ވިވެކްގެ ގެއިން "ހައްޔަރު ކުރި ވަގަކީ" ރިތޭޝް ދޭޝްމުކް!

ބޮލީވުޑުގެ އެކްޓަރު ވިވެކް އޮބްރޯއީގެ ގެއަށް ވަގަކު ވަދެގެން އުޅޭ ކަމަށް ބުނެ އިއްޔެ ވަނީ އިންޑިއާގެ ނޫސްތަކަށް މައުލޫމާތު ލިބިފައެވެ. އެއާއެކު ފޮޓޯ ނަގާ މީހުންނާއި ރިޕޯޓަރުން ދުއްވައިގަތީ ވިވެކްގެ ގެއާ ދިމާލަށެވެ.

ވިވެކްގެ ގެއަށް ދިޔަ ނޫސްވެރިންނަށް ބޮޑު ޝޮކެއް ލިބުނީ، ބޮލީވުޑުގެ އެކްޓަރު ރިތޭޝް ދޭޝްމުކް، ބިޑި އަޅުވައިގެން އެ ގެއިން ނެރުމުންނެވެ.

ނަމަވެސް އެއީ ރިތޭޝް އާއި ވިވެކް އެކުގައި ފެނިގެންދާ ފިލްމު 'ބޭންކް ޗޯރު' ޕްރޮމޯޓް ކުރުމަށް ޖެއްސި އެކްޓެއް ކަން އެނގުނީ ފަހުންނެވެ. ވީހާ ވެސް އަސްލާ އެއްގޮތް ކުރުމަށް، ރިތޭޝް އާއި ވިވެކް ވަނީ އެކްޓުގައި ފުލުހެއްގެ ގޮތުގައި ވެސް މީހަކު ބައިވެރިކުރުވައިފައެވެ.

އަދި ވިވެކްގެ ގެއިން ބިޑި އާއެކު ނެރެގެން ގެންގޮސް ރިތޭޝް ވަނީ ފުލުހުންގެ ޖިޕަކަށް ވެސް އަރުވައިފައެވެ.

'ބޭންކް ޗޯރު' އަކީ 2014 ވަނަ އަހަރު މަސައްކަތް ނިމިފައިވާ ފިލްމެކެވެ. ބަމްޕީ ޑައިރެކްޓު ކޮށް، ޔަޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމުން ފުރަތަމަ ފުރުސަތު ދިނީ ކޮމީޑިއަން ކަޕިލް ޝަރްމާ އަށެވެ.

ނަމަވެސް ފިލްމުގެ ސްކްރިޕްޓަށް ބަދަލު ގެންނަން ކަޕިލް ބޭނުން ވުމުން، ކަޕިލް އަށް ހުށަހެޅި ރޯލު ރިތޭޝް އަށް ހުށަހެޅީ އެވެ.

ވިވެކް އަދި ރިތޭޝްގެ އިތުރުން ދެން އެ ފިލްމުގެ ލީޑުން ފެނިގެން ދާނީ ރިއާ ޗަކްރަބޯޓީ އެވެ. އެ ފިލްމަކީ ބޭންކަކުން ވައްކަން ކުރަން މަސައްކަތް ކުރާ ތިން އެކުވެރިންނަށް ދިމާވާ ހާދިސާ ތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 16 ވަނަ ދުވަހު އެވެ.

comment ކޮމެންޓް