ފެނަކަ އަށް ބޭނުންވާ ތެޔޮ ހަމަ އެކަނި އެސްޓީއޯ އިން ގަންނަން ނިންމައިފި

ފެނަކަ އަށް ބޭނުންވާ ތެޔޮ އެސްޓީއޯ އިން ގަތުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރުމަށް ފަހު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަށްރަށުގައި ފެނަކަ ކޯޕަރޭޝަނުން ހިންގާ އިންޖީނުތަކަށް ބޭނުންވާ ތެޔޮ، އަންނަ މަހުން ފެށިގެން އެ ކޯޕަރޭޝަނަށް ގަންނާނީ ހަމައެކަނި އެސްޓީއޯ އިން ކަމަށް ކަނޑައަޅައިފި އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެސްޓީއޯ އިން ފެނަކައަށް ތެޔޮ ސަޕްލައިކުރުމާއި، ފެނަކަ ކޯޕަރޭޝަންގެ ތެޔޮ ތާނގީތައް ކެލިބްރޭޓު ކުރުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރާއި ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަރީފެވެ.

އެއްބަސްވުމާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމަތު ދެއްވަމުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަރީފު ވިދާޅުވީ، އެއްބަސްވުމުގެ ދަށުން ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ ހުރިހާ ތެލެއް، އަންނަ މެއި މަހުން ފެށިގެން ގަންނާނީ އެސްޓީއޯ އިން ކަމަށެވެ.

"މެއި އެކަކުން ފެށިގެން ފެނަކައިން ސަތޭކަ ޕަސަންޓު ތެޔޮ ގަންނާނީ އެސްޓީއޯ އިން. މިހާރު ވެސް ފެނަކައަށް ބޭނުންވާ ބޮޑު އަދަދެއްގެ ތެޔޮ ގަންނަނީ އެސްޓީއޯ އިން. އެހެންވީމާ ޕްރައިވެޓް ޕާޓީސް އަތުން ތެޔޮ ގަތުން އެއްކޮށް ހުއްޓާލާނަން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މިކަމުގެ ބަދަލެއްގެ ގޮތުން އެސްޓީއޯ އިން ފެނަކައިގެ އިންޖީނުގެތަކަށް ބޭނުންވާ ތެޔޮ ރައްކާކުރާ ތާންގިތައް ކެލިބްރޭޓުކޮށް (މިނެ މިންއެޅުން) އޭގައި މިން އަޅައި ހަދާނެ ކަމަށެވެ.

"ގާތްގަނޑަކަށް 5.5 މިލިޔަން ލީޓަރުގެ ތެޔޮ، ފެނަކައިގެ އިންޖީނުގެތަކަށް ބޭނުންވޭ. އެ ތާންގީތަކަކީ ކެލިބްރޭޓު ކުރެވިފައިވާ އެއްޗެއްސެއް ނޫން. ކިހާވަރެއްގެ ތެލެއްކަން އެޅެނީ އެނގޭނެ މިންގަނޑެއް ގާއިމުކުރެވިފައެއް ނެތް،"

ޝަރީފް ވިދާޅުވީ އެސްޓީއޯ އިން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް، ފެނަކައިގެ ތާންގީތަކުގެ ތެރެއިން 50،000 ލީޓަރަށް ވުރެ މަތީގެ ސްޓޯރޭޖުތައް ކެލިބްރޭޓު ކުރާނެ ކަމަށާޢި، ހުރިހާ ތާންގީއެއް ކެލިބްރޭޓުކުރުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލާނެ ކަމަށެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ވަނީ، މި މަސައްކަތްތައް ކޮށްދޭނެކަމުގެ ޔަގީންކަން ފެނަކައަށް އަރުވައިފަ އެވެ. އަދި އެސްޓީއޯއަކީ ރާއްޖެއަށް ތެޔޮ އެތެރެކުރަން މެންޑޭޓުކޮށްފައިވާ ކުންފުނި ކަމަށާއި އެސްޓީއޯ އިން ދަނީ ރާއްޖޭގައި ތެޔޮ ޑިސްޓްރިބިއުޝަން ނެޓްވޯކު ފުޅާކުރަމުން ކަމަށް ޝަހީރު ވިދާޅުވި އެވެ.

އެގޮތުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މިދިޔަ ދެ އަހަރު ތެރޭގައި ހަތަރު ތެޔޮ ބާޖު ގެނެސްފައިވާ ކަމަށާއި ކަމާ ގުޅޭ ޓެކްނިކަލް މުވައްޒަފުން ހޯދުމާއި ތަމްރީނުކުރުމުގެ ކަންކަން ކުރަމުން ގެންދާ ކަމަށް ޝަހީރު ވިދާޅުވި އެވެ.

comment ކޮމެންޓް