ސީރިއާގެ ކުޑަކުދީންނަށް ރޮނާލްޑޯގެ މެސެޖް އަސަރާއެކު، "ތިޔައީ ހަގީގީ ބަޠަލުން"

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ--ފޮޓޯ /ސީއެންއެން

އުންމީދު ގެއްލުވާ ނުލުމަށާއި މުޅި ދުނިޔެވެސް އޮތީ ސީރިއާގެ ރައްޔިތުންނާ އެކުގައި ކަމަށް ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ އަދި އެންމެ ފަހުން ފީފާއިން ހޮވި 2016 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާ ރެއާލް މެޑްރިޑްގެ ފޯވަޑް ކްރިސްޓިއާނޯ ބުނެފިއެވެ.

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައާ ގުޅިގެން އަނިޔާ ލިބެމުންދާ ނިކެމެތި ކުޑަކުދިންނަށް ހިތްވަރު ދިނުމަށް، މިދިޔަ ޑިސެމްބަރު މަހު ރޮނާލްޑޯ އާންމު ކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ބުނެފައިވަނީ އޭނާ ހުރީ އެކުދިންނާ އެކު ކަމަށެވެ. މިހާރު މި ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އަނެއްކާވެސް ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.

ސީރިއާގައި ކުރިއަށްދާ ހަނގުރާމައިގައި ކެމިކަލް ހަތިޔާރު ބޭނުންކޮށް އެތައް ކުޑަކުދިންނެއްގެ ފުރާނަ ގެއްލެމުންދާތީ މުޅި ދުނިޔެވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފާޅުކަން ބޮޑުގޮތެއްގައި އެ ކުދީންނަށް ހަމްދަރުދީވެ މިފަދަ ވީޑީއޯއެއް ރޮނާލްޑޯ އާންމުކޮށްފައިވާއިރު އޭނާ ބުނެފައިވަނީ އެ ކުދީން ނިކަމެތިހާލުގައި ވަރަށް ބޮޑަށް ވޭން ތަހައްމަލު ކުރަމުންދާ ކަން އެންމެންނަށްވެސް އެނގޭ ކަމަށާއި، އަދި އުންމީދު ގެއްލުވާ ނުލުމަށް އެދޭ ކަމަށެވެ.

"އަހަންނަކީ ވަރަށް މަޝްހޫރު ކުޅުންތެރިއެއް. އެކަމަކު ސީރިއާގެ ކުޑަކުދިންނަކީ ހަގީގީ ބަތަލުން،" އަސަރާއެކު ވީޑއޯގައި ރޮނާލްޑޯ ބުނެފައިވެއެވެ.

މި ވީޑިއޯ އާންމުކޮށް އޭނާ ވަނީ، ސީރިއާގައި ހާލުގައި ޖެހިފައި ތިބި ކުޑަކުދީންނަށް ފައިސާ ވެސް ހަދިޔާކޮށްފައެވެ. ހާލުގައި ޖެހިފައިވާ ކުޑަކުދީންނަށް ބޭހާއި، ލާނެ އަންނައުނު ހޯދައިދިނުމަށް މި ފައިސާ ހަރަދު ކުރެވިގެންދާއިރު ރޮނާލްޑޯ ނޫނަސް މަޝްހޫރު ކުޅުންތެރިންދަނީ ސީރިއާ ރައްޔިތުންނަށް އެހީ ވަމުންނެވެ.

ސީރިއާގާއި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެތައް މިލިއަން މީހުން ހާލުގައި ޖެހިފައިވާއިރު އެތައް ހާސް ގެއެއް ބިމާ ހަމަވެ އެތައް ބައެއްގެ ދިރިއުޅުންވަނީ ނެތިގޮސްފައެވެ.

comment ކޮމެންޓް