ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ ތަށި ކަލާފާނުން މިލްކުކޮށް ތާރީހުގެ ތެރެއަށް

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރާއިން އެއްވަނަ ހޯދި ކަލާފާންގެ ދަރިވަރުން، ބެނާ އެއް ހިފަހައްޓައިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ބަހުގެ އެކެޑަމީ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާ ގުޅިގެން ބޭއްވި ވާހަކަދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ޖެހިޖެހިން ތިން އަހަރު ކާމިޔާބުކޮށް، ކަލާފާނު ސްކޫލުން އެ މުބާރާތުގެ ތަށި މިލްކުކޮށްފިއެވެ.

ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމީ ޔުނިވާސިޓީގެ ހޯލްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި 13 އަހަރުން ފަށުގެ އުމުފުރުރާއިން އެއްވަނަ ހޯދާފައިވަނީ ކަލާފާން ސްކޫލުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ކަލާފާން ސްކޫލަށް އިނާމު ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

ކަލާފާން ސްކޫލުން މި ހޯދި ކާމިޔާބީއަކީ ދިވެހި ބަހުގެ އެކެޑަމީ އުފެދުނު ފަހުން، ބޭއްވި ވާހަކަދެއްކުމުގެ ގައުމީ މުބާރާތެއްގައި ސްކޫލަކުން އެ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ ތާރީހުގައި 13 އަހަރުން ދަށުގެ އުމުރުފުރާގެ ތަށި މިލްކު ކުރި ފުރަތަމަ ފަހަރު ކަމަށް ބަހުގެ އެކެޑަމީން ބުނެއެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރާއިން އެއްވަނަ ހޯދި ކަލާފާން ސްކޫލަށް އިނާމު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވާހަކަދެއްކުމުގެ މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރާއިން އެއްވަނަ ހޯދުމުގެ އިތުރުން އެ ސްކޫލުގެ ދެ ދަރިވަރަކު ވަނީ އެ އުމުރުފުރާގެ ދެވަނަ އަދި ތިން ވަނަ ހޯދާފައެވެ. އަދި 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ އެއްވަނަ ކަލާފާނުގެ ދަރިވަރަކު ވަނީ ހޯދާފައެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގައި މިހާތަނަށް ތަށި މިލްކު ކޮށްފައިވަނީ 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން ސީއެޗްއެސްސީ އާއި ކުރީގެ މައުހަދު ދިރާސާތުލް އިސްލާމިއްޔާ ނުވަތަ މިހާރުގެ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީންނެވެ.

ނަމަވެސް މުބާރާތުގެ 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއިން އަދި މިހާތަނަށް އެއްވެސް ސްކޫލަކުން ތަށި މިލްކު ކޮށްފައެއްނުވެއެވެ.

ތިން އުމުރުފުރާއަކުން ޖުމްލަ 299 ބައިވެރިންނާ އެކު މިއަހަރުގެ ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގައި ރާއްޖޭގެ 20 ސްކޫލަކުން ދަރިވަރުން ބައިވެރިވިއެވެ. އަދި މިއީ މިހާތަނަށް އެ މުބާރާތުގައި އެންމެ ގިނަ އަދަދަކަށް ދަރިވަރުން ބައިވެރިވި އަހަރެވެ.

comment ކޮމެންޓް