އަލީމުގެ ފޯނު އަތުލައި، އޭނާ ދިރިއުޅުއްވާ ގެ ފުލުހުން ބަލައި ފާސްކުރަނީ

ރައީސް މައުމޫނު ފެކްޝަނުގެ ސްކެޓްރީ ޖެނެރަލް އަބްދުލް އަލީމު ފުލުހުންގެ ވެހިކަލެއްގައި -- ސަން ފައިލް ފޮޓޯ

ރާއީސް މައުމޫނު ފެކްޝަނުގެ ސްކެޓްރީ ޖެނެރަލް އަބްދުލް އަލީމުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާ ދިރިއުޅުއްވާ ގެ ބަލައި ފާސްކުރަން ފަށައިފި އެވެ.

އަލީމުގެ ފޯނު އަތުލުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައި ވަނީ ފޯނު އަތުލަން ބޭނުންވާ ސަބަބަކީ މަޖިލީހުގެ ނައިބު ރައީސްގެ ވޯޓާ ގުޅިގެން ރިޝްވަތު ހުށަހަޅަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާތީ އާއި ސިޔާސީ ފަރާތްތަކަށް ރިޝްވަތު ދިނުމަށް ފައިސާ ބަހަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާއި ގުޅިގެން ގަރީނާ ހޯދުމަށް ކަމަށެވެ.

ފުލުހުންނަށް ފޯނު އަތުލުމަށް ދީފައިވާ އަމުރުގައި ފޯނުގެ ޕިން ނަމްބަރާއި ފޯނު ހުޅުވަން ބޭނުންވާނެ ހުރިހާ މައުލޫމާތެއް ދިނުމަށް ވަނީ އަމުރުކޮށްފަ އެވެ.

ހަމަ އެ ތުހުމަތު ތަކުގައި ފުލުހުން ވަނީ މިރޭ އަލީމް ދިރިއުޅުއްވާ ގެ ގ އުފްރިޔާ ބަލައި ފާސްކޮށްފަ އެވެ. އަދި އަލީމް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް ހައްޔަރު ކުރީ ކަމެއް ނޭނގެ އެވެ.

އޭނާގެ ގެ ބަލައި ފާސްކޮށްފައި ވަނީވެސް ހަމަ އެއް ތުހުމަތު ތަކެއްގަ އެވެ. ނަމަވެސް އެގޭން ފުލުހުން އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވެ އެވެ.

ރިޝްވަތު ދޭ ކަމުގެ ތުހުމަތުގައި ރޭ ފުލުހުން ވަނީ ރައީސް މައުމޫނަށް ތާއީދު ކުރައްވައި އިބްރާހިމް އަފްރާތު ދިރިއުޅުއްވާ ގެވެސް ބަލައި ފާސްކޮށްފަ އެވެ. އަދި ހަމަ އެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހައްޔަރު ކޮށްފަ އެވެ.

comment ކޮމެންޓް