ކްލަބު މޯލްޑިވްސް ކަޕް: އެންމެންނަށް ހާއްސަ މުބާރާތެއް، ހުރިހާ ޓީމެއް ވެސް ތައްޔާރު

މިދިޔަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ފައިނަލުގައި ޔުނައިޓެޑް ބީއެމްއެލް އާއި ކްލަބު އެމްއާރުޑީސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފައިލް ފޮޓޯ

މެދުކެނޑުމެއްނެތި މުބާރާތެއް ބޭއްވުމަކީ ވަރަށް ބުރަ ކަމެކެވެ. ނަމަވެސް ފުޓްސަލްއަށް ލޯބިކުރާ ޒުވާނުންނަށް ކޮންމެ އަހަރަކު ކްލަބު މޯލްޑިވްސް އެދަނީ މެދުކެނޑުމެއްނެތި ފުޓްސަލްގެ އެންމެ ބޮޑު މުބާރާތް އިންތިޒާމް ކުރަމުންނެވެ. ކްލަބު މޯލްޑިވްސް ކަޕް، އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގޮތުގައި ވެގެންދިޔައީ ވެސް އެ ސަބަބަށްޓަކަކައެވެ. މެދުކެނޑުމެއްނެތި ޒުވާނުންގެ ހިތްތަކާ ކުޅެލި ވަރުގަދަ މުބާރާތަކަށް ވެގެން ދިއުމުންނެވެ.

ކްލަބު މޯލްޑިވްސްއަކީ ކުންފުނިތަކާއި އޮފީސްތަކުގެ މެދުގައި ބޭއްވޭ މުބާރާތެއް ކަމަށްވިޔަސް، އެ މުބާރާތް ވެގެންގޮސްފައިވަނީ ވަރަށް މަގްބޫލު މުބާރާތަކަށެވެ. ކޮންމެ ކުޅުންތެރިޔަކު ވެސް އެންމެ ކުޅެލަން ބޭނުންވާ މުބާރާތަށެވެ. އެކިއެކި ގޮތްގޮތުން ކުޅުންތެރިން ދަނީ ކޮންމެ އަހަރަކު ވެސް އެ މުބާރާތުގައި ބައިވެރިވުމުގެ މަސައްކަތް ވަރަށް ބުރަކޮށް ކުރަމުންނެވެ.

ކްލަބު މޯލްޑިވްސް ކަޕް 2017ގެ މުބާރާތް މިރޭ 9:00ގައި ކުޅިވަރު އެކުވެނި ވެލިދަނޑުގައި ފެށިގެންދާއިރު، އެ މުބާރާތަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ މުބާރާތެކެވެ. އެއީ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން ސަޕޯޓަރުންނަށް ވެސް ވަރަށް ހާއްސަ މުބާރާތެކެވެ. ކޮންމެ އަހަރަކު ވެސް ސަޕޯޓަރުންގެ ފޯރި އިތުރުވެގެންދާކަން ފާހަގަކޮށްލެވެއެވެ.

ވިމެންސް ފުޓްސަލް ފިއެސްޓާގައި ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބު ބައްދަލުކުރި މެޗެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ޓީމުތައް ތައްޔާރުވީ ކިހާވަރަކަށް؟

ހާއްސަ މުބާރާތެއް ނުވަތަ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި ޓީމުތައް ބައިވެރިވެލާނީ ހުސްއަތާ ނިންމާލުމުގެ އަޒުމުގައެއް ނޫނެވެ. ކޮންމެ ޓީމެއް ވެސް ނުކުންނާނީ ޗެމްޕިއަންކަން ހޯދުން ނުވަތަ ކުރީގެ މުބާރާތަށްވުރެ ކާމިޔާބު ހިސާބަކަށް ދަތުރުކުރުން ފަދަ މުހިއްމު ޓާގެޓްތަކެއް ހާސިލް ކުރުމުގެ ފޮނި ހުވަފެނުގައެވެ. އެ ހުވަފެންތަކުގައި ކުލަ ޖައްސާލަން ޓީމުތައް މިއަހަރު ނުކުންނަނީ ވަރަށް ވެސް ތައްޔާރުވެގެންނެވެ.

ބައެއް ޓީމުތަކުން ބޭރު ގައުމުތަކުން ވެސް ވަނީ މޮޅެތި ކުޅުންތެރިން ޓީމަށް ގެނެސް ވަރުގަދަކޮށްފައެވެ. މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކުން ވެސް ކުރިއަށްގެންދިޔައީ ފަރިތަކުރުންތަކަށް ހާއްސަ އިސްކަމެއް ދީގެންނެވެ. އެގޮތުން ފަރިތަކުރުންތަކުގެ ތެރެއިން މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ މެދުގައި އެކުވެރިކަމުގެ މެޗުތަކަށް ވެސް ވަނީ ކުޅެފައެވެ.

މިދިޔަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ޔުނައިޓެޑް ބީއެމްއެލް --- ސަން ފައިލް ފޮޓޯ

ގައުމީ ފުޓްބޯޅަ ޓީމާއި ކްލަބުތަކުގެ ކުޅުންތެރިން ވެސް ފެންނާނެ!

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް ގައުމީ ފުޓްބޯޅަ ޓީމާއި ވަރުގަދަ ފުޓްބޯޅަ ކްލަބުތަކަށް ކުޅޭ މަޝްހޫރު އަދި މޮޅެތި ކުޅުންތެރިންތަކެއް މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގައި ފެނިގެންދާނެއެވެ. ވަކި އަދަދަކަށް އޮފީހުން ބޭރު ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ލިބުމުން ހުރިހާ ޓީމެއް ކަހަލަ ގޮތަކަށް އެ ފުރުސަތު އެންމެ ރަނގަޅު ބޭނުން ހިފުމުގެ ގޮތުން ގެންގޮސްފައިވަނީ ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންތަކެވެ.

ފުޓްސަލްގައި މަޝްހޫރުކަން ހޯދަމުންދާ ކުޅުންތެރިން ފުޓްބޯޅަ ކުޅެމުންދާ އުސޫލުން ފުޓްބޯޅައިގައި މަޝްހޫރުކަން ހޯދަމުންދާ ކުޅުންތެރިން ފުޓްސަލްގައި ވެސް މޮޅު ކުޅުމެއް ދައްކަމުންދެއެވެ. އެގޮތުން ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް ކްލަބު މޯލްޑިވްސް ކަޕްގައި ކުރިން ކުޅެފައިވެއެވެ. މުބާރާތުގައި ދަގަނޑޭ ފަދަ ކުޅުންތެރިއެއް ފެނިގެންދިއުން ވެގެންދިޔައީ މުބާރާތުގެ ކާމިޔާބީކަން ދައްކުވައިދޭ އަލިގަދަ ހެއްކަކަށެވެ.

މިދިޔަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ރަނަރަޕްކަން ހޯދި އެމްއާރްޑީސީ --- ސަން ފައިލް ފޮޓޯ

ސްޕޮންސަރުންނަށް ވެސް މުބާރާތް ހާއްސަ!

ކައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާހަމައަށް ނެގިޔަސް އޮންނާނީ ކައްޗަށެވެ. ކޮންމެ ވިޔަފާރިއެއްގެ ވެސް ބިންގާ ވަރުގަދަ ވެގެންދާނީ ވަރުގަދަ އިސްތިހާރެއް ކުރެވިގެންނެވެ. އިސްތިހާރު ކުރުން ގޯސްވެއްޖެއްޔާ، އެ ވިޔަފާރިއެއް ކުރިއަށްގެންދާ ހަލުވި ކަމުގައި ކުރިއަކަށް ނުގެންދެވޭނެއެވެ.

ބޮޑެތި ކުޅިވަރު މުބާރާތްތަކުގެ ތެރެއިން ކްލަބު މޯލްޑިވްސް ކަޕްގެ ޒަރިއްޔާއިން ބޮޑެތި އެތައް ކުންފުންޏެއް އެބައެއްގެ އިސްތިހާރު ކުރުމުގައި އުޅެނީ ވަރަށް ބުރަކޮށެވެ. އޭގެ ސިއްރަކީ މުބާރާތުގެ އޯޑިއަންސް ބޮޑުވުމެވެ. ފާއިތުވި އަހަރުތަކުގައި ވެސް ކްލަބު މޯލްޑިވްސް ކަޕްގައި ގިނަ ކުންފުނިތަކެއްގެ އިސްތިހާރުތައް ފެނިގެންދިޔައެވެ. އެގޮތުން މިއަހަރު ވެސް ސްޕޮންސަރުންގެ ގޮތުގައި ބޮޑެތި ކުންފުނިތަކެއް ހަރަކާތްތެރިވާނެއެވެ.

މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ޕާޓްނަރުންނަކީ ފުޅާދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދެމުންދާ ދިރާގާއި، މައިލޯއާއި، މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަދި އެލައިޑް އިންޝުއަރެންސެވެ. އޭގެ އިތުރުން ވެސް އެ މުބާރާތުގައި އެކި ގޮތްގޮތުން ޕާޓްނަރުން ހަރަކާތްތެރިވާނެއެވެ. މިއަހަރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.

ވިމެންސް ފުޓްސަލް ފިއެސްޓާގައި ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބު ބައްދަލުކުރި މެޗެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ

މިއަހަރު ކްލަބު މޯލްޑިވްސް ކަޕްގެ ފިރިހެން ބައިގައި 32 ޓީމު ބައިވެރިވެފައިވާއިރު، އަންހެން ބައިގައި މިއަހަރު 12 ޓީމު ބައިވެރިވެފައިވެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއީ ފިރިހެން ބައި ކުރިއަށްގެންދާ 12 ވަނަ އަހަރުކަމަށްވާއިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ އަށް ވަނަ އަހަރެވެ.

މިރޭ އެ މުބާރާތް ފެށިގެންދާނީ ފިރިހެން ބައިގެ ދެ މެޗާއި އަންހެން ބައިގެ ދެ މެޗުންނެވެ. މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ފެށިގެންދާނީ މިރޭ 8:30ގައި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކުޅިވަރު އެކުވެނި ވެލިދަނޑުގައެވެ.

މިރޭ ކުޅޭ މެޗުތައް:

ކްލަބު މޯލްޑިވްސް ކަޕް

2100: ޔުނައިޓެޑް ބީއެމްއެލް – އެމްއޭސީއެލް (ގްރޫޕް އޭ)

2215: މޯލްޑިވް ގޭސް – ހެލްތު ރެކްރިއޭޝަން ކްލަބު (ގްރޫޕް އޭ)

ވިމެންސް ފުޓްސަލް ފިއެސްޓާ

2100: ކްލަބު އިމިގްރޭޝަން – އެމްޕީއެލް (ގްރޫޕް ސީ)

2215: ޓީމް އައިޖީއެމްއެޗް – ޓީމް ނަމްބާސް (ގްރޫޕް ބީ)

comment ކޮމެންޓް