މުތާފުށީގައި ސެންޓާރާގެ ރިސޯޓެއް ހަދަން ނިންމައިފި

ބ. މުތާފުށި: މުތާފުއްޓަކީ ސެންޓާރާއިން ރާއްޖޭގައި ހިންގާ ތިންވަނަ ރިސޯޓު.

ބ. މުތާފުށީގައި ތަރައްގީކުރާ ރިސޯޓު، ތައިލެންޑްގެ ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ހިންގުމަށް ނިންމައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

"ސެންޓާރާ ގްރޭންޑް މުތާފުށި ރިސޯޓް އެންޑް ސްޕާ"ގެ ނަމުގައި މުތާފުށި ހުޅުވުމަށް ހަމަޖެހިފައި ވަނީ 2018 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އަދި އެ ރިސޯޓު ރަސްމީކޮށް ހުޅުވާނީ 2019 ވަނަ އަހަރުއެވެ.

މުތާފުއްޓަކީ ސެންޓާރާއިން ރާއްޖޭގައި ހިންގާ ތިންވަނަ ރިސޯޓަށް ވާނެއެވެ. ސެންޓާރާއިން މިހާރު އަންނަނީ ކ. ގިރާވަރުގައި ސެންޓާރާ ރަސްފުށި ރިސޯޓާއި، އދ. މައްޗަފުށީގައި ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓު ހިންގަމުންނެވެ.

މުތާފުށި ހިންގުމަށް ސެންޓާރާއަށް ހަވާލުކުރުމާ ގުޅިގެން، ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ސީއީއޯ ތިރަޔުތު ޗިރަތިވަތު ވިދާޅުވީ މިއީ ސެންޓާރާގެ ބްރޭންޑު ބައިނަލްއަގުވާމީ މައިދާނާއި ދެކުނު އޭޝިއާގައި ވަރުގަދަ ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.

މުތާފުށި ތަރައްގީ ކުރަނީ މުތާފުށި އޮރިއެންޓް އިންވެސްޓްމެންޓްސް ލިމިޓެޑު ކިޔާ ކުންފުންޏަކުންނެވެ.

މީގެ ކުރިން އެސްޓީއޯއަށް ދީފައި އޮތް ބ. މުތާފުށި 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަނީ ސަރުކާރަށް އަނބުރާ ނަގައިފަ އެވެ.

comment ކޮމެންޓް