރު، ޖުމުލަގޮތެއްގައި ކަންކަން ރަނގަޅުވަމުން ދާކަމަށް ބެލެވުނު ނަމަވެސް ބައެއް އޮފިސަރުން މާބޮޑަށް ހަރުކަށި އުސޫލުތައް ގެންގުޅޭ ކަމަށް ރިޕޯޓު ކުރެވިފައި ވެއެވެ. އަދި އޭގެ ތެރޭން ހާދިސާއެއްގައި، އެކަހެރިކޮށް އުޅުނު ޒުވާން ޖޯޑަކަށް ފުލުހުން އަނިޔާކޮށް ހަދާފައިވާ ކަމުގެ ރިޕޯޓުތަކެއްވެސް ލިބިފައިވާ ކަމަށް ވެއެވެ.

ފުލުހުންގެ އިސް ތަރުޖަމާނު ރާހުލް ސިވަސްތަވާ ވިދާޅުވިގޮތުގައި މިފަދަ ނުރަނގަޅު ކަންކަން ފެނިފައި ވަނީ ވަރަށް މަދު އޮފިސަރުންގެ ފަރާތުންނެވެ.

"އަހަރެމެން މިދަނީ ތަކުރާރުކޮށް އޮފިސަރުންނަށް އިރުޝާދު ދެމުން ކުރާން ޖެހޭ ކަންތައްތަކާއި ކުރާން ނުޖެހޭ ކަންކަން." އޭނާ ވިދާޅުވިއެވެ.

"ހަރުކަށިވި ނުވަ ފުލުހެއް މިހާތަނަށް ވާނީ ސަސްޕެންޑުކޮށްފައި. އަހަރެމެން ވަރަށް ބޮޑަށް ކިޔައިދީފައި ވާނީ، ބޮޑެތި މީހުންނާ މުއާމަލާތުކުރާއިރު އެމީހުންނަށް އުނދަގޫ ނުވާނޭ ގޮތަށް މުއާމަލާތުރަން."

އަބިލާޝް ޑެނިސް، ފުލުހުންގެ މި އިސްނެގުމަށް ވަރަށް ބޮޑަށް ތައުރީފްކުރޭ. އެކަމަކު މި ކަން ހިނގާގޮތް އިތުރަށް އާންމުންނަށް ބުނެދިނުމަސް އެދޭ -- ފޮޓޯ: ބީބީސީ

އިންޑިއާގެ ބައެއް ހިސާބުތަކުގައި އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު އެކުގައި އާންމު ތަނެއްގައި ނަމަވެސް ވަކިންގޮސް އިށީނދެ ތިބުމާއި އެކަހެރިކޮށް އުޅުމަކީ ވަރަށް ބޮޑަށް އެމީހުން ދެކޮޅުހަދާ، އަދި އެތަންތަނުގެ އާދަކާދައާ މުޅީން ޚިލާފު ކަމެކެވެ. އެހެންކަމުން އެފަދަ ހާލަތްތަކުގައި ބައެއްފަހަރު މާރާމާރީތައްވެސް ހިނގާފައި އެބަހުއްޓެވެ.

އެސިސްޓެންޓް ސްޕަރިންޓެންޑެންޓް އޮފް ޕޮލިސް ޖަދުއާން ވިދާޅުވިގޮތުގައި މިފަދަ ހަރުކަށި ވިސްނުން، ބައެއް ފުލުހުންވެސް ގެންގުޅެއެވެ. އެކަމަކު އެއީ ވަރަށް މަދު ބައެއް ކަމަށާއި، ފުލުހުންގެ ސްކޮޑް ހަރަކާތްތެރިވާން ފެށިފަހުން، މަގުމަތީން ފޮށުމާއި، ފުރައްސާރަކުރުން ވަރަށް ބޮޑަށް ހުއްޓިފައިވާ ކަމަށް ވިދާޅުވިއެވެ.

އާންމުންގެ ރައްކާތެރިކަމަށްޓަކައި ނަމަވެސް، ފުލުހުންގެ މިފަދަ ޚާއްސަ ސްކޮޑެއް ހަރަކާތްތެރިވުމަކީ، ބައެއް މީހުންނަށް އެހާ ގަޔާވާ ކަމަކަށް ނުވެއެވެ.

"އަހަރެމެންގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަކީ ފުލުހުންގެ ވާޖިބެއް. އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި، އަހަރެންގެ ލޯބިވެރިޔާއާއެކު، ނުވަތަ ފިރިހެން ރަހްމަތްތެރިޔަކާއެކު ގިނަ ބަޔަކު އެއްވާ އާންމު ތަނެއްގައި ތިއްބާ، އެގޮތަށް ވަކިވަކި ފުލުހުން އައިސް، ސުވާލުކުރުމަކީ އެހާ ހިތްހަމަޖެހޭ ކަމެއް ނޫން،" ކާކުކަން ހާމަކުރަން ނޭދޭ ޒުވާން އަންހެންކުއްޖަކު ބުންޏެވެ.

ފުލުހުންގެ ކޮންސްޓަބަލް ސަންތޯޝް ޕައުލް، ޕެޓްރޯލްކުރަމުންދިޔަ ސަރަހައްދުގައި ތިބި ޒުވާން ދެ އަންހެނުންނާ ވާހަކަދައްކަނީ -- ފޮޓޯ: ބީބީސީ

"އަހަރެން ގަބޫލުކުރަން، މީހުންނަށް ފުރައްސާރަކޮށް ފޮށުމަކީ ވަރަށް ގޯސް އަމަލެއް. އެކަން ހުއްޓުވާން ފުލުހުން މަސައްކަތްތަކެއް ކުރާތީ އަހަރެން ވަރަށް އުފާވެސް ކުރަން. އެކަމަކު މިކަން ކުރުމަށް ފުލުހުން ވަރަށް ބޮޑަށް ތަމްރީނުވާން ޖެހޭ."

އެ ސިޓީގެ އެހެން ސަރަހައްދެއްގައި، އާންމުން އެއްވެ އުޅޭ ސަރަހައްދެއްގައި ހުރި ބެންޗެއްގައި އިށީނދެ ތިބި ދެޖިންސުގެ ޖޯޑެއް ކިޔައިދިން ގޮތުގައި، ފުލުހުންގެ އެ މަސައްކަތަށް އޭނާ ފުރިހަމައަށް ތާއީދު ކުރެއެވެ. އަދި އެގޮތަށް އާންމުންގެ ސަލާމަތާ ރައްކާތެރިކަމަށް ކުރާ މަސައްކަތުގައި، ފުލުހުން އައިސް ސުވާލުކުރުމަކީ އޭނާއަށް އެއްވެސް މައްސަލައެއް ނޫންކަމަށް ބުންޏެވެ.

"މި ސްޓޭޓްގައި ފޮށުމާއި ފުރައްސާރަކުރުން މިވަނީ އިންތިހާއަށް މައްޗަށް ގޮސްފައި. މިފަދަ އާންމު ތަންތަނުގައި ދިމާވެފައިވާ ބިރުވެރި ހާދިސާތައް މި ސިޓީގެ އެތަކެއް އަންހެން ދަރީން މިހާރުވެސް އަސަރާއެކު ކިޔައިދޭނެ،" ކްރިތިކާ ސިންގް ކިޔާ އެ ޒުވާން އަންހެން މީހާ ބުންޏެވެ.

"ނާޖާއިޒް ފައިދާނަގައި އަންހެން ކުދީންނާ ދިމާލަށް ހަޑިހުތުރު ވައްތަރު ޖައްސައި ހަދާ ފިރިހެނުން ވަރަށް އާންމު. ބައެއް ފަހަރު އެފަދަ މީހުން އަހަރެމެންގެ ގަޔަށް އަތްލައިވެސް ހަދާ."

ކްރިތިކާ ސިންގް ގަބޫލުކުރާ ގޮތުގައި މަގުމަތީން މީހުނާ ފޮށި، ފުރައްސާރަކުރުން އުއްތަރު ޕްރަދޭޝްގައި ވަނީ ހައްދުފަހަނައަޅާފައި -- ފޮޓޯ: ބީބީސީ

ބައެއް ފަހަރު، އެންޓި-ހެރެސްމަންޓް ސްކޮޑުގެ ބައެއް ފުލުހުންގެ ފަރާތުން ނޭދެވޭ، ހަރުކަށި އަމަލުތައް ފެނުނުކަމުގައި ވީ ނަމަވެސް، ފުލުހުންގެ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ގިނަ ބަޔަކު އެދެއެވެ.

"މި ހަރަކާތުގެ ސަބަބުން އަހަރެމެންނަށް މިހާރު، 100 ޕަސެންޓް ރައްކާތެރި ނޫން ނަމަވެސް، ވަރަށް ބޮޑަށް ރައްކާތެރިކަން އިހްސާސް ކުރެވޭ،" ސާދުނާ މައުޔާރު ކިޔާ ޒުވާނަކު ބުންޏެވެ.

ފުލުހުންގެ ޚާއްސަ ސްކޮޑް ހަރަކާތްތެރިވަނީ، ހަމައެކަނި ޕާކުތަކުގައެއް ނޫނެވެ. ސްކޫލް، ކޮލެޖް، ޔުނިވާރސިޓީ، ހޮސްޕިޓަލް، ޝޮޕިންމޯލް، ބަސް ސްޓޮޕް، ރެއިލްވޭސް ފަދަ އާންމުން އެއްވާ ހުރިހާ ތަންތަނެއްގައި ހެން މި ސްކޮޑުގެ ފުލުހުން ހަރަކާތްތެރިވެ، ކުޑަކޮށްވެސް ޝައްކު ކުރެވޭ ގޮތަކަށް އުޅޭ މީހެއް ނަމަ، ނުވަތަ އެފަދަ ރިޕޯޓެއް ލިބުނު ކަމުގައި ވީނަމަވެސް ސުވާލުކޮށް ހަދައެވެ.

"ފުލުހުން ވަރަށް ގިނަ ފިރިހެނުންނާ ސުވާލުކުރޭ. އެކަމަކު މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ. އަހަރެމެންގެ މަގުސަދަކީ ބަޔަކު ހައްޔަރުކުރުމެއް ނޫން. މަގުމަތީން މީހުންނާ ފޮށޭ ފަރާތްތަކަށް އަހަރެމެން އަންގަން ބޭނުންވަނީ އެމީހުން އަތުލައިގަންނަން، އަދި އެފަދަ އަމަލުތައް ހުއްޓުވަން ފުލުހުން އެބަ ތިބިކަން." އެސިސްޓެންޓް ސްޕަރިންޓެންޑެންޓް އޮފް ޕޮލިސް ޖަދުއާން ވިދާޅުވިއެވެ.

ކޮންމެ ދުވަހެއްގެ ވެސް ޑިއުޓީ ނިންމާލުމަށް ފަހު އެންޓި-ހެރެސްމަންޓް ހުރިހާ ސްކޮޑްތަކެއްވެސް އެދުވަހެއްގެ ހާދިސާތައް ސީނިއާ އޮފިސަރުންނާ ހިއްސާކުރޭ -- ފޮޓޯ: ބީބީސީ

އިއްލާއާބާދުގެ ފުލުހުން ގަބޫލުކުރާ ގޮތުގައި، އެންޓި-ހެރެސްމަންޓް ފުލުހުން އެ ސިޓީގައި ހަރަކާތްތެރިވާން ފެށިފަހުން، މަގުމަތީގައި ގިނަބަޔަކަށް ރައްކާތެރިކަން އިހްސާސްކުރެވެން ފަށައިފިއެވެ. އަދި އާންމު ތަންތަނުގައި ފުރައްސާރަކޮށް ފޮށި ހެދުން ވަރަށް ބޮޑުތަން މަދުވެފައިވާކަން އާންމުންގެ ވާހަކަތަކުން ފާހަގަކުރެވެމުން ދާކަމަށް ފުލުހުން ގަބޫލުކުރެއެވެ.

އަހަރެމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް މަގުމަތީން، މީހުންނާ ފޮށި ފުރައްސާރަކޮށް ހެދުމަކީ ވަރަށް އާންމު ކަމެކެވެ. އަދި ބައެއްފަހަރު، ޒުވާން އަންހެންކުދީންނަށް އެކަނި މަގުމައްޗަށް ނުކުމެއުޅެން ލަދުވެތިވެ، ބިރުގަންނަވަރުގެ ހާދިސާތައްވެސް އެފަދަ ފަރާތްތަކުން ކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން ދާއިމީގޮތެއްގައި މިފަދަ "ޚާއްސަ ސްކޮޑެއް" ރާއްޖޭގައިވެސް ހަރަކާތްތެރިވުމަކީ އާންމުންނަށް ހަމަޖެހުމާ އަމާންކަން އިހްސާސް ކުރެވި، މަގުމަތީގެ އުފާވެރިކަން އިތުރުވެގެން ދާނޭ ކަމެއްކަން ޔަގީނެވެ.

*-- މަސްދަރު: ބީބީސީ

comment ކޮމެންޓް