މާފަންނު ގެއެއްގައި ރޯވެ، ގެއްލުންތަކެއް ވެއްޖެ

އަލިފާނުގެ ހާދިސާ ހިނގި މ. ހިތްވަރު ގޭގެ ކައިރީގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ފަޔާ ލޮރީ ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާފަންނު އޭއެމްޑީސީ ކްލިނިކުގައި ހުންނަ ގެއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެއެވެ.

މިއަދު އިރުއޮއްސުނު ވަގުތު އަލިފާން ރޯވެފައި ވަނީ މ. ހިތްވަރު ނަމަކަށް ކިޔާ ގެއެއްގެ ތެރޭގައެވެ. އެ ގޭގައި އަލިފާން ރޯވުމާ ގުޅިގެން ކައިރީގައި ހުރި ގެތަކުން ކަރަންޓް ކަނޑާލައި ގެތަކުން މީހުން ހުސްކުރިއެވެ.

އަލިފާނުގެ ހާދިސާ ހިނގި މ. ހިތްވަރު ގޭގެ ކައިރީގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް ރޯވި އަލިފާންގަނޑު ސިފައިންގެ ފަޔާ އެންޑް ރެސްކިއުއާ ފުލުހުން ގުޅިގެން ކުރި މަސައްކަތުން ވަނީ ގަޑިއެއްހާ އިރުގެ ތެރޭގައި ނިއްވާލާއި ކަރަންޓް ކަނޑާލި ގެތަކަށް އަލުން ކަރަންޓް ދީފައެވެ.

މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު އަލިފާން ރޯވި ހިތްވަރު ގެއަކީ މީހުން ދިރިނޫޅޭ ގެއެކެވެ. އަދި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއްވެސް ލިބިފައެއްނުވެއެވެ.

ރޯވެފައި ހުރި ގެއިން ދުން އަރަނީ ---

އަލިފާނުގެ ހާދިސާގައި ރޯވި ގެއަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނުއިރު، ކައިރީގައި ހުރި ގެއަކަށް ވެސް ދުމުގެ އަސަރު ކުރިއެވެ. ނަމަވެސް އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި އަލިފާން ރޯވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ.

comment ކޮމެންޓް