ވެލެންސިއާ އަކީ އަބަދުވެސް ކުޅެން ފަސޭހަ ޓީމެއް: ސާންތި

މާލޭ ލީގުގައި މާދަމާ ހަވީރު އީގަލްސްއާ ވެލެންސިއާ ކުޅޭ މެޗުގެ ކުރިން އީގަލްސްގެ ކޯޗު އިހްސާން އަބްދުލް ގަނީ ނޫސްވެރިންނާ ވާހަކަދައްކަނީ --ސަންފޮޓޯ/ ފަޔާޒް މޫސާ

ވެލެންސިއާއާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް ނޫންކަމަށާއި މާދަމާގެ މެޗަށް އީގަލްސް ނުކުންނާނީ މޮޅެއް ހޯދަން ކަމަށް އެ ޓީމުގެ ކޯޗު އިހްސާން އަބްދުލްޣަނީ (ސާންތި) ބުނެފިއެވެ.

މާލޭ ލީގުގައި މާދަމާ ހަވީރު 16:00ގައި އީގަލްސްއާ ވެލެންސިއާ ވާދަކުރާ މެޗާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާންތި ބުނީ ވެލެންސިއާއަކީ އަބަދުވެސް ކުޅެން ފަސޭހަ ޓީމެއް ކަމަށާއި އެޓީމާ ދެކޮޅަށް ކުޅެން ފަސޭހައީ ވެލެންސިއާއަކީ ވެސް އީގަލްސްއާ ދާދި އެއްގޮތަކަށް ކުޅޭ ޓީމަކަށް ވާތީ ކަމަށެވެ.

" ވަރަށް ފަސޭހަވާނެ. ވެލެންސިއާވެސް ކުޅެނީ އީގަލްސް ކުޅޭ ގޮތަށް. އެމީހުންވެސް އަހަރަމެންވެސް މި ކުޅެނީ ޕާސިން ގޭމެއް އެހެންވީމަ އުނދަގުލެއް ނުވާނެ،" ސާންތި ބުންޏެވެ.

ސާންތި ބުނީ އީގަލްސްގެ އަޒުމަކީ މާދަމާގެ މެޗުން މޮޅުވުން ކަމަށާއި ބޭނުންވަނީ ތިން ޕޮއިންޓް ކަމަށެވެ. އަދި ސީޒަން ފަށައިގެން މިހާ ހިސާބަށް އައި އިރ ނުކުޅެ ތިބި ބައެއް މުހިއްމު ކުޅުންތެރިން މާދަމާގެ މެޗުގައި ކުޅުމަކީވެސް ޓީމަށް ލިބޭ ހިތްވަރެއް ކަމަށެވެ.

ސާންތި ބުނީ އީގަލްސްގެ ޒުވާން ކުޅުންތެރިން ތިބީ ވަރަށް ރަނަގަޅު ފޯމެއްގައި ކަމަށާއި މިވަގުތަށް އީގަލްސް ކަނޑައަޅާފައިވާ އަމާޒަށް ވާސިލް ވުމަށް މި މެޗަކީ މުހިއްމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ. އަދި ބުނީ އީގަލްސްއަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެޓީމުގެ ބޭރު ކުޅުންތެރިންނަށް ރަނގަޅަށް ނުކުޅެވުންކަމަށާއި މާދަމާގެ މެޗުގައިވެސް ކީޕަރު ސުޖަން ފިޔަވައި އިތުރު ބިދޭސީ ކުޅުންތެރިއަކު ނުފެންނާނެ ކަމަށެވެ.

މާލޭ ލީގުގައި މިހާތަނަށް ކުޅުނު މެޗު ތަކުގެ ތެރެއިން އީގަލްސް މޮޅުވެފައިވަނީ ޔުނައިޓެޑް ވިކްޓަރީ އަތުންނެވެ. ވިކްޓަރީއާ އެއްވަރުވީ އިރު މާޒިޔާއަތުން އެޓީމު މަނީ ބަލިވެފައެވެ.

comment ކޮމެންޓް