ސުލްހަވެރިކަމާއެކު އުތުރު ކޮރެއާގެ މައްސަލަ ހައްލުކުރަން ޗައިނާއިން ގޮވާލައިފި

ޗައިނާގެ ރައީސް ޝީ ޖިންޕިންގާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފޯނުން ވާހަކަ ދައްކަވާފަ --

ބެއިޖިން (އޭޕްރިލް 12): އުތުރު ކޮރެއާ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލު ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލައްވައިފި ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

އެމެރިކާގެ ކަނޑުގެ މަނަވަރުތަކެއް ކޮރެއަން ޕެނިންސުލާއާ ދިމާލަށް މިސްރާބު ޖެހި ފަހުން އުތުރު ކޮރެއާއިން ވަނީ އެގައުމު ހަނގުރާމައަށް ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ.

އަދި އިއްޔެ ރައީސް ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވަނީ އުތުރު ކޮރެއާގެ މައްސަލަ ހައްލު ކުރުމަށް ޗައިނާއިން އެހީ ނުވާނަމަ، އެމެރިކާއިން އަމިއްލައަށް ފިޔަވަޅު އަޅަން ތައްޔާރަށް އޮތް ކަމަށް އަނެއްކާވެސް ވިދާޅުވެފައެވެ.

ޗައިނާގެ ސީސީޓީވީން ބުނި ގޮތުގައި ރައީސް ޝީ އާއި ރައީސް ޓްރަމްޕް ފޯނުން ވާހަކަ ދެއްކެވީ މިއަދު ހެނދުނެވެ. އެފޯނު ކޯލުގައި ރައީސް ޝީ ވަނީ އުތުރު ކޮރެއާ ަމައްސަލަ ސުލްހަވެރިކަމާ އެކު ހައްލު ކުރުމަށް ޗައިނާއިން ގޮވާލާ ކަަމަށް ވިދާޅުވެފައެވެ.

އަދި އުތުރު ކޮރެއާ އަކީ ނިއުކްލިއާ ހަތިޔާރު ނުގެންގުޅޭ ގައުމަކަށް ހެދުމަށާއި، އެސަރަހައްދުގައި ސުލްހަ ގާއިމު ކުރުމަށް ޗައިނާއިން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޝީ ވިދާޅުވި ކަމަށް ސީސީޓީވީން ބުނެއެވެ.

އެފޯނު ކޯލުގެ ތަފްސީލު ވައިޓް ހައުސްއިން ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން މިދިޔަ ހަފްތާ ބަންދު ތެރޭގައި ރައީސް ޝީ ވަނީ އެމެރިކާއަށް ވަޑައިގެން، ރައީސް ޓްރަމްޕާ ބައްދަލު ކުރައްވައި، އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމު ހުއްޓުވާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. (ބީބީސީ)

comment ކޮމެންޓް