ރާއްޖެއަށްފަހު ދުނިޔޭގައި ބޭއްވި މޫދު އަޑީގެ ފުރަތަމަ ކޮންފަރެންސް އިންޑިއާގައި

އިންޑިއާގެ ކެރެލާގެ ފަސް އައިޓީ ފާމެއްގެ ސީއީއޯ އިން މޫދު އަޑީގައި އިއްޔެ ބޭއްވި ކޮންފަރެންސްގެ ތެރެއިން ---

މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ އަސަރުތަކާއި ރާއްޖެއަށް ހުރި ނުރައްކާތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ތަފާތު ބައްދަލުވުމެއް ބޭއްވި ފުރަތަމަ ގައުމަކީ ރާއްޖެއެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކ. ގިރިފުށި މޫދު އަޑީގައި ބޭއްވި ކެބިނެޓް ބައްދަލުވުން ވެގެން ދިޔައީ، ދުނިޔޭގައި ބޭއްވި އެފަދަ ފުރަތަމަ ބައްދަލުވުމަށެވެ.

އެ ބައްދަލުވުން ބޭއްވިތާ އަށް އަހަރު ފަހުން، އިންޑިއާގެ ކެރެލާގެ ފަސް އައިޓީ ފާމެއްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިން މިވަނީ މޫދު އަޑީގައި ހާއްސަ ކޮންފަރެންސެއް ބާއްވައިފައެވެ.

ކެރެލާގެ ތިރުވަނަންތަޕޫރަމް ސިޓީގެ މަޝްހޫރު ބީޗް ރިސޯޓެއް ކަމަށްވާ، ކޯވަލަމްގެ ބޭރުން ހަތް މީޓަރު އަޑީގައި ބޭއްވި 30 މިނެޓުގެ އެ ހާއްސަ ކޮންފަރެންސްގައި ބައިވެރިވި ފަސް ސީއީއޯ އިން ވަނީ ކަނޑުތަކާއި ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އިންޑިއާގެ ކެރެލާގެ، ފަސް އައިޓީ ފާމެއްގެ ސީއީއޯ އިން މޫދު އަޑީގައި އިއްޔެ ބޭއްވި ކޮންފަރެންސްގެ ތެރެއިން ---

އޭގެ އިތުރުން، އެ ކޮންފަރެންސްގައި "އޯޝަން ލަވް"ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފެށުމަށް ލޯގޯ އެއްވެސް ވަނީ އިފްތިތާހް ކޮށްފައެވެ.

"މޫދު ތަގައްޔަރުވުމުގެ މައްސަލަ މިދަނީ ހަލުވި މިނެއްގައި މައްޗަށް. އަހަރެމެންގެ އަމާޒަކީ ކަނޑުތަކަށް އަޅާ ކުނި، ހާއްސަކޮށް ޕްލާސްޓިކުގެ ސަބަބުން ކަނޑުތަކަށް ކުރާ ގެއްލުމާއި ނުރައްކަލާ މެދު އާއްމުން ހޭލުންތެރިކުރުވުން،" މޫދު އަޑީގެ ކޮންފަރެންސް އިންތިޒާމްކުރުމުގައި ބައިވެރިވެ އަދި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތް އުދޭ ސަމުދްރާ ގްރޫޕްގެ ސީއީއޯ، ރާޖާ ގޯޕާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޖޫން އަށެއްގައި ދުނިޔޭގައި ފާހަގަކުރާ ކަނޑުތަކުގެ ދުވަހާ ގުޅިގެން ހާއްސަ ކުލަބެއް އިފްތިތާހްކުރަން ނިންމާފައިވާ ކަމަށެވެ. މިހާތަނަށް 40 އަށްވުރެ ގިނަ ހޮޓެލްސް ބައިވެރިވެފައިވާ އެ ކުލަބުގެ ފަރާތުން، މޫދަށް އެޅޭ ކުނި މަދުކުރުމަށް، ބީޗް ތަކާއި ކޯރުތައް ގަވައިދުން ސާފުކޮށް ހަދާނެއެވެ.

އޮކްޓޯބަރު 17، 2009 ގައި ރާއްޖޭގައި ބޭއްވި މޫދު އަޑީގެ ކެބިނެޓް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރައީސް ނަޝީދެވެ. އެ ކެބިނެޓް ބައްދަލުވުމުގައި އޭރުގެ ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި 14 ވަޒީރުންގެ ތެރެއިން 11 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއިރު، ރާއްޖޭގެ ތިމާވެށީގެ މައްސަލަތައް ދުނިޔޭގެ ސަމާލު ކަމަށް ގެނައުމަށް ހާއްސަ ގަރާރެއް ފާސްކޮށްފައިވެއެވެ.

comment ކޮމެންޓް