އެއްވެވޭނީ ކާނިވާ ސަރަހައްދަށް، ގާނޫނަށް އަމަލުކުރޭ: ފުލުހުން

ފުލުހުން މިއަދުގެ އެއްވުން ރޫޅާލަނީ: ގާނޫނާ ހިލާފަށް ހުއްދަ ދީފައިވާ ސަރަހައްދުތައް ނޫން ތަންތަނަށް އެއްވާނަމަ އެއްވުން ރޫޅާލާނެ ކަމަށް ފުލުހުން ބުނޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމާ ގުޅިގެން މާލޭގައި މުޒާހަރާ ކުރާތީ، އެފަދަ މުޒާހަރާތައް ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށް ބުނެ، ފުލުހުން އިންޒާރު ދީފި އެވެ.

ފުލުހުން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނީ، މޯލްޑިވްސް ޕޮލިސް ސާވިސް އިން ލިޔުމުން ދޭ ހުއްދައާއެކު ފިޔަވައި މާލޭގައި އެއްވުމެއް ބޭއްވޭނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި އިއުލާން ކުރާ ތަންތަނުގައި އެކަނި ކަމަށެވެ.

އެގޮތުން ފުލުހުންނަށް ކުރިން އެންގުމަކާ ނުލައި ވެރިކަން ކުރާ ރަށް މާލޭގައި އެއްވުން ބޭއްވޭނީ ހެންވޭރު އަލިމަސް ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެގޮތުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ދޫކޮށްފައިވާ ތަންތަނަށް އެއްވުމަށް ފުލުހުންގެ ބަޔާނުގައި އިލްތިމާސްކުރެ އެވެ.

އެ ބަޔާނުގައި ބުނީ ގާނޫނާ ހިލާފަށް މުޒާހަރާތައް އިންތިޒާމުކުރާ ކަމަށާއި އެފަދަ މުޒާހަރާތައް ގާނޫނީ އިމުގެތެރެއިން ހުއްޓުވާނެ ކަމަށެވެ.

ފުލުހުން އެފަދައިން އިލްތިމާސް ކޮށްފައިވައި ވަނީ ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރި ވަގުތު، އެ ސަރަހައްދާ ގުޅިފައިވާ މަގުތަކުގައި މުޒާހަރާކޮށްފައި ވަނިކޮށެވެ.

ގާސިމް ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އިތުބާރު ނެތްކަމަށް ހުށަހެޅުނު މައްސަލާގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް ނެގުމަށް އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމާއި ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކުރުމަށް ހިތްވަރު ލިބޭފަދަ އަމަލުތަކެއް ކުރި ކަމުގެ ތުހުމަތު ވެސް ގާސިމްގެ މައްޗަށް ވަނީ ކޮށްފަ އެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭތީ، ގާސިމް ހައްޔަރު ކުރީ ރޭ އިރާކޮޅު 8 ޖަހަން އުޅެނިކޮށެވެ. ގާސިމް ހައްޔަރުކޮށްގެން ގެންދިޔައީ ފުލުހުންގެ ތަހުގީގީ ޖަލު ދޫނިދޫއަށެވެ. އޭނާގެ ބަންދަށް ހަ ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފަ އެވެ.

comment ކޮމެންޓް