ކޮންޓެއިނާ ބާޖަކާއި ކޮޅުވެއްޓިއެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

މިއަދު ހިނގި ހާދިސާގައި ކޮޅުވެއްޓިން ޖެހި ކޮންޓެއިނާއަކަށް ގެއްލުން ވެފައި --- ފޮޓޯ/ ކިޔުންތެރިއެއް

އެމްޕީއެލް ސަރަހައްދުގައި ކޮންޓެއިނާ ބާޖަކާއި ކޮޅުވެއްޓިއެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެމްޕީއެލްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، އެ އެކްސިޑެންޓް ހިނގާފައި ވަނީ ދެ ބަރިއަށް ޖަހާފައި ހުރި ކޮންޓެއިނާ ބާޖެއް ދަނިކޮށް ކޮޅުވެއްޓި އައިސް ޖެހިގެން ކަމަށެވެ. ކޮޅުވެއްޓި ޖެހުމުގެ ސަބަބުން އެއް ކޮންޓެއިނާ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓަގުގެ ޑްރައިވަރާއި ކޮޅުވެއްޓީގެ ޑްރައިވަރުގެ ލައިސަންސް މެރިން ފުލުހުން ހިފަހައްޓާފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދު މެންދުރު 12:20 ގައި ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

ފުލުހުން ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށާއި އެކަން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

comment ކޮމެންޓް