ގއ. ވިލިނގިލީ ޕީޕީއެމް ކައުންސިލަރުން އިދިކޮޅު ފަރާތްތަކާ ގުޅިއްޖެ

ވިލިގިލީ ކައުންސިލް މެންބަރުންނާއި އިއްތިހާދުގެ ބައެއް އިސް ފަރާތްތައް ރޭގެ ޖަލްސާއަށް ފަހު-- ފޮޓޯ/ ސޯޝަލް މީޑިއާ

ގއ. ވިލިނގިލި ކައުންސިލަށް ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބުވެފައިވާ ކައުންސިލަރުން އިދިކޮޅު އިއްތިހާދުގެ ހަރަކާތްތަކަށް އެއްބާރުލުން ދޭން ނިންމައިފި އެވެ.

ހަތް ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ވިލިނގިލީ ކައުންސިލަށް ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބުވެފައިވާ ހަ ކައުންސިލަރުން ތިއްބަވަ އެވެ. އެ ކައުންސިލުގައި ހިމެނެނީ އެމްޑީޕީގެ އެންމެ ކައުންސިލަރެކެވެ.

އެ ކައުންސިލްގައި ތިއްބެވި ޕީޕީއެމް ކައުންސިލަރުންނަކީ ރައީސް މައުމޫންގެ ފެކްޝަނާ ގުޅިވަޑައިގެންނެވި ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދު ހުސައިނަށް ތާއިދު ކުރައްވާ ބޭފުޅުންނެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ނުކުތް، ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ވިލިނގިލީގައި ރޭ ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އެކަމާ ގުޅިގެން ވިލިނގިލީ ކައުންސިލްގެ ރައީސް ނިޔާޒް ނިޒާރު "ސަން"އަށް ވިދާޅުވީ، އެބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ޕީޕީއެމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ލީޑާޝިޕްގައި އޮތް ޕާޓީއެކެވެ. އަދި އެ ޕާޓީގެ ރައީސްކަމުގައި ވެސް ހުންނެވީ ރައީސް މައުމޫން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ޕީޕީއެމަކީ ރައީސް މައުމޫން. ނަމަވެސް އެމަނިކުފާނު މިހާރު މިވަނީ އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގެންފައި. އެގޮތުން އަޅުގަނޑުމެން ވެސް އެމަނިކުފާނާ ގުޅިގެން އިސްލާހަށް މަސައްކަތް ކުރުމަށްޓަކައި މި ޖަލްސާގައި ބައިވެރިވީ،" ނިޔާޒް ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިލިނގިލި ދާއިރާގެ މަޖިލިސް މެންބަރު ވެސް މިހާރު ހުންނެވީ އިއްތިހާދާ އެކު އިސްލާހަށް މަސައްކަތް ކުރުމަށް ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބަށް ވެސް މަސައްކަތް ކުރާނީ އެ ހުރިހާ ފަރާތްތައް ގުޅިގެން ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލްގެ ރައީސް ނިޔާޒު ނިޒާރު (މ) އެމްޑީޕީ ކެންޑިޑޭޓުންނާއެކު-- ފޮޓޯ/ ސޯޝަލް މީޑިއާ

ވިލިނގިއްޔަކީ ރައީސް މައުމޫންގެ މަންމާފުޅުގެ އާއިލާ ނިސްބަތްވާ ރަށެވެ. މީގެ ކުރިން ބޭއްވި ކައުންސިލް އިންތިހާބުތަކުގައި އެ ރަށު ކައުންސިލްގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ ޕީޕީއެމުންނެވެ.

ކައުންސިލްގައި މިހާރު ތިއްބެވި މެމްބަރުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދައެއް ނުކުރެ އެވެ.

ވިލިނގިލީ ކައުންސިލަށް ޕީޕީއެމްގެ ފަރާތުން މިފަހަރު ވާދަ ކުރާ ކެންޑިޑޭޓުންނަކީ ރައީސުލްޖޫމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ތާއިދު ކުރައްވާ ކެންޑިޑޭޓުންނެވެ. އެ އެނޑިޑޭޓުން ހޮވާފައި ވަނީ ޕީޕީއެމްގެ ޕްރައިމަރީއަކުންނެވެ.

comment ކޮމެންޓް