މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނެ ހައްޔަރުކުރި އަފްރާތު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ބަހާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލި މއ. ގުލްޝަންކިނާރާ އިބްރާހީމް އަފްރާތު --- ފޮޓޯ: ޓްވިޓާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ބަހާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މއ. ގުލްޝަންކިނާރާ އިބްރާހީމް އަފްރާތު ދޫކޮށްލައިފިއެވެ.

ކޯޓު އަމުރެއް ވެސް ނެތި އަފްރާތު މިރޭ ހައްޔަރުކޮށް ބިޑިއަޅުވައިގެން ޝަހީދު ހުސައިން އަދާމް ބިލްޑިން އަށް ގެންދިޔުމަށްފަހު އޭނާ ދޫކޮށްލީ ފޯނު އަތުލުމަށްފަހުއެވެ.

ފުލުހުން ވަނީ އޭނާ ދިރިއުޅޭ މއ. ގުލްޝަންކިނާރާ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައެވެ. އެއީ ރިޝްވަތު ދިނުން އަދި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށެވެ.

ސަން އަށް އެނގިފައިވާގޮތުގައި އެ ގެ ބަލައި ފާސްކުރި އިރު ތުހުމަތު ކުރެވޭ މައްސަލައާ ގުޅޭ އެއްވެސް ހެއްކެއް އެގެއިން ފެނިފައެއް ނުވެއެވެ.

އެކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އެ މައްސަލައާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް އަދި ދަންނަވަން ބޭނުންނުވާ ކަމަށެވެ.

އަފްރާތަކީ ޕީޕީއެމްގެ ރައީސް މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. ގުޅިފަޅު އިންވެސްޓްމެންޓްގެ ބޯޑު މެމްބަރުކަން ވެސް ކުރައްވާފައިވާ އަފްރާތު ވަނީ ޕީޕީއެމް އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެފައެވެ.

comment ކޮމެންޓް