ފޭސްބުކްގައި ފަތުރާ ދޮގު ޚަބަރުތައް ދަނެގަންނާނެ ފީޗާ އެއް ތައާރަފް ކުރަނީ

ފޭސްބުކްގައި ބައެއް ފަރާތްތަކުން ފަތުރާ ދޮގު ޚަބަރުތަކާއި މައުލޫމާތުތައް ދަނެގަންނަން ފަސޭހަވާނެ ފަދަ ފީޗާއެއް ތައާރަފްކުރަން ފޭސްބުކުން ނިންމައިފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ތިން ދުވަސް ވަންދެން ފޭސްބުކް ހުޅުވާލުމުން އެންމެ މަތިން އެޑެއް ފެންނާނެ އެވެ. އެ އެޑަށް ފިއްތާލުމުން ދޮގު ޚަބަރު ފަތުރުތާ ފަރާތްތައް ދަނެގަންނާނެ ގޮތުގެ މައުލޫމާތު ފޭސްބުކުން ދޭނެ އެވެ. އަދި އެފަދަ ޚަބަރު ފަތުރާ ފަރާތްތައް ދަނެގަނެ ރިޕޯޓު ކުރުމުގެ ފުރުސަތު ވެސް އޭރުން ލިބޭނެ ކަމަށް ފޭސްބުކުން ބުނެފައިވެ އެވެ.

މި ފަދަ ފިޔަވަޅެއް ފޭސްބުކުން އެޅި ނަމަވެސް ބައެއް ފަރާތްތަކުން ދަނީ އެ ފީޗާގެ މަގްސަދު ހާސިލްވާނެ ކަމާ މެދު ސުވާލު އުފައްދަމުންނެވެ.

މި ކެމްޕެއިން ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ ޖުމްލަ 14 ގައުމެއްގަ އެވެ. އެ ގައުމުތަކަކީ، ޖަރުމަން، ފްރާންސް، އިޓަލީ، ޔޫކޭ، ފިލިޕީންސް، އިންޑޮނޭޝިއާ، ޓައިވާން، މިޔަންމާ، ބްރެޒިލް، މެކްސިކޯ، ކޮލޮމްބިއާ، އާޖެންޓީނާ، އެމެރިކާ އަދި ކެނެޑާ އެވެ.

ފޭސްބުކް އިން ދަނީ، އެ ސޯޝަލް ނެޓްވޯކް ބޭނުން ކުރާ ފަރާތްތަކުގެ މެދުގައި އިތުބާރު ހިފެހެއްޓުމާއި އެފަރާތްތަކުގެ ރައްކާތެރިކަމަށް ޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި ފިޔަވަޅަކީ ވެސް އެގޮތުން އަޅާ ފިޔަވަޅެކެވެ.

comment ކޮމެންޓް