ކްލެސިކޯ މެޗާ އެކު ނޭމާ ލަލީގާ ތިން މެޗަށް ސަސްޕެންޑް

ސްޕެނިޝް ލަ ލީގާގައި މަލާގާއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި ރަތް ކާޑު ދެއްކުމުގެ ކުރިން ނޭމާ(ކ)، މެސީ(ވ)އާއެކު --- ފޮޓޯ/ އޭޕީ

ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ އެލް ކްލެސިކޯ މެޗާއެކު ޖުމްލަ ތިން ސްޕެނިޝް ލަ ލީގާ މެޗަށް ބާސެލޯނާގެ ބްރެޒިލް ތަރި ނޭމާ ސަސްޕެންޑްކޮށްފިއެވެ.

ތިން މެޗުގެ ސަސްޕެންޝަނަކާ ނޭމާ ކުރިމަތިލާން ޖެހުނީ ލަލީގާގައި މިދިޔަ އާދީއްތަ ދުވަހު މަލާގާއާ ދެކޮޅަށް ކުޅެ، 2-0 ލަނޑުން ބާސާ ބަލިވި މެޗުގެ ދެވަނަ ހާފުގައި ނޭމާ ކުރި ނުރައްކާތެރި ފައުލާ ގުޅިގެން ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.

ނޭމާއަށް އަދަބު ދިނުމަށް ނިންމާފައިވަނީ ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަންގެ ކޮމްޕެޓިޝަން ކޮމިޓީން ބެލުމަށްފަހުއެވެ. ނޭމާގެ ކުށެއް ނެތްކަން ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުމަށް ބާސާއަށް ފުރުސަތު ހުޅުވާލި ނަމަވެސް، އެކްލަބަށް ދެކޮޅަށް އެއްވެސް ހެއްކެއް ހުށަހެޅިފައިނުވާ ކަމަށް މައްސަލަ ބެލި ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނެއެވެ.

ލަ ލީގާގައި ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެވަނައިގައި އޮތް ބާސާއާ ދެމެދު ތިން ޕޮއިންޓްގެ ފަރަގެއް އޮތްއިރު، ރެއާލަށް އަދި ކުރިއަށް ފައިދާ އެއް މެޗު ވެސް އެބައޮތެވެ. އެހެންކަމުން ލަ ލީގާ ދިފާއުކުރުމުގެ އުންމީދު އާކުރަން ބޭނުންނަމަ، ރެއާލް އަތުން ބާސާއަށް މޮޅެއް ހޯދުން މުހިއްމެވެ.

މިމަހުގެ 23 ވަނަ ދުވަހު ރަށުން ބޭރުގައި ރެއާލްއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ދެން ނޭމާއަށް ގެއްލޭނީ އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅޭ މެޗު އަދި މިމަހުގެ 26 ވަނަ ދުވަހު އަމިއްލަ ދަނޑުގައި އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗެވެ. ދެން ލަ ލީގާގައި ބާސާ ޓީމުން ނޭމާ ފެނިގެންދާނީ މިމަހުގެ 29 ވަނަ ދުވަހު ރަށުން ބޭރުގައި އެސްޕަންޔޯލްއާ ދެކޮޅަށް ކުޅޭ މެޗުގައެވެ.

comment ކޮމެންޓް