އެލްޖީއޭ ބޯޑުން މެމްބަރުން މަދުކޮށް، އަލުން ބޯޑު އެކުލަވާލަން މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ---- ފޮޓޯ/ މަޖިލިސް

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު މެމްބަރުންގެ އަދަދު މަދުކޮށް އަލުން ބޯޑު އެކުލަވާލަން ކޮމިޓީން ނިންމި ގޮތަށް މަޖިލީހުން ފާސްކޮށްފި އެވެ.

މީގެ ކުރިން ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑުގައި ބައިތިއްބަން ކޮމިޓީން ފާސްކޮށްފައި ވަނީ ފަސް މެމްބަރުންނެވެ. މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ އެލްޖީއޭގެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ކޮމިޓީން ނިންމި ގޮތަށް މަޖިލީހުން ފާސްކޮށްފައި ވަނީ 44 މެމްބަރުންގެ ވޯޓާ އެކު އެވެ. ބަލައިގަންނަން ނުފެންނަ ކަމަށް 17 މެމްބަރުން ވޯޓު ދެއްވި އެވެ.

ބޯޑުގައި ހިމެނޭ މެމްބަރުން

  • ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެއް
  • ޖެންޑަ އިކުއަލިޓީ ދާއިރާއިން ތަޖުރިބާ ލިބިފައި ހުރި އަންހެން މެމްބަރެއް
  • މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައި ހުރި މެމްބަރެއް
  • ޗީފް އެގެޒެކެޓިވް އޮފިސަރެއް

ކޮމިޓީ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ ބޯޑަށް އައްޔަން ކުރާ މެމްބަރުނަކީ މަޖިލީހުން ފާސްކޮށްގެން، މަޖިލީހުގެ ރުހުން ލިބިފައިވާ ބަޔަކަށް ވާންޖެހޭނެ އެވެ. މަޖިލީހުން ފާސްކުރާ ނަންތަކަކީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާ ނަންތަކަށް ވާންޖެހޭ ކަމަށް ވެސް އިސްލާހުގައި ބުނެފައވެ އެވެ.

މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ނަންތަކަކީ އެލްޖީއޭގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ނަންތަކަކަށް ވާން ޖެހެ އެވެ. އެ މަގާމަށް ކުރިމަތިލާ ހުރިހާ ފަރާތްތަކެއްގެ ނަންތައް މަޖިލީހަށް ފޮނުވުމަށް އެ އިސްލާހުގައި ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުކޮށްފައެއް ނުވެ އެވެ.

ނަމަވެސް އެލްޖީއޭ ބޯޑަށް މަޖިލީހުން މިހާރު އައްޔަންކޮށްފައިވާ ބައެއް މެމްބަރުންނަކީ ސީދާ ރައްޔިތުންގެ މަޖިލީހުން އިއުލާންކޮށްގެން، އެ މަގާމުތަކަށް މަޖިލީހުން ހޮއްވަފާފައިވާ މެމްބަރުންނެވެ.

އަލަށް އައްޔަން ކުރާ ބޯޑުގެ މުއްދަތެއް ކަމުގައި ކަނޑައަޅާފައި ވަނީ ފަސް އަހަރު ދުވަހެވެ.

މެމްބަރުންގެ ހުންނަންޖެހޭ ޝަރުތުތައް

  • ދިވެއްސަކަށް ވުން
  • އުމުރުން 25 އަހަރު ފުރުން
  • ބުއްދި ސަލާމަތުން ހުރުން
  • ވޭތުވެދިޔަ ފަސްއަހަރު ހައްދު ކަނޑައަޅޭ ކުށެއް ސާބިތުނުވާ މީހަކަށްވުން
  • އިންތިހާބީ މަގާމެއް ނުވަތަ މުއައްސަސާއެއްގެ މެމްބަރަކަށް ނުވުން

ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ އެލްޖީއޭގެ ބޯޑު އެކުލެވިގެންވާ ގޮތަށް ގެނައި ބަދަލު މަޖިލީހުން ފާސްކޮށް ގެޒެޓްގައި ޝާއިއުކޮށް އަމަލުކުރަން ފެށުމާ އެކު މިހާރު އޮތް އެލްޖީއޭގެ ބޯޑު އުވިގެންދާނެ ކަމަށެވެ.

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި އެ އިސްލާހު ކޮމިޓީން ފާސްކުރަން ނިންމާފައިވަނީ ކޮމިޓީއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ. އޭގެތެރޭގައި އެމްޑީޕީ މެމްބަރުން ވެސް ހިމެނެ އެވެ.

މިހާރު ގާނޫނު ބުނާ ގޮތުން އެލްޖީއޭގެ ބޯޑުގައި ހިމެނިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރަކާއި މާލޭ ސިޓީ ކައުންސިލްގެ ކައުންސިލް މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން ކަނޑައަޅާ ހަތަރު މެމްބަރުންނާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި އާންމު މެމްބަރެއްގެ އިތުރުން ސިޓީއެއްގެ ކައުންސިލް މެމްބަރެކެވެ.

ނަމަވެސް އިސްލާހާ ގުޅިގެން ކައުސިލްތަކަށް އެލްޖީއޭގެ ބޯޯޑުން ޖާގައެއް ނުލިބޭނެ އެވެ.

އެލްޖީއޭއަކީ ކައުސިލުތަކުގެ މަސައްކަތް ހިނގާ ނުހިނގާގޮތާއި ކައުސިލްތަކުގެ ހަމަތަކާއި އުސޫލުތައް ބެލުމަށް ކަނޑައަޅާފައިވާ މުއައްސަސާއެކެވެ.

comment ކޮމެންޓް