ނ. މާފަރު މަގު ހެދުމަށް ގެންގޮސްފައި އޮތް ލޮރީއެއްގައި 'ރޯކޮށްލައިފި'

މާފަރު މަގު ހެދުމަށް ގެންގޮސްފައި އޮތް ލޮރީގައި ރޯކޮށްލާފައި --- ފޮޓޯ/ ކިޔުންތެރިއެއް

ނ. މާފަރުގެ ވަށައިގެން އޮންނަ މަގު ހެދުމަށް އެ ރަށަށް ގެންގޮސްފައި އޮތް ލޮރީއެއްގައި ބަޔަކު ރޯކޮށްލައިފި އެވެ.

މާފަރު ކައުންސިލުގެ ރައީސް އަހުމަދު އާމިރު މިއަދު ވިދާޅުވީ، އެ ރަށު ވަށާ ހިނގާ މަގު ހެދުމަށް ހަވާލުކޮށްފައިވާ އަމިއްލަ ފަރާތުން އެ ރަށަށް ގެންގޮސްފައިވާ ލޮރީއެއްގައި ރޯކޮށްލާފައި ވަނީ ރޭ ދަންވަރު ގާތްގަނޑަކަށް 2:30 އާއި 3:30 އާ ދެމެދު ކަމަށެވެ.

މާފަރު މަގު ހެދުމަށް ގެންގޮސްފައި އޮތް ލޮރީގައި ރޯކޮށްލާފައި --- ފޮޓޯ/ ކިޔުންތެރިއެއް

އެ ލޮރީ އަކީ އާރުކޭއެލް ރެންޓަލްސް އިން ކުއްޔަށް ނަގާފައިވާ ލޮރީއެއް ކަމަށާއި ލޮރީގައި ރޯކޮށްލުމާ ގުޅިގެން ބޭނުން ނުކުރެވޭ ވަރަށް ވެހިކަލް ވަނީ އަނދައިގެން ގޮސްފަ އެވެ. ނަމަވެސް އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ވެސް ބުނީ، މާފަރުގައި އޮތް ލޮރީ އެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓެއް ފުލުހުންނަށް ރޭ ދަންވަރު 4:50ގައި ހުށަހަޅާފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މާފަރު މަގު ހެދުމަށް ގެންގޮސްފައި އޮތް ލޮރީގައި ރޯކޮށްލާފައި --- ފޮޓޯ/ ކިޔުންތެރިއެއް

ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، މާފަރުގެ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިއަހަރުގެ ކުރީކޮޅެވެ. އަދި އެ މަސައްކަތަށް ދެ އެކްސްކަވޭޓަރާއި ކެރޭނެއް ވެސް ގެންގޮސްފައިވާ އިރު މަގު ހެދުމުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ކައުންސިލުގެ ނައިބް ރައީސް އަބްދުލމާޖިދު އަލީ ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތާ ގުޅިގެން އެ މަސައްކަތަކީ ރަނގަޅަށް ހަވާލުކޮށްފައިވާ މަސައްކަތެއް ނޫންކަމަށް ބުނެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި އެކަމާ ގުޅިގެން ރައްޔިތުން ކައުންސިލާ ވެސް ބައްދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް