ދަރިފުޅަށް ހެދުމެއް ގަނެދިނުމަށް ދެ އަހަރުވަންދެން ފައިސާ ރައްކާކުރި ބައްޕައެއްގެ ވާހަކަ

ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ކައުސަރު ހުސެއިނާއި އޭނާގެ އަންހެން ދަރިފުޅު -- ފޮޓޯ: ޖީއެމްބީ އަކާޝް

ގިނަ މައިންބަފައިންނަކީ ދަރިފުޅުގެ އެންމެ ހިނިތުންވުމަކަށް ޓަކައި ބޮޑެތި ގުރުބާނީތައް ވާ ފަރާތްތަކެވެ. އެގޮތުން ބަންގުލަދޭޝްގެ ބައްޕައަކު އޭނާގެ ދަރިފުޅަށް އާ ހެދުމެއް ގަނެދިނުމަށް ދެ އަހަރު ފައިސާ ރައްކާ ކުރަން ޖެހުނު ކަމަށް ބުނުމުން އެވާހަކައަށް ވަނީ ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ކައުސަރު ހުސެއިންގެ ވާހަކަ ސޯޝަލް މީޑީއާ މެދުވެރިކޮށް ކިޔާދިނީ ފޮޓޯ ޖާނަލިސްޓެއް ކަމަށްވާ ޖީއެމްބީ އަކާޝް އެވެ. އަކާޝް އޭނާގެ ޕޭޖުގައި ޕޯސްޓުކޮށްފައިވާ ފޮޓޯ އިން ފެނިގެން ދަނީ، ފޯނެއް ބޭނުންކޮށްގެން ކައުސަރު އޭނާގެ އަންހެން ދަރިފުޅުގެ ފޮޓޯއެއް ނަގާ މަންޒަރެވެ.

އެ ފޮޓޯ އިން ކައުސަރުގެ އަންހެން ދަރިފުޅުގެ މޫނު ނުފެނު ނަމަވެސް، އެކުއްޖާގެ ފޮޓޯ ނަގަން ހުރި ބައްޕަގެ މޫނުން ފެނިގެން ދަނީ އުފާވެރި ކަމާއި ފަހުރުވެރި ކަމެވެ.

ކައުސަރު ބުނި ގޮތުގައި އެ ފޮޓޯގައި އޭނާގެ ދަރިފުޅު ލައިގެން ހުރި ރީނދޫ ކުލައިގެ ހެދުމަކީ ދެ އަހަރު ފަހުން އެކުއްޖާއަށް ލިބުނު ފުރަތަމަ އާ ހެދުމެވެ. އެހެންކަމުން އާ ހެދުން ލިބުނު ދުވަހަކީ ދަރިފުޅު ހަނދާން ހުންނާނެ ދުވަހެއްކަން ޔަގީން ކުރުމަށް ޓަކައި، އަވަށްޓެރިއެއްގެ ފޯނު ހޯދައިގެން ދަރިފުޅުގެ ފޮޓޯ އެއް ނެގީ ކަމަށް ކައުސަރު ބުންޏެވެ.

ކައުސަރަކީ މީގެ 10 އަހަރު ކުރިން ދިމާވި އެކްސިޑެންޓެއްގެ ސަބަބުން އެއް އަތް ބުރިކޮށްލަން ޖެހިފައިވާ މީހެކެވެ. އޭގެ ސަބަބުން ކައުސަރަށް ޖެހުނީ ސަލާން ޖަހައިގެން ލިބޭ އާމްދަނީއަށް ބަރޯސާވާށެވެ.

ކައުސަރު ބުނާ ގޮތުގައި އަންހެން ދަރިފުޅުގެ ކުރިމަތީގައި ހުރެ ސަލާން ޖަހަން ބައެއް ފަހަރު ލަދުގަތް ނަމަވެސް، އެކުއްޖާ އަބަދުވެސް އޭނާއާ އެކު ހުރެ އެވެ. އަދި ފައިސާ ލިބޭ ދުވަހަކު ދެމީހުން އެކުގައި ބާޒާރަށްދާ ކަމަށާއި ވާރޭ ވެހޭ ދުވަސްތަކުގައި ވާރެއާ ތެމި، ދެމީހުންގެ ހުވަފެންތަކާ ބެހޭ ގޮތުން ވާހަކަ ދައްކާ ކަމަށް ވެސް ކައުސަރު ބުންޏެވެ.

ނަމަވެސް ކޮންމެ ދުވަހަކީ އެގޮތަށް ހިތްހަމަ ޖެހިގެން ގެޔަށް ދެވޭ ދުވަހެއް ނޫން ކަމަށާއި، ހުސްއަތާ ގެޔަށް ދާންޖެހޭ ދުވަސްތަކާ ވެސް ދިމާވާ ކަމަށް ކައުސަރު ބުންޏެވެ. އަދި ފައިސާގެ ދަތިކަމުގެ ސަބަބުން ބައެއް ފަހަރު އޭނާގެ ދަރިންނަށް ސްކޫލުގެ އިމްތިހާނުގައި ބައިވެރި ނުވެވޭ ކަމަށް ވެސް ކައުސަރު ބުންޏެވެ.

"ނަމަވެސް މިއަދަކީ ތަފާތު ދުވަހެއް. ސަބަބަކީ މިއަދު އަޅުގަނޑުގެ ދަރިފުޅު ހުރީ ވަރަށް އުފަލުން. މިއަދު މި ބައްޕައަކީ ސަލާން ޖަހާ މީހެއް ނޫން. މިއަދު މިބައްޕައަކީ ރަސްކަލެއް އަދި އެއީ މިރަސްގެފާނުގެ އަމީރާ،" ވަރަށް ފަހުރުވެރިކަމާއެކު ކައުސަރު ބުނެފައިވެ އެވެ.

އަދި އޭނާއަށް ފޯނެއް ލިބުނު ދުވަހަކުން އޭނާގެ ދަރިންގެ ގިނަ ފޮޓޯތައް ނަގާނެ ކަމަށް ކައުސަރު ބުންޏެވެ. ކައުސަރުގެ ވާހަކައަށް ފޭސްބުކުން ވަނީ 61،000 އަށް ވުރެ ގިނަ މީހުންގެ 'ލައިކްސް' ލިބިފަ އެވެ.

comment ކޮމެންޓް