ކައުންސިލަރުން ނުހިމަނައި އެލްޖީއޭގެ ބޯޑު އެކުލަވާލަން ހުށަހަޅައިފި

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ ---- ފޮޓޯ: މަޖިލިސް

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގައި ކައުންސިލަރުން ނުހިމަނައި ބޯޑު އެކު ލަވާލާ ގޮތް ހެދުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މާދަމާ ފުރަތަމަ ކިޔުން އިއްވަން ހަމަޖެހިފައިވާ އެ އިސްލާހު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދެވެ.

ޖައުފަރު އިސްލާހު ހުށަހެޅުއްވީ އެލްޖީއޭގެ ބޯޑު މިހާރު އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ލާމަރުލަޒީ ގާނޫނުގެ 62 ވަނަ މާއްދާއަށް ބަދަލު ގެނައުމަށެވެ.

އެ އިސްލާހުގައިވާ ގޮތުން މިހާރު ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ބޯޑަށް އައްޔަން ކުރަންޖެހޭނީ ފަސް މެމްބަރުންނެވެ. އަދި ކައުންސިލަރުންގެ ތެރެއިން މެމްބަރުން އެކުލެވޭގޮތަށް މިހާރު ގާނޫނުގައި ބުނެފައިވީ ނަމަވެސް އެއަށްވެސް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފަ އެވެ.

މިހާރު ގާނޫނު ބުނާގޮތުން އެލްޖީއޭގެ ބޯޑުގައި ހިމެނިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ވަޒީރަކާއި މާލޭ ސިޓީ ކައުންސިލްގެ ކައުންސިލް މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން ކަނޑައަޅާއި ހަތަރު މެމްބަރުންނާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި އާންމު މެމްބަރެއްގެ އިތުރުން ސިޓީއެއްގެ ކައުންސިލް މެމްބަރެކެވެ.

އިސްލާހު ހުށަހެޅުއްވި މެމްބަރު ޖައުފަރު 'ސަން'އަށް ވިދާޅުވީ އިސްލާހު ހުށަހެޅުއްވީ އެލްޖީއޭގެ ބޯޑުގައި ފަސް މެމްބަރުން ތިބެން ޖެހޭ ގޮތަށް ކަމަށެވެ. އެއީ ކައުންސިލުތަކުގެ މެމްބަރުން ނުހިމެނޭ ގޮތަށް ކަމަށާއި ބޯޑަށް އައްޔަން ކުރާނީ ފަންނީ ބޭފުޅުން ކަމަށެވެ.

ޖައުފަރު ވިދާޅުވި ގޮތުން އެ އިސްލާހުގެ ބޭނުމަކީ އެލްޖީއޭގެ ބޯޑުގައި ތިއްބަވާ ކައުންސިލަރުންނަށް ކޮންމެ ބޯޑު ބައްދަލުވުމަކަށް ދަތުރުފަތުރު ކުރުމާ ކަންކަން ކުރަން ޖެހޭތީ އެކަމަށް ހައްލެއް ގަނައުމަށް ކަމަށެވެ. އަދި ފަންނީ ބޭފުޅުން ބޯޑުގައި ތިއްބެވުމުން އެލްޖީއޭގެ ހިންގުން އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޖައުފަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ކައުންސިލަރުން ހިމެނޭ ގޮތަށް ބޯޑު އެކުލަވާލުމުން އެބޭފުޅުންގެ މަސްލަހަތު ފުށުއަރާ މައްސަލަތައް ބެލުމަށް ދަތިތަކާ ކުރިމަތިވާ ކަމަށާއި އެހެން ކަމުން އިސްލާހާ ގުޅިގެން އެކަމަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް ޖައުފަރު ވިދާޅުވި އެވެ.

އެލްޖީއޭއަކީ ކައުސިލުތަކުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބެލުމަށް ކައުސިލްތަކުގެ ހަމަތަކާއި އުސޫލުތައް ބެލުމަށް ކަނޑައަޅާފައިވާ ކޮމިޓީ އެކެވެ.

comment ކޮމެންޓް