އަނގައިގެ ކެންސަރަށް ހޭލުންތެރި ކުރުވުމުގެ ކެމްޕޭނެއް ފަށަނީ

ކެމްޕެއިން ފެށުމަށް އެސްޓީއޯ އާއި ކެންސާ ސޮސައިޓީން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި--- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އަނގައިގެ ކެންސަރަށް މީހުން ހޭލުންތެރި ކުރުވުމަށް އެސްޓީއޯ އާއި ކެންސާ ސޮސައިޓީ ގުޅިގެން ހާއްސަ ކެންޕޭނެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެކަމުގެ އެއްބަސްވުމުގައި އެސްޓީއޯ އާއި ކެންސާ ސޮސައިޓީން މިއަދު ވަނީ ސޮއިކޮށްފަ އެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ. ކެންސާ ސޮސައިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ސޮސައިޓީގެ ރައީސް ޖުވޭރިއާ ސައީދު އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެސްޓީއޯ އާއި ކެންސާ ސޮސައިޓީ ގުޅިގެން އެއް އަހަރު ދުވަހުގެ މުއްދަތައް ހޭލުންތެރިކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރިއަށްގެންދާނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެންސާ ސޮސައިޓީގެ ރައީސް ޖުވޭރިއާ ވިދާޅުވީ، އޯރަލް ކެންސަރު ނުވަތަ އަނގައިގެ ކެންސަރަކީ ރާއްޖޭގައި އެންމެ އާންމު ކެންސަރުގެ ބާވަތް ކަމަށެވެ. އެގޮތުން އެފަދަ ބައްޔަކަށް މީހުން ހޭލުންތެރިކުރުން މިހާރަށްވުރެ އިތުރުކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެބަލި ރާއްޖޭގައި ފެތުރެން މެދުވެރިވަނީ ދިރިއުޅުމުގެ އާދަތައް ހުންނަގޮތުން ކަމަށެވެ. އެގޮތުން ދިވެހިން އާންމުކޮށް ދުފަން ބޭނުންކުރާ ފޯކާއި ސުޕާރީ އަދި ދުންފަތް ފަދަ ތަކެއްޗަކީ އަންގައިގެ ކެންސަރަށް އެންމެ ބޮޑަށް މަގުފަހިކުރުވާ ބާވަތްތައް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ވަރަށް އަވަސް ތާރީހެއްގައި ފެށުމަށް ހަމަޖެހިފައިވާ އެ ކެމްޕެއިންގެ ދަށުން ރާއްޖޭގައި ހިންގާ ޑެންޓަލް 10 ކްލިނިކަކުން އަނގައިގެ ކެންސަރަށް ސްކްރީންކުރުމުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ސީދާ ކޮން ކްލިނިކްތަކެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ.

އޭނާ ވިދާޅުވީ ސްކްރީނިންގެ އިތުރުން، އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުން އާންމުން ހޭލުންތެރިކުރުވާނެ ކަމަށެވެ. އަދި އެއްބާރުލުން ލިބޭ މިންވަރަކުން، މާލޭގައި ވެސް ހިންގާ ބައެއް ރެސްޓޯރަންޓްތަކުން ވެސް، ދުފުމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް އަންގައިދީ އިންޒާރުތައް ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ، ބަލިތަކުގައި މަރުވާ މީހުންގެ ތެރެއިން 12 ޕަސެންޓް މީހުންނަކީ އަނގައިގެ ކެންސަރުގެ ސަބަބުން މަރުވާމީހުން ކަމަށެވެ. އެހެންކަމުން މިއަދު ފަށަން އެއްބަސްވި ކެމްޕޭނަކީ މުހިންމު ކެމްޕޭނެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް