އެލްޖީއޭ ބޯޑުން މެމްބަރުން މަދުކޮށް، ބޯޑު އަލުން އެކުލަވާލަން ކޮމިޓީން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑު މެމްބަރުންގެ އަދަދު މަދުކޮށް އަލުން ބޯޑު އެކުލަވާލަން ކޮމިޓީން ފާސްކޮށްފި އެވެ.

މީގެކުރިން ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑުގައި ބައިތިއްބަން ކޮމިޓީން ފާސްކޮށްފައި ވަނީ ފަސް މެމްބަރުންނެވެ. މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ އެލްޖީއޭގެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ބޯޑުގައި ހިމެނޭ މެމްބަރުން

  • ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެއް
  • ޖެންޑަ އިކުއަލިޓީ ދާއިރާއިން ތަޖުރިބާ ލިބިފައި ހުރި އަންހެން މެމްބަރެއް
  • މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައި ހުރި މެމްބަރެއް
  • ޗީފް އެގެޒެކެޓިވް އޮފިސަރެއް

ކޮމިޓީ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ ބޯޑަށް އައްޔަން ކުރާ މެމްބަރުނަކީ މަޖިލީހުން ފާސްކޮށްގެން، މަޖިލީހުގެ ރުހުން ލިބިފައިވާ ބަޔަކަށް ވާންޖެހޭނެ އެވެ. މަޖިލީހުން ފާސްކުރާ ނަންތަކަކީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާ ނަންތަކަށް ވާންޖެހޭ ކަމަށް ވެސް އިސްލާހުގައި ބުނެފައވެ އެވެ.

މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ނަންތަކަކީ އެލްޖީއޭގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ނަންތަކަކަށް ވާންޖެހެ އެވެ. އެ މަގާމަށް ކުރިމަތިލާ ހުރިހާ ފަރާތްތަކެއްގެ ނަންތައް މަޖިލީހަށް ފޮނުވުމަށް އެ އިސްލާހުގައި ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުކޮށްފައެއް ނުވެ އެވެ.

ނަމަވެސް އެލްޖީއޭ ބޯޑަށް މަޖިލީހުން މިހާރު އައްޔަންކޮށްފައިވާ ބައެއް މެމްބަރުންނަކީ ސީދާ ރައްޔިތުންގެ މަޖިލީހުން އިއުލާންކޮށްގެން، އެ މަގާމުތަކަށް މަޖިލީހުން ހޮއްވަފާފައިވާ މެމްބަރުންނެވެ.

އަލަށް އައްޔަން ކުރާ ބޯޑުގެ މުއްދަތެއް ކަމުގައި ކަނޑައަޅާފައި ވަނީ ފަސްއަހަރު ދުވަހެވެ.

މެމްބަރުންގެ ހުންނަންޖެހޭ ޝަރުތުތައް

  • ދިވެއްސަކަށް ވުން
  • އުމުރުން 25 އަހަރު ފުރުން
  • ބުއްދި ސަލާމަތުން ހުރުން
  • ވޭތުވެދިޔަ ފަސްއަހަރު ހައްދު ކަނޑައަޅޭ ކުށެއް ސާބިތުނުވާ މީހަކަށްވުން
  • އިންތިހާބީ މަގާމެއް ނުވަތަ މުއައްސަސާއެއްގެ މެމްބަރަކަށް ނުވުން

ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ އެލްޖީއޭގެ ބޯޑު އެކުލެވިގެންވާ ގޮތަށް ގެނައި ބަދަލު މަޖިލީހުން ފާސްކޮށް ގެޒެޓްގައި ޝާއިއުކޮށް އަމަލުކުރަން ފެށުމާއެކު މިހާރު އޮތް އެލްޖީއޭގެ ބޯޑު އުވިގެންދާނެ ކަމަށެވެ.

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި އެ އިސްލާހު ކޮމިޓީން ފާސްކުރަން ނިންމާފައިވަނީ ކޮމިޓީއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ. އޭގެތެރޭގައި އެމްޑީޕީ މެމްބަރުންވެސް ހިމެނެ އެވެ.

މިހާރު ގާނޫނު ބުނާގޮތުން އެލްޖީއޭގެ ބޯޑުގައި ހިމެނިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރަކާއި މާލޭ ސިޓީ ކައުންސިލްގެ ކައުންސިލް މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން ކަނޑައަޅާ ހަތަރު މެމްބަރުންނާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި އާންމު މެމްބަރެއްގެ އިތުރުން ސިޓީއެއްގެ ކައުންސިލް މެމްބަރެކެވެ.

ނަމަވެސް އިސްލާހާ ގުޅިގެން ކައުސިލްތަކަށް އެލްޖީއޭގެ ބޯޯޑުން ޖާގައެއް ނުލިބޭނެ އެވެ.

އެލްޖީއޭއަކީ ކައުސިލުތަކުގެ މަސައްކަތް ހިނގާ ނުހިނގާގޮތާއި ކައުސިލްތަކުގެ ހަމަތަކާއި އުސޫލުތައް ބެލުމަށް ކަނޑައަޅާފައިވާ މުއައްސަސާއެކެވެ.

comment ކޮމެންޓް