މަސްތުވާތަކެތި އެތެރެކުރި ތިން މީހަކަށް ސައޫދީގައި މަރުގެ އަދަބު ދީފި

ސައޫދީގައި މަރުގެ އަދަބު ދޭ މަންޒަރެއް

ޖިއްދާ (އެޕްރީލް 10): މަސްތުވާ ތަކެތި އެތެރެކުރި ޕާކިސްތާން ތިންމީހުންނަށް ސައޫދީ އަރަބިޔާގައި މިއަދު މަރުގެ އަދަބު ދީފިއެވެ.

ސައޫދީ ދާޚިލީ ވުޒާރާ އިން ބުނިގޮތުގައި އެ ތިންމީހުންނަށް މަރުގެ އަދަބު ދިނީ ކަނޑިން ބޯބުރިކޮށްގެންނެވެ. މަރުގެ އަދަބު ދިނީ އާންމުންނަށް ފެންނަގޮތަށް ޖިއްދާގައެވެ. އެ ތިން މީހުންނަކީ މުހައްމަދު އަޝްރަފްޝާފީ، މުހައްމަދު ޢާރިފް މުހައްމަދު އަދި މުހައްމަދު އަފްޒަލް އަސްޣަރު އެވެ. ސައޫދީ އަށް މަސްތުވާ ތަކެތި އެތެރެކުރިކަން އެެ ތިން މީހުންގެ މައްޗަށް ސާބިތުވާކަމަށް ނިންމައި ސައޫދީ ދަށުކޯޓުންކުރި ހުކުމަށް އިސްތިއުނާފް ކޯޓުންނާއި އަދި ހައިކޯޓުންވަނީ ތާއީދުކޮށްފައެވެ.

އެ ތިން މީހުންވެސް ހެރޮއިން އެތެރެކޮށްފައިވަނީ އޭގެ ޕެކެޓްތަކެއް ދިރުވާލައި ހަޖަމުކުރުމުގެ ނިޒާމުގެ ތެރެއަށް ލައިގެންނެވެ. އެކަން ހާމަވެފައިވަނީ ޝައްކުކުރެވިގެން އެމީހުންގެ އެތެރެހަށި ސްކޭން ކުރުމުންނެވެ. ސައޫދީ އަރަބިޔާއަކީ މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާމީހުންނަށާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާމީހުންނާއި މީހުންމަރާމީހުންނާއި ރޭޕްކުރާމީހުންނަށް މަރުގެ އަދަބު ތަންފީޒުކުރާ ގައުމެކެވެ.

މިފަދަ ޖަރީމާތައް ހިންގިކަން ކޯޓަށް ސާބިތުވެގެން ކޮށްފައިވާ ހުކުމްތައް ތަންފީޒު ކުރުމުގެ ގޮތުން މިދިޔަ އަހަރުވެސް 153 މީހުންނަށް މަރުގެ އަދަބު ދީފައިވެއެވެ. އަދި މިއަހަރުގެ ޖަނަވަރީން ފެށިގެން މިހާތަނަށް މިފަދަ ކުށްތަކުގައި 26 މީހުންނަށް މަރުގެ އަދަބު ދީފައިވެއެވެ.

މަރުގެ އަދަބު ދިނުމުގެ ސަބަބުން ސައޫދީގައި ބޮޑެތި ޖަރީމާތައްވަނީ ކޮންޓްރޯލް ކުރެވިފައެވެ. ނަތީޖާއެއްގެ ގޮތުން ބޮޑެތި ޖަރީމާތަކުގެ ޝިކާރައަކަށްވާ ކުށެއްނެތް އާންމުންގެ އަދަދު ދުނިޔޭގެ އެހެން ގައުމުތަކަށްވުރެ ނިސްބަތުން ސައޫދީގައި މަދުކަމަށް އެގައުމުން ބުނެއެވެ. ނަމަވެސް މިފަދަ ޖަރީމާތައް ސައޫދީގައިވެސް އެއްކޮށް ނައްތާލެވިފައެއް ނުވެއެވެ. (އޭއެފްޕީ)

comment ކޮމެންޓް