ސަރުކާރު މެމްބަރެއް އިދިކޮޅު ފަރާތްތަކާ ދެން ނުގުޅޭނެ: އަބްދުއްރަހީމް

ޕީޕީއެމްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ސަރުކާރަކަށް ތާއީދު ކުރާ އެއްވެސް މެމްބަރަކު އިދިކޮޅު ފަރާތްތަކާ ދެން ނުގުޅޭނެ ކަމަށާއި ނަމަވެސް އިދިކޮޅުގައި ތިބި ބައެއް މެމްބަރުން ވަރަށް އަވަހަށް ސަރުކާރާ ގުޅިވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ސަރުކާރަށް ތާއިދުކުރާ ބައެއް މަޖިލީހުގެ މެމްބަރުން އިދިކޮޅު ފަރާތްތަކާ ގުޅުނު ނަމަވެސް ދެން އިދިކޮޅު ފަރާތްތަކާ ގުޅޭނެ މެމްބަރެއް ނެތް ކަމަށެވެ.

"ދެން އިތުރަކަށް އަޅުގަނޑުމެންގެ ތެރެއިން އިދިކޮޅު ފަރާތްތަކާ ގުޅޭނެ މެމްބަރެއް ހުރިކަމަކަށް ގަބޫލެއް ނުކުރަން. އެއާ އެކީގަ އިރާދަކުރެއްވިއްޔާ އިދިކޮޅު ފަރާތްތަކުން އަޅުގަނޑުމެންނާ މެމްބަރުން ގުޅޭތަން ފެންނާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ދެ ތިން މެމްބަރުން ސަރުކާރާ ގުޅެން މިހާރުވެސް ތައްޔާރަށް ތިބި ކަމަށާއި ނަމަވެސް އެ މަސަތްކަތް ކުރިއަށް ގެންދާނީ މަސަތްކަތުގެ ތަރުތީބުން ކަމަށެވެ.

ޕީޕީއެމްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ނިހާން ވިދާޅުވީ އިދިކޮޅުގައި ތިއްބެވި މެމްބަރުންގެ މަސަތްކަތަކަށް ވެފައިވަނީ މަޖިލިސް ހުއްޓުވާލައިގެން ސަރުކާރަށް ޖެއްސުން ކުރުން ކަމަށާއި ނަމަވެސް އެ ފުރުސަތު އިދިކޮޅު ފަރާތަތަކަށް ނުދޭނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލިސް އެއްގޮތަކަށް ވެސް ހިނގާނެ ގޮތް ނުހުދެން އެއީ އިދިކޮޅު ފަރާތްތަކުގެ އެއް ބޭނުން. ނަމަވެސް 100 ފަހަރު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދިޔަވެސް ޕީޕީއެމާއި އެމްޑީއޭގެ ގުޅިފައިވާ ޕީޖީ ގްރޫޕުން އެކަންތައް ފެއިލް ކޮށްލާނަން،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ މިދިޔަ މަހުގެ 27 ގައި މަޖިލީހިގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލް ކޮށްލި ފަހުން މިހާތަނަށް ޖަލްސާއެއް ބޭއްވިފައި ނުވާއިރު އަނެއްކާވެސް އިދިކޮޅު ފަރާތްތަކުން ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަކީ މަޖިލީހުގެ ވަގުތު ބޭކާރުކޮށްލުމަށް ކުރެވޭ ކަމެއް ކަމަށެވެ.

"މިވަގުތު ވެސް އަޅުގަނޑުމެންގެ އަތުގައި ހަތަރު މުހިންމު ބިލެއްގެ މަސަތްކަތް އެބައޮތް. އަލަށް މަޖިލީހުގެ ތަޅުމުށް ހުށަހަޅަން ޖެހިފައި. އުންމީދު ކުރަނީ މިކަންތަކަށް ހައްލެއް ގެނައުމަށްފަހު މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން އެ ބިލްތައް ހުށަހެޅޭނެ ކަމަށް،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ޕީޕީއެމުން ދެން ވަކާލާތު ކުރާނީ ބޭނުންހާ އިރަކު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓް ހުށަނޭޅޭނެ ގޮތަށް ކަމަށާއި ހުށަހެޅި ނަމަވެސް ދެން ވެސް ނަގާނީ ރޯލް ކޯލް ވޯޓެއް ކަމަށެވެ.

އިތުބާރު ނެތް ކަމުގެ ވޯޓް މަޖިލީހަށް ހުށަހެޅޭނެ ގޮތް ބަދަލު ކުރުމަށް މިއަދު ވަނީ ކޮމެޓީން ފާސްކޮށްފައެވެ. އާންމު ކޮމެޓީން ފާސްކުރީ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ. އެ މާއްދާގައި މިހާރު ބުނެފައި ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅޭނީ މަދުވެގެން 15 މެމްބަރުންގެ ސޮޔާއެކުގައި ކަމަށެވެ.

ނަމަވެސް އާންމު ކޮމެޓީން ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮއާއެކުގައި ކަމަށެވެ.

comment ކޮމެންޓް