އިދިކޮޅު ފަރާތްތަކަށް އެންމެ ގިނަވެގެންވެސް ލިބޭނީ 35 ސޮއި: ނިހާން

މަޖިލީހުގެ މަޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ވައްދަން އުޅުނަސް އިދިކޮޅު ފަރާތްތަކަށް އެންމެ ގިނަވެގެން ވެސް ލިބޭނީ 35 ސޮއި ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ގަވާއިދަށް އިއްޔެ ގެނައި ބަދަލާ ގުޅިގެން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން 42 މެމްބަރުންގެ ސޮއި ބޭނުންނެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ނިހާން ރޭ ވިދާޅުވީ ގަބޫލުކުރެވޭ ގޮތުން އިދިކޮޅު ކޯލިޝަނުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ސޮއި ވެސް ލިބޭނީ 35 މެމްބަރުންގެ ކަމަށެވެ.

ނިހާން ވިދާޅުވީ 42 ސޮއި ހޯދޭނެ ކަމަށް ބުނެ ވާހަކަދައްކަނީ ބަޔަކަށް ހިއްވަރެއް ދޭން ކަމަށެވެ.

"އެކަމަކު މިހާރު ކަށުކަމާކެމީގެ ކަންތައް ނިމި މިކަން ގާތްގަނޑަކަށް ވަޅުލުމާ ހަމައިގަ އޮތީ،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) މަސައްކަތް ކުރައްވަމުން ގެންދަވަނީ އިދިކޮޅުން ކުރާ މަސައްކަތް "ދިރިއޮތްކަން ދައްކަން" ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރު އޮތް ކަމަށް 48 މެމްބަރުންގެ ވޯޓާއެކު ނިންމި ދުވަހު އެ މަސައްކަތުގެ "ޖަނާޒާ ބާއްވައިފި" ކަމަށް ނިހާން ވިދާޅުވި އެވެ.

"މިކަމަކީ އެކަން ކާމިޔާބު ވާނެ ކަމުގެ އެއްވެސް ފެހި ސިގްނަލެއް އެފަރާތްތަކުގެ އޮވެގެން ކުރާކަމެއް ނޫން. ހަމަ އެކަނި ބޭނުމަކީ އަޅުގަނޑުމެންތެރެ ފަސާދަކޮށްލުން،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ މަޖިލީހުގައި މުހިންމު ގިނަ މަސައްކަތްތަކެއް ހުރި ކަމަށާއި މަޖިލިސް ހުއްޓާލާފައި ބާއްވައިގެން، މަސައްކަތަށް ހުރަސް އަޅަން އިދިކޮޅަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށް ފުރުސަތު ނުދޭނެ ކަމަށެވެ.

"ޖުމްލަ އެއް މަސް ދުވަސްވެގެން ދިޔައީ ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުގައި އެއްވެސް މަސައްކަތެއް ހިންގާ ނުލެވޭތާ،" ނިހާން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުން އަތޮޅުތަކަށް ދަތުރުކޮށްގެން ކުރަން ޖެހިފައިވާ މަސައްކަތަށް ހުރަސް އެޅުން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

އިބޫ މިއަދު ވިދާޅުވެފައި ވަނީ 42 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނިންމައި ކާމިޔާބު ކުރާނެ ކަމަށެވެ.

comment ކޮމެންޓް