މާފުށީ ޖަލަށް ވައްދަން އުޅުނު 32 ސިމްކާޑާއި މަސްތުވާތަކެތި އަތުލައިގެންފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ބެލުމުގެ ދަށުގައި ކ. މާފުށީގައި ހުންނަ ޖަލަށް ވަންދަން އުޅުނު ގިނަ އަދަދެއްގެ ސިމް ކާޑުތަކަކާއި މަސްތުވާތަކެއްޗާއެކު ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ އިދާރާގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން މާފުށީގައި ހިންގި އޮޕަރޭޝަނެއްގައި އެ ތަކެއްޗާއެކު 29 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު، އޭނާ ލައިގެންހުރި ޖިންސުގެ ޖީބެއްގެ ތެރޭގައި އޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓާއި 32 ސިމްކާޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ކ. މާފުށި މެޖިސްޓްރޭޓް ކޯޓުން ޖަހާފައިވާ ކަމަށެވެ.

comment ކޮމެންޓް