އަހަރެންގެ ހިތް އަނބުރާދީ

ރޯޒްމެހެލްއާއި ހަމައިން ވިޝާމްއާއި ވަކިވުމުގެ ސަލާމްކޮށްލާފައި އެތެރެއަށްވަންއިރު ގޭތެރޭގައި ވަރަށް ފޯރި ހިފާލާފައި އޮތެވެ. މެހެރްޓީވީ ހުޅުވަންވާއިރަށް އާއިލާގެ ގިނަ މެމްބަރުންތަކެއް މާލެއައިސްފާވެއެވެ. އޭނަގެ އުމުރުގެ ޒުވާނުންވެސް އެތާހިމެނެއެވެ ދެޖިންސްގެ ޒުވާނުން އެއްތަންވުމުން ކިހާ ފޯރިއެއް އޮންނާނެހެއްޔެވެ؟ މާއިޒް ހުރީ އެކަމުގާ ބައިވެރިވާހިތްވެސް ނުވެފައެވެ. ސިއްރު ސިއްރުން މަތީބަޔަށް ދާން އުޅެނިކޮށް ގެއިން ކަރަންޓު ކެނޑިއްޖެއެވެ. އެންމެން ހަޅޭއްފަޅޭއް ޖަހައިގަތް އަޑު އިވުނެވެ. އެއާއިއެކު ކޮންމެވެސް އަންހެންކުއްޖަކު އޭނަގެ ގައިގާ ބައްދާލައިފިއެވެ. އަނދިރިކަން ގަދަކަމުން ސިފަވަކިނުވިޔަސް އެއީ ކާކުކަން ރަގަޅަށް އެނގުނެވެ. ސިކުންތުކޮޅެއްގެ އެ އަމަލާއި މާއިޒްއަށް ބައިވެރިވެވުނެވެ. އެފޮނި ވަގުތުކޮޅު ނިމުމަކަށް އައީ އެކުއްޖާ އޭނަގެ އަތުތެރެއިން ސަލާމަތްވެގެން ދިޔުމުންނެވެ. މޫނަށް އަލިވިހެން ހީވެގެން އޭނަ މެރިފައިވާ ދެލޯ ހުޅުވައިލިއިރު ފޯނުން އަލި އަޅުވާލައިގެން ދާދި ކައިރީގައި މީހަކު ހުއްޓެވެ. ސަލްވާ ހުރީ ދެލޯ ބޮޑުވެ އަނގަވެސް ހުޅުވިފައެވެ.

"ކަލޭ....." މާއިޒްގެ ދެލޮލުން ނަފްރަތުގެ ކަނި ބުރައިލިއެވެ. އަނދިރީގެ ތެރެއިންވެސް އެ ނަފްރަތުގެ ވިދުން ސަލްވާއަށް ކިތަންމެ ރަގަޅަށްވެސް ފެނުނެވެ. ބިރުންގޮސް ދެފިޔަވަޅު ފަހަތަށް ޖެހުނީ މާއިޒް ކުރިއަށް އެޅި ފިޔަވަޅާއިއެކުގައެވެ. އޭނަގެ އެހާ ބޮޑު ސިއްރެއް އަދި ބޭޒާރުވާން މިއެނގުނީ އިހަށް ދުވަހު މިގެއަށް އައި މަކަރުވެރި އަންހެނަކަށެވެ. މާދަން މުޅި މިރަށުގައި އޭނަ ބަދުނާމްކުރާނެއެވެ.

ސަލްވާ ކުއްލިއަކަށް އަތުނުޖެހި ސިޑިން އެރިގޮތަށް އޭނަގެ ކޮޓަރިއާއިހަމަޔަށް ފޯރިއިރު މާނޭވާލެވި ގުނބުހިލިއްޖެއެވެ. ކުޑަކުޑަ ތަންކޮޅަކަށް ދުވެގެން ސިއްހަތު ރަގަޅު މީހަކަށް އެވަރެއް ނުވާނެއެވެ. އޭނަ މާބޮޑަށް ބިރުވެސްގަތީއެވެ. އަދި ފެނުނު މަންޒަރަކުން ލަދުގަނެ ފޫހިވީވެސް އެހާވަރަށެވެ. މިގޭތެރޭގައި ހުރިހާ ފާހިޝްކަންތައް ތަކަށް މަގުފަހިވެފައިމިވަނީ ކީއްވެބާވައޭ ހިތުގައި ސުވާލު އުފެދުނެވެ. ކޮޓަރި ތަޅުލިގޮތަށް ދޮރުގައި ބުރަކަށި ޖައްސާލައިގެން ހުރިއިރުވެސް އެލޮލަށް ތަކުރާރުކޮށް ފެންނަނީ އެއް މަންޒަރެވެ. ފިލްމެއްގެ ސެންސަރުކުރަންވީ ބައި އޭނައަށް ފެންނަންވީވެސް ދެން ކީއްވެހެއްޔެވެ؟

"އަސްތަޣުފިރުﷲ........" ސަލްވާއަށް ދެލޯ މަރާ ބާރުކޮށްލެވިއްޖެއެވެ.

މިވީގޮތުން މާއިޒްގެ ހިތުގައިވާ ނަފްރަތާއި ހަސަދަވެރިކަން އިންތިހާއަށް ބޮޑުވާނެއެވެ. އޭނަދެންވެސް ވީ މިފާފަވެރި އަމަލުތައް އެނގިހުރެ ހައިކަލްއަށް ސިއްރުކުރަން ބާވައޭ ހިތަށް އަރާފައި ސަލްވާގެ ސިކުނޑި ސުމަކަށްދާވަރުވިއެވެ. ހާސްކަން ފިލުވައިލަން ބެލްކަންޏަށް ނުކުތުމާއިއެކު ލިބުނު މެސެޖަކުން ފިކުރުތައް އިތުރަށް ބޮޑުވުން ނޫންކަމެއްނުވިއެވެ.

ދަންވިވަރަކަށް ގޭތެރޭގެ ފޯރިގަދަވިއެވެ. ދޭތެރެއަކުން އެންމެން ހަޅޭއްލަވައިގަންނަ އަޑު ސަލްވާ އޮތް ކޮޓަރިއާއި ހަމަޔަށް ފޯރައެވެ. ސަލްވާ އިރުއިރުކޮޅާ ނިދިން ހޭލެވެއެވެ. ދަމުނަމާދުކޮށްގެން ދުޢާކުރުމަށްފަހު ނިދި ލޮލަށް ސަވާރުވާން މާ ގިނައިރެއްނުނެގިއެވެ. ފަތިސްނަމާދު ގަޑިއަށް އެލާމް ކޮށްގެން އޮތުމުން ހޭލެވުނުއިރު ކަންނެތްކަމުން ލޮލުގެ އެސްފިޔަތައް ހުޅުވައިލުންވެސް ބޮޑު މަސައްކަތަކަށްވިއެވެ. ރޭ ހަމަ ނިދި ނުލިބުމުން ވީވަރެވެ. ނަމަވެސް ގަދަކަމުން ހަށިގަނޑު ނަގައިގެންގޮސް ފާޚާނާއަށް ވަދެ ތާޒާވެލުމުން ނިދި އެއްކޮށް ފިލައިފިއެވެ. އޭރު ގޭތެރެއަށް ފުން ހިމޭންކަމެއް ވެރިވެފައިވެއެވެ. ރޭ ހޭލާ އުޅުނު ޒުވާން ގްރޫޕް ފަތިސްވުމުން ނިދީބާވައޭ ސަލްވާގެ ހިތަށް އެރިއެވެ. ނަމާދުކޮށްގެން އިރު ނާރަނީސް އޭނަ ޒިކުރުކޮށް ދުޢާތައްކުރިއެވެ. ޔާސީން ސޫރަތުން ދުވަސް ފެށުމުން ދުވަސް ބާއްޖަވެރިވާނެކަމުގައި މަންމަ ވަނީ ބުނެފައެވެ. ޔަގީނުންވެސް އޭނަ ކާކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއިރު ހުރިހާ ފިކުރުތައް ހުސްވެ އުފާވެރިކަން ވަށާލާފައިވިއެވެ. މިގަޑީގައި ސައި ބޮއިގެން ކޮޓަރިއަށް ނުވަނިއްޔާ މުޅި ދުވާލު ހުންނަން ޖެހޭނީ ބަނޑަށްކަން ސަލްވާއަށް ޔަގީންވިއެވެ.

ރޯޒް މެހެލް ފަދަ ބޮޑުގެއެއްގެ ހުރިހާ މަސައްކަތް އެކަކަށް ކުރެވުމަކީ ނާދިރުކަމެކެވެ. މިހާ ފެންވަރުގެ ގެއެއް އެޅޭނީވެސް މިލިއަނުން ފައިސާ ހުރެގެންނެވެ. މަސައްކަތްކުރަން މުސާރަ ދީފައި ނޯކަރުން ގެންގުޅެވެނީވެސް ހައިކަލްމެންފަދަ މުއްސަދިންނަށެވެ. މަސައްކަތު މީހުން އައިސް ކޮޓަރިތައް ސާފުކުރާއިރު ސުޕަވައިޒަރަކު ނޫނީ ޒައިތޫން އެމީހުން މަސައްކަތްކުރާތަން ދެކެން ހުރެއެވެ. ބަގީޗާ ބަލަހައްޓާ މީހާ ދެއިރު އެގެއަށް އައިސް ގަސްތަކަށް ފެންދީ ގަސްކާނާ އަޅާވިނަތައް ކޮށާ އެހެން ކަންތައްކުރެއެވެ. އެގޮތަށް ކައްކާމީހުންވެސް ގަޑިން ގަޑިއަށް އައިސް އެދުވަހަކަށް ކައްކަން ޒައިތޫން ބުނާ ކާއެއްޗެހިތައް ތައްޔާރުކޮށްދެއެވެ. ދޮންނަ މީހާވެސް އެގޮތަށް ހަފްތާއަކު ދެތިން ދުވަހު "ލޯންޑްރީ" މަސައްކަތު އާދެއެވެ. އެކަމަކު އެހެނޭ ކިޔާފައި އެގޭގައި އުޅޭ މީހުންގެ މިނިވަންކަމަކަށް އެހާ ބޮޑު ހުރަހެއްނޭޅެއެވެ.

ކާކޮޓަރިއަށް ވަދެ ފެން ހޫނުކުރަން ހުރިއިރު ސަލްވާ އެދިމާލުން ނުކުމެ މާގަސްތަކަށްވެސް ފެންދިނެވެ. ކުނިކެހިއެވެ. އެއަށްފަހު ކޮފީ ތައްޔާރުކޮށްގެން ސެންޑްވިޗެއް ހަދާލަން އުޅެނިކޮށް މެހެރީނާ އެތަނަށްވަނެވެ. އޭނަ ހުރީ އަދިވެސްނިދާ ހެދުމުގައެވެ. ވައިލެޓްކުލައިގެ ވިކްޓޯރިއާ ސިކްރެޓް ގައުނެއްގައި ހުރިއިރު މޭކަޕްގެ އެއްވެސް އަސަރެއްނެތެވެ. ދޮންކަމާއި ހިމަތޮޅިކަމުން މެހެރީނާ ފެންނަލެއް ވަރަށް ނަލައެވެ.

"ހޫމް ރާނީ. ދޮންބެ ކައިރީ ކުޓުވައިގެން އަދި މަންމައަށް އަންގަވައިފިއެއްނު ރާނީ ބަދިގެއަށް ނުވައްދަން. ކޮލެޖަށް ދާށޯ އުޅެނީ. ދެން ކިހާ ހެއްވާކަމެއްތަ؟ އުމުރުން ދެބައިވީމަތަ ޑިޕްލޮމާ އެއްޗެހި ހަދަން ޖެހެނީ؟ ކަލޭގެ ދަރިންތައް ކޮބާ. އަހަރެމެންނަށް ދެން ޖެހިގެން އުޅޭ މުސީބާތެއް. އިރުއަރާއިރު ކަލޭގެ މޫނު ފެނުނު މީހަކަށްވެސް މުޅި ދުވަސްވަނީ ސުންޕާ ދުވަހަކަށް........" މެހެރީނާ އެއްޗެހި ކިޔަންފެށުމުން ސަލްވާއިނީ ހިމޭންވެފައެވެ.

ސަލްވާގެ ހިމޭންކަން އަދި އަލިފާނަށް ދަރު އެޅުންފަދަވިއެވެ. މެހެރީނާ ދެކޭގޮތުން ސަލްވާ ގަސްތުގައި ކުރާ ޖެއްސުމެވެ. މި ނުލަފާ ސުންޕާ ކަބުލޭގެ އައިފަހުން އޭނަގެ ރުޅި ފިނިނުވެ އަބަދުހެން ސިކުނޑި އަނދާވަރު އެބަވެއެވެ. ހުރިހާވެސް މައްސަލައަކީ އޭނަ ދޮންބެދެކެ ވާ ލޯބީގެ މަތިވެރިކަމެވެ. ދޮންބެއަށް ރައުދާ އަދި ކެމީލާއަށްވުރެ މާ ރީތި ރަގަޅު އަންހެންކުއްޖަކު ހޯދަދޭން އެމީހުން ބޭނުންވިއެވެ. ދޮންބެގެ ހަޔާތަށް އަންނަން ޖެހޭނީ މިހާ އާދައިގެ މީހެއްނޫނެވެ. އެހެން މީހުންގެ ހިތްތައް ހަސަދައިން ފޯވާ ފަދަ ބައިވެރިއެކެވެ. ސަލްވާއާއި ދިމާލަށް ސުންޕާއޭ ކިޔަސް ހަގީގަތުގައި އޭނަ އަމިއްލައަށް ގަބޫލުކުރާ ހަގީގަތެއްވެއެވެ. ހަޔާތުގެ އެންމެ ބޮޑު ހުވަފެން ސީދާވީ ސަލްވާ އައުމަށްފަހުގައެވެ. މެހެރްޓީވީ ވުޖޫދަށް އަތުވެދާނެކަމަށް އޭނަ ހުރީ އުއްމީދު ކަނޑާލާ މާޔޫސްވެފައެވެ. ހިތުގައި އެތައް ޝަކުވާތަކެއް ވަނިކޮށް ބައްޕަ ސަޕްރައިޒެއް ދިނުމުން އޭނަ އުފަލުން މޮޔަނުވީ ކިރިޔާއެވެ.

"އެނީވޭސް މިއަދު ހެދުނު ނާސްތާ ގަޑީގައި ދޮންތަމެން ބޭނުންވޭ ފަހަރިދައިތައާއި ވާހަކަދައްކާލަން. އަހަރެން އޮތީ ދޮންތަމެން ކައިރީ ބުނެފައި އޭނަގެ ސޫރައެއް ނުފެންނާނެއޭ. އެކަން ހަނދާން ނައްތާލާށޭ. މޫނު ނުދައްކަންވެގެން ގޭތެރޭގައި ހުންނައިރުވެސް ފަރުދާ ނުނަގާ މީހެއް މިނޫނިއްޔާ ނުހުންނާނެ. އަދި އެއްވާހަކަ. މިރޭ އަހަރެންގެ ޓީވީ ހުޅުވުމުގެ ރަސްމިއްޔާތަށް ދާންޖެހޭނެ....." މެހެރީނާގެ ޖުމްލައިން ސަލްވާ ސިހޭގޮތްވިއެވެ.

"އަޅުގަޑު ޕާޓީތަކަށް ނުދަން. އެހާ ރުހޭކަމެއްނޫން....." ސަލްވާ ހިތުގައިވާގޮތް ހާމަކުރިއެވެ. މެހެރީނާ ހިނިގަނޑެއް ޖަހާލައިފިއެވެ. އަދި އޭނަ ތައްޔާރުކުރި ލުނބޯޖޫސްތަށި ބޯންފެށިއެވެ.

"ނުބުންޏަސް އަހަންނަށް އެނގޭ ތި ކުދި ރަށްތަކުގައި ފަގީރުކޮށް އުޅޭމީހުން ދޭނީ ކޮންކަހަލަ ޕާޓީއެއްކަމާއި ފޫހިވާނެކަން. އެހެންވީމަ ކާކު ދާހިތްވާނީ؟ ފެންވަރު ރަގަޅު ޕާޓީއަކަށް ދިޔައިމަ އެނގޭނީ މުއްސަދިންގެ ޕާޓީތަކުގެ ކުލައާއި ރަހަ. ކޮންމެހެން އަހަރެމެންގެ އާއިލާއާއިއެކު ނުދިޔަސް ދާންޖެހޭނެ. އޭރުން މިއާއިލާގެ ފެންވަރު ރަގަޅަށް ސިކުނޑިއަށް ވަންނާނީ......" މެހެރީނާގެ ވާހަކަތަކުން ބޮލަށް އުދަގޫވެ އެ ބޮޑާކަން ފިލުވައިލާހިތުން އެއްޗެކޭ ބުނާ ހިތުން ކެތެއްވެސް ނުކުރެވުނެވެ. މުއްސަދިކަމުގެ ކުޑަ މިންވަރެއް ލިބުމުން ބޮޑާމިވެގަތީ ހާދަ ވަރަކަށެވެ. އިރާދަކުރައްވައިފިއްޔާ އެންމެ ސިކުންތުކޮޅަކުން މިހުރިހާ ނިއުމަތެއް ފިލައިގެން ހިގައިދާނެއެވެ. ދުނިޔެއަކީ ހިދުކޮޅެއްގެ އުފަލެކެވެ.

"ކީއްވެ ޖަވާބެއް ނުދީ ތިއިނީ؟ މޮޅު އެއްޗެއް ވިސްނަން ދޯ..." މެހެރީނާ އިނީ ސަލްވާގެ އަޑުގެ ރީތިކަމާއިމެދުވެސް ކަންބޮޑުވެފައެވެ. އަޑުވެސް އައުރައަކަށް ހެދޭނެނަމައެވެ. އަޑު ބަދަލުކުރާނެ ގޮތެއްވެސް އޮންނާނެނަމައެވެ. ދެލޮލުގެ އެހުންނަ ވިދާ މުށިކުލައިން ހިތްތަކަށް ޖާދޫ ހަދާނެއެވެ.

"ނޫން. މެޑަމް ބޭނުމިއްޔާ އަޅުގަނޑު ގޮސްދާނަން...." ސަލްވާ ބުނެލިއެވެ.

"ބޭނުންވެގެނެއްނޫން. ކަލެއަށް އެއްޗެއް ވިސްނައިދޭން. އާއިލާއާއި ގުޅުމެއް ބޭއްވެން އެކަށީގެންވާ މީހެއްކަން ނުވަތަ ނޫންކަން މިރޭ ސާބިތުވާނެ...." ލުނބޯ ޖޫހުގެ ސަބަބުން މެހެރީނާގެ އަނގަ ހުތްވެފައި އިންކަން އެނގުނެވެ. ވާހަކަދައްކަމުންގޮސް ސަލްވާއާއި ހަތަރުކަޅި ހަމަވިއެވެ. އެލޮލުގައި ހުރި ރީތިކަން މެހެރީނާގެ ހިތް އަވަސްކުރުވިއެވެ. ތޫނުފިލި ވިދާ ރީތި ދެލޮލެވެ. އެސްފިޔަތައް އެހާ ބޯވެފައި މަސްނޫއީ ކަމުގައިވެސް ހީކުރެވުނެވެ.

"ކަލޭ ލޯ ފޮރުވާކަށް ނުޖެހޭތަ؟ ތި ދެލޮލުން ބަލައިގެން މީހުންނަށް ކޮންމެހެން ސިހުރު ހަދަން އުޅޭނެކަމެއްނެތް. އަވިއައިނު އަޅައިގެން ދެން މީހުން ކުރިމައްޗަށް ނުކުންނަންވާނީ. ދޮންތަމެންނަށް ތި ލޯ ފެނިގެންނުވާނެ. އަދި ކަލޭގެ އަޑުވެސް ތުއިކޮށްފައެއްނޫން ވާހަކަދައްކާނީ. ދޮންކަން އިޝްތިހާރުކުރަން ތި ދެއަތްތިލަވެސް ހާމަކުރާނެކަމެއް ނެތް. ދޮންކުރަން ފާޑު ފާޑު އެއްޗެހި އުގުޅާފާއި އެބަހުރިވިއްޔަ..........." މެހެރީނާ އަމުރުކޮށްފާ ދިޔުމުން ސަލްވާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. މެހެރީނާ އެހާ ބޮޑަށް އޭނަދެކެ ރުޅިއަންނަނީ ކީއްވެހެއްޔެވެ؟ އޭނަގެ ކުށަކީ ކޮބާހެއްޔެވެ؟ ހައިކަލް އޭނައާއި ކައިވެނިކުރީ އޭނަ ބުނެގެނެއްވެސް ނޫނެވެ. އެންމެ ރަގަޅެވެ. ދެލޯވެސް އޭނަ ފޮރުވަފާނެއެވެ. މެހެރީނާއަށް އޭނަގެ ދެލޯ ފެނުމުންވެސް އެ އަންނަނީ ވަރުގަދަ ރުޅިއެކެވެ. އަޑު ބަދަލުކުރާނީ ދެން ކިހިނެއްހެއްޔެވެ؟ އޭނައަށް ދެއްވާފައިވާ ސިފަތައް އޭނައަށް ބަދަލެއް ނުކުރެވޭނެއެވެ. އެސިފަތަކާއި އޭނަ ރުހެއެވެ. ގަނޑުފެންތައް ކައިގެން ސުޕާރީވެސް އަނގަޔަށް އަޅައިގެން ހަފަންފެށީ ކަރުތެރެ ސަކަރާތްވެ އަޑު ބަދަލުވުމަށް އެދި އެދިހުރެއެވެ.

ހެދުނު ނާސްތާ ގަޑީގައި ސަލްވާ އާއި ހައިކަލްގެ ދައްތަމެންނާއި ބައްދަލުވިއެވެ. ތައާރަފުވެސްވިއެވެ. ސަލްވާ ވަދެފާ ސަލާމް ގޮވައިލުމުން އެއްވެސް މީހަކު ޖަވާބު ނުދީ "ގުޑް މޯނިން " ކިޔާލުމުން ސަލްވާއަށް އުދަގޫވިއެވެ. އަރުޖަމަންދު ކާއިނާތު ނާޒްމީ އަދި މަލަކާވެސް ހެދުން އަޅާފައި ތިބިގޮތުންނާއި މޭކަޕްކޮށްފައިވާ ގޮތުން ފިލްމީތަރިންފަދައެވެ. އެފަދަ ރީތިކަމެއް އެމީހުންނަށްވެސް ލިބިފައިވިއެވެ. މެހެރީނާއާއި ޚިލާފަށް އެމީހުން އުޅުނީ ހިތުގައިވި ރުޅިވެރިކަމާއި ހަސަދަވެރިކަން އޮއްބާލައިގެންނެވެ. ވާހަކަދެއްކީވެސް ތަންކޮޅެއް ރީތިކޮށެވެ. ނަމަވެސް ދުރުހިލޭގޮތަކާއިއެކު ބޮޑާކަމެއް ފާހަގަވިއެވެ. ސަލްވާ އެމީހުންނަށް އެއްގޮތަކަށްވެސް ކަމުނުދިޔައީއެވެ. ކަޓުމީހަކަށްވީއެވެ. އެމީހުންދެކޭގޮތުގައި ލޯބިވާ ކޮއްކޮ ހައިކަލްއާއި އެއްގޮތަކަށްވެސް އެކަށީގެންވާ އަންހެނެއްނޫނެވެ. ރީތިގޮތުގައި ހައިކަލްގެ ދުނިޔެއިން މި އަންހެނާ ފިލުވައިލަންޖެހޭނެއެވެ. ސަލްވާ އިނީ ލަދުގެންފައެވެ. މިފަދަ ބަޔަކާއިއެކު އެއްތަނެއްގައި އިންނަންވުމުންވެސް އުދަގޫވެފައެވެ. މެހެރީނާވެސް އެމީހުންނަށްވުރެ އޭނައާއި މާ ގުޅެއެވެ. އެއްޗެހި ކީނަމަވެސް އެފަދަ ދުރުކަމެއް ނެތްތާއެވެ.

ސަލްވާއާއިއެކު ބޭރަށް ނުކުމެފާ މެހެރީނާ ހޭންފެށިއެވެ.

"ކަލޭ ތިހިރީ ވަރަށް ކަޑަވެފައިކަން އެނގިއްޖެ. ވާހަކަދައްކަން އެކަށީގެންވާ މީހަކަށްވެސް ދައްތަމެންނަކަށް ނުވި. އެމީހުންގެ ހައިބަތާއި ގަދަރު ފެނިއްޖެއެއްނު ދޯ. މިގަޑީގައި ކުދިންތައް ތިބީ ނިދާފައި. ރޭ ވަރަށް އެންޖޯއިކޮށްފަ ފަތިސްވީމަ އެމީހުން ނިދީ. އެކުދިންނާއި މީޓްވީމަވެސް އެނގޭނެ އަދި ސިވިލައިޒް ވުމަކީ ކޮބާކަން. އެނީވޭސް ޕާޓީއިން އެ ކަންތައްތައް ފެނިގެންދާނެ...." މެހެރީނާ ހުރީ ނިކަން އުފަލުންނެވެ. އޭނަ ހީކުރިގޮތާއި ޚިލާފަށް މަލާމާތްކުރުމުގެ ބަދަލުގައި އެމީހުން ސަލްވާއާއި ދެތިން ބަސްކިޔާލާފައި ބީރައްޓެހިކޮށްފައި ބާކީކޮށްލީއެވެ. އެއީ އަދި މާ ރަގަޅު ގޮތެކެވެ. މެހެރީނާއަކީ ކުޑައިރުއްސުރެން އާއިލާ އެހެން ކުދިންނާއި މިޒާޖުގެ ގޮތުން ތަފާތު ވި އަންހެންކުއްޖެކެވެ. ޑިޕްރެޝަންއަށް ބޭސްކެއުމަށްފަހު އޭނަ ކިތަންމެ ވަރަކަށްވެސް އެކަމުގެ މާހިރުންގެ ފަރާތުން ސައިކޯތެރެޕީ ނެގިއެވެ. މިފަހަކަށް އައިސް އަނެއްކާ އެކަން އަނބުރާ އިއާދަވެދާނެއޭ ހީވެސްވެއެވެ. އެހާ ފަސޭހައިން ރުންކުރުވެ ރުޅިގަދަވެއެވެ. މިހާރު މާއިޒްދެކެ އަންނަ ރުޅި ފަނޑުވެ ސަލްވާ އަމާޒް ފަތްގަނޑަކަށްވެއްޖެއެވެ.

މާއިޒްއޮތީ ތެދުވާހިތްނުވެފައެވެ. އެތައް އިރަކު ފޯނު ރިންގުވާން ފެށުމުން ނަގާފައި ކަންނެތްގޮތަކަށް ޖަވާބުދިނެވެ. އެއީ ހޮސްޕިޓަލުގެ ޕީއާރު ސެކްޝަނުން އައި ކޯލެކެވެ.

"ޑޮކްޓަރު މާއިޒްގެ ނަން ނޭގޭ ޕޭޝަންޓްގެ ބިލާއި އެއްޗެއްސާއި ހަވާލުވާނެ މީހަކު ނެތް. އަޅުގަނޑުމެން އެމްޑީއާއި ވާހަކަދެއްކުމުން ވިދާޅުވީ ސަރުކާރުގެ ހޮސްޕިޓަލަކާއި ހަވާލުކުރަން. ނޫނީ އެފަދަ މަރުކަޒަކަށް ލާން. ހަވާލުވާނެ މީހެއްނެތި ބިލަށް ފައިސާ ދެއްކޭނެ މީހަކު ނެތިއްޔާ މިތާގައި ބާއްވާނެ އެއްވެސް ގޮތެއްނެތް ދެއްތޯ. މިހާރު ޕޭޝަންޓްގެ ހާލު ރަގަޅު. ނޭވާއަށް އުދަގޫނުވެ ހަމަ އެންމެ ރީއްޗަށް އޮތީ. އެކަމަކު ކާންދޭނެ މީހަކުވެސް ނެތް. ބޭސްނަގާދޭނެ މީހެއްވެސް ނެތް. ޑޮކްޓަރު މާއިޒްއާއި ވާހަކަދައްކާލާފައި ގޮތެއް ނިންމަން އަޅުގަނޑު ބޭނުންވި ސަބަބަކީ އެތާ ހުރި ނަރުސް އެހެން ބުނެފައި އޮތީމަ. ޑޮކްޓަރ މާއިޒްއަށް ނާންގާ ޕޭޝަންޓް ޝިފްޓް ނުކުރަން އެދޭކަމަށް...." ޕީއާރު ސެކްޝަނުން ވާހަކަދެއްކި ކުއްޖާ ބުނެލިއެވެ.

"އަހަރެން އަންނަންދެން ޕޭޝަންޓް ބާއްވަދީ......." މާއިޒް ފޯނު ކަނޑާލައިފިއެވެ. އޭނަ ރެއިން ޝަވަރުދޮށުގައި ހުއްޓުމުން އެކިފަރާތްފަރާތުން ވާރޭގެ ސައިލެއްހެން އެރީތި ހަށިގަނޑުގައި ފިނިފެންތިކިތައް ބޮސްދޭންފެށިއެވެ. އަރާމުކޮށް ފެންވަރާލަން ހުރިއިރު މާއިޒްގެ ސިކުނޑީގައި އެތައް ކަމެއް ބޮނޑިވެ ފިތްތަމުން ދިޔައެވެ. ހުރިހާ ދިމާލަކުންވެސް އޭނަ އޮޅާލާފައިވަނީ ހާސްކަމާއި މާޔޫސީކަމުގެ ސާލެކެވެ. އަތްދިގު ގަމީހަކާއި ފަޓުލޫނެއްލައިގެން ކުޑަކޮށް ތައްޔާރުވެލުމަށްފަހު ކާކޮޓަރިއަށްވަނުމުން ހުރިހާ ދޮންތަމެން އޭނަ ކާނުލީ ކިރިޔާއެވެ. މޫނުގެ އެތަން މިތާ ބޮސްދިނެވެ. އެކިކުލައިގެ ލިޕްސްޓިކްތައް އުނގުޅި މޫނު އަލުން ދޮންނަންޖެހޭ ވަރުކޮށްލިއެވެ. މެހެރިނާ ފިޔަވާ ހުރިހާ ބޮޑުދައިތަމެންވެސް އޭނަދެކެވަނީ އަމަށަކު ލޯތްބެއްނޫނެވެ. ލަސްވާތީއޭ ކިޔާފައި ކޮފީއެއް ބޯލުމަށްފަހު މާއިޒް ބޭރަށް ނުކުތެވެ.

ހޮސްޕިޓަލުގެ އެމްޑީ އަރީންއާއި ބައްދަލުކޮށް މާއިޒް އެ ބަލިމީހާގެ ހާލަތާއި އެކަނިވެރިކަން ބަޔާންކޮށްދިނެވެ. އަރީން އެއްގޮތަކަށްވެސް ބަލިމީހާ ބާއްވާކަށް އެއްބަހެއްނުވިއެވެ. މިތަނުގެ އުސޫލުތަކާއި ގަވާއިދުތައް ބައްޓަން ކުރެވިފައިވާ ގޮތާއި ބުރޫއަރާފަދަ ކަމެއްކުރާކަށް އަރީން ބޭނުމެއްނޫނެވެ. މިތަނުންދޭ ބައިނަލްއަގުވާމީ ފެންވަރުގެ ޚިދުމަތާއި އެކު ތަނުގައި އޮތް ހަރުދަނާ އުސޫލުތަކަށް އަމަލުކުރެވެން ޖެހޭނެއެވެ. ސަރުކާރުގެ ހޮސްޕިޓަލުތަކާއި އާސަންދައިގެ ދަށުން އެފަދަ މީހުންނަށް ފަރުވާކުރެވޭނެ ވަސީލަތްތައް އެބައޮތެވެ. އެކަނިވެރި އަޅާލާނެ މީހުން ނެތް ބަލިމީހުންނަށް ހިޔާވަހިކަން ދޭނެ ތަންތަންވެސް އެބަހުއްޓެވެ. އެހެންނޫނަސް ބަލިމީހާގެ ހާލު ރަގަޅުއިރު މިތާގައި ދެން ބޭއްވޭކަށް ނެތެވެ. މަގުމަތިން ފެންނަ ކޮންމެ މީހަކަށް ހަމްދަރުދީވެ ބޭސްކުރުވަން މާއިޒް އުޅެން ވެއްޖެއްޔާ އެފަދަ ތަނެއް ހުޅުވަން ގޮސް ބައްޕަ ކައިރީ ދަންނަވަންވީއެވެ. އަރީން އެންމެ ފަހު ޖުމްލައާއިމެދު ހިތްހަމަނުޖެހުނުވަރުން ގޮށްމުށްކެވުނަސް ފަޓްލޫނުގެ ޖީބަށް ވަގުތުން އަތްޖަހާލިއެވެ.

މާޒިން އެކެބިނުން ނުކުމެގެން އައިއިރު މޫނުމަތިން ނުރުހުމުގެ އަސަރު ފެންނާން ހުއްޓެވެ. ނަމަވެސް ވެރިމީހާގެ ކުރިމަތީގައި އޭނަ ހުރީ ކެތްކޮށްލައިގެންނެވެ. ބައްޕަގެ ދެބެންގެ ދެދަރި މީހަކަށްވިޔަސް ބައްޕައާއި މިޒާޖުގެ ގޮތުން އުޑާއި ބިމާއި ހާ ތަފާތެވެ. އަރީންގެ ހަރުކަށިކަމާއި ރުންކުރުކަން އެއީ އެންމެނަށް އެނގޭ ހަގީގަތެކެވެ.

ބަލިމީހާއަށް މާއިޒް ފެނުމުން އޮތީ ފާޑަކަށް ބަލަހައްޓައިގެންނެވެ. އިރުކޮޅަކުން މޫނު އަނެއްފަރާތަށް އަނބުރާލައިފިއެވެ. ނަރުސްކުއްޖާ ބުނީ ވަރަށް މަސައްކަތުން އޭނަގެ ނަން ބުނެލިކަމުގައެވެ. އޭނައަށް ކިޔާ ނަމަކީ ލީނާއެވެ. ފަހަރެއްގައި ދަރިއަކަށް ކިޔާ ނަން ބުނެލީކަމަށްވެސް ވެދާނެއެވެ. މާއިޒް ބަލިމީހާ ބަލާ ނިންމުމަށްފަހު ފުންނޭވައެއްލިއެވެ. އެބުނާހެން ބަލިމީހާ މުޅިން ފިޓެވެ. އެއްވެސް މައްސަލައެއް ފާހަގަކުރެވޭކަށް ނެތެވެ. ނަމަވެސް މާއިޒް ނޯޓުގައި ލިޔުނީ އެހެން ގޮތަކަށެވެ. މޭގައި އަރިދަފުސް ހިފާފައިވާ ކަމުގައެވެ. އަދި ޕްރައިވެޓް ރޫމަކަށް ބަދަލުކުރަން އެންގިއެވެ.

"އެކަމަކު އޭނަގެ އެހީތެރިޔެއްވެސް ނެތް...." ނަރުސްކުއްޖާ ބުނަން އުޅުނެވެ.

"އަހަރެންގެ ރިލޭޓިވްއެއްގެ ގޮތުގައި އެޑްމިޓްކުރޭ. އޭނަގެ ބިލާއި ހަވާލުވާނީ އަހަރެން........" މާއިޒް އެހެން ބުނެފާ ނުކުމުގެން ދިޔުމުން ނަރުސްކުދިން އެކަކު އަނެކަކަށް ބަލާލައިފިއެވެ. މާއިޒް އެހާވަރުން މިއަންހެންމީހާއާއި ގެން އުޅުމުގެ ބޭނުމެއް އެކުދިންނަކަށް ނުފެނުނެވެ. ފޮނި ޑޮކްޓަރެއްގެ ގޮތުގައި ލޭބަލްކޮށްފައިވިޔަސް ހިތް ހެޔޮ ޒުވާނަކީކަން ޔަގީނެވެ. މުއްސަންޖެއްގެ ދަރިއަކަށްވިޔަސް ރަގަޅު ސިފައެއް ހުރެދާނެއެވެ.

ރޯޒްމެހެލްއަށް ދައްތަމެންގެ އާއިލާތައް އައުމަށްފަހު ގޭތެރޭގައި ފޯރި ހިފާލާފައިވާވަރުން ސަލްވާއަށް އުދަގޫވެއެވެ. ޚާއްސަކޮށް ރޭގަނޑު އިރުއޮއްސުމަށްފަހު އެގޭތެރެއިން އަޑުމަޑެއްނުވެއެވެ. ނަމާދަށް ތިރިއަށް ފައިބާކަށްވެސް ނުކެރެއެވެ. އެހެންވުމުން ބައްޕައަށް ގުޅާފައި ސަލްވާ ބުނީ ރޯޒްމެހެލްގައި އުޅުން ވަރަށް ދަތިކަމުގައެވެ. އެތައް ސުވާލުތަކެއް ކުރިފަހުން ސަލްވާ ބުނީ ނަމާދު ގަޑީގައި ލަވަޖަހާތީ އުދަގޫވަނީކަމުގައެވެ. ބައްޕަ ދިނީ ނަސޭހަތެވެ. ސަލްވާގެ ސަބަބުން ބަޔަކަށް ރަގަޅު މަގު ފެނިއްޖެއްޔާ ސަވާބު ލިބޭނެކަމަށާއި އެކުދިންނަށް ނަމޫނާއަކަށްވާން އެދުނެވެ. ނަމާދު ގާއިމުކުރުމާއި ދީނަށް ލޯބިކުރުމުގެ ސަބަބުން ދެދުނިޔޭގެ ދިރިއުޅުން ބާއްޖަވެރިވެގެން ދާނެކަމަށާއި ބޭރުގެ ސަގާފަތުގެ ތެރޭގައި އުޅެ ބޮޑުވާކުދިން ދީނާއި ދުރީކަމުގައި ސަލްވާގެ ބައްޕަ ބުނެލިއެވެ. ގޭގެ ޅީދަރިފުޅުގެ ހައިސިއްޔަތުން އެހެން މީހުން އިސްލާހު ކުރަން ސަލްވާއަށް ޖެހޭނެއެވެ.

ސަލްވާ އަސުރުނަމާދު ކުރުމަށްފަހު ހަލްބުގެ ރާނީ ކިޔަން ޖައްސައިލީ ކައުޗްގައެވެ. މަންމަ ކުރީއްސުރެ ގެންގުޅެފައިވާ ފޮތެއްކަމުން ފޮތުގެ ގަނޑުތައްވަނީ މުށިކުލައެއްގައެވެ. ތަފާތު ވަހެއްވެސް ދުވައެވެ. މަންމައަށް އެވާހަކަ ރީތިވެގެން އެތައް ފަހަރަކު ކިޔާފައިވާއިރުވެސް އަދި ސަލްވާއަށްވަނީ އެ ފުރުސަތު ނުލިބިފައެވެ. މިއީ އިސްލާމީތާރީޚުގެ ރަން ދުވަސްވަރުގެ ވާހަކައެކެވެ. ސީރިޔާގެ ހަލަބް ހިފަންވެގެން އިސްލާމީ ލަޝްކަރު ކުރި ހަގުރާމައާއި ހަލަބުގެ ރޫމީ ލީޑަރު ޔޫގަންނާގެ ދަރިފުޅު ލޫސީގެ ލޯބީގެ އަސަރުގަދަ ހާދިސާތަކެވެ. ކުޑަ ކުޑަ ލޫސީގެ ހިތުގައި ލައުންއަށްޓަކާ އުފެދިގަތް ލޯބީގެ ހޫނުކަން ފެނިފާ ސަލްވާގެ މޫނަށް ރަތްކުލައެއް ވެރިވެއްޖެއެވެ. އެހާ ބޮޑަށް ލޯބިވެވޭހެއްޔެވެ؟ އޭނަގެ ހިތުގައި އެފަދަ ލޯތްބެއް ލައްވާނެބާވައެވެ. ލައުން ފެނިފާ ލޫސީ އަނބުރައިގެން ވެއްޓުމުން އެކުވެރިކުދިން މާމެލާމެލި ގެނެސް ނޭފަތުގައި ޖައްސަން ފެށުމުން ހޭއެރިއެވެ.

"މިއީ ހަމަ ހަގީގަތެއްބާ. ރީތިމީހެއް ފެނިފާ ފެއިންޓްވެދާނެތަ. ހައިކަލްވެސް ސްމާޓް. އަދި އެއީ މަގޭ ހަޒްބެންޑް. އެކަމަކު އޭނަ ފެނިފައި ހަމަހޭހުރި. ތަފާތުވި ތަންކޮޅަކީ އެއްވެސް ފިރިހެނަކު ފެނުމުން ނުވާގޮތެއްވި. ޔަގީނުންވެސް ފިނިވޭ. އެކަމަކު އެވެދާނެ ހާސްވާވަރުންގޮސް ކަމެއް. އެރެންޖް މެރިޖްވީމަ ވާނީވެސް އެހެން. ނުވެސް ދަންނަ މީހަކާއި އެކު ދިރިއުޅުން ޝެއަރ ކުރަން ވީމަ ފަސޭހައެއްނުވާނެ. އެކަމަކު ދުޢާއަކީ ހިތުގައި ފިރިމީހާއަށްޓަކާ މިފަދަ ލޯތްބެއް ލެއްވުން............"ސަލްވާ ވިސްނާލިއިރު އެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެކަނި އިނދެވެސް ހީލެވިއްޖެއެވެ.

ކުއްލިއަކަށް އޭނަގެ ފޯނު ރިންގުވާން ފެށުމުން ބަލައިލެވުނީ ސިހިފައެވެ. ނަސީބަކުން އެއީ އޭނައަށް ގޯނާކުރާ ފަރާތެއް ނޫނެވެ. ބޭރުގެ ނަމްބަރެކެވެ. ސަލްވާ ތެޅިތެޅިވާ ހިތަކާއިއެކު ފޯނު ނަގައިފިއެވެ.

"އައްސަލާމް ޢަލައިކުމް...." ސަލްވާ މަޑުމައިތިރިކޮށް ސަލާމް ގޮވައިލިއެވެ.

"ވަޢަލައިކުމުއްސަލާމް...." ހައިކަލްގެ ފިރިހެންވަންތަ އަޑު ކަންފަތުގައި ޖެހުމުން ސަލްވާގެ ހިތް ކުރިއަށްވުރެ އަވަސްވެލައިފިއެވެ. ހައިކަލް އޭނައަށް ގުޅީ ކީއްކުރަންހެއްޔެވެ؟

"ކިހިނެއްތަ؟ ހުރިހާ ކަމެއް ރަގަޅުތަ. " ހައިކަލް އަހާލިއެވެ.

"ލައްބަ....." ސަލްވާ ރަކިވެގެން ފޮތުގެ ގަނޑުތަކާއި ކުޅެންފެށިއެވެ. ހައިކަލް އެހާ ދުރުގައި ހުރިއިރު ފޯނުން ވާހަކަދައްކަންވެސް އޭނަ ޖެހިލުން އެބަވެއެވެ.

"އެއްވެސް ކަމެއް އޮތިއްޔާ މި ނަމްބަރަށް ގުޅާލައްޗޭ......." ހައިކަލް ބުނެލިއެވެ. ސަލްވާ ބޯ ޖަހައިލިއެވެ. ހައިކަލްއާއި މިވާހަކަ ދައްކަނީ ފޯނުން ކަމެއްވެސް ހަނދާނެއްނުވިއެވެ.

"ސައިބޮއިފިންތަ؟ " ހައިކަލް އިރުކޮޅެއްފަހުން ސުވާލުކުރިއެވެ.

"އަދި ނުބޮން.........." ސަލްވާ ފިނިވެގެންގޮސް މަރުވާވަރުވިއެވެ. ހައިކަލް އެހާ ރީތިކޮށް ވާހަކަދެއްކުމުން ހިތަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރުވިއެވެ. ޖަޒުބާތީވެވުނެވެ. ދެލޮލުން ކަރުނަ ހިލިއްޖެއެވެ. މިގެއިން އޭނަ މަރުވިޔަސް އަޅާލާނެ މީހެއްނެތްއިރު ހައިކަލް އެތައް މޭލު ދުރުގައި ހުރެފާ އޭނައަށް އެގުޅީއެވެ. މާތް އިންސާނެކެވެ. އެހާވަރަށް އަޅާލުމުންވެސް ލޮލަށް ކަރުނަ އައީ އެހެންވެއެވެ.

"މިރޭ ޕާޓީއަށް ދާން ދައުވަތު ލިބުނު ދޯ....." ހައިކަލް އަހައިލިއެވެ.

"ލައްބަ. އަޅުގަނޑު ދިޔަސް އެންމެ ރަގަޅުތޯ....." ސަލްވާ ކޮންމެވެސް ވަރަކަށް ހިތް ހަމަޔަކަށް އަޅުވަމުން ސުވާލުކުރިއެވެ. ނޫނެކޭ ބުނެފިއްޔާ އޭނަހިތް ހިތްވެސް އުދުއްސައިގަންނާނެއެވެ. ކޮންމެ ތަނަކަށްދާންވިޔަސް ފިރިމީހާގެ ހުއްދަ ހޯދަން ދީނުގައިވެއެވެ.

"އޮފްކޯސް. ކޮންމެހެންވެސް ދާންޖެހޭނެ. އަހަންނަށްވެސް ނުދެވުނުވިއްޔަ. ފޮޓޯތައް ނަގާފައި މިނަމްބަރަށް ވައިބާ ކޮށްލައްޗޭ........" ހައިކަލް ވާހަކަދެއްކީ ތަންކޮޅެއް އެކުވެރިކޮށެވެ. މިފަހަރުވެސް ސަލްވާ އޮޅިގެން ބޯ ޖަހައިލީއެވެ. ހައިކަލް މިހާރު ލަސްވަނީއޭ ކިޔާފައި ފަހުން ދިމާވާނެކަމަށް ބުނުމުން ސަލްވާއަށް ހީލެވުނެވެ. ފޯނު ކަނޑާފައި އަމިއްލަ މޮޔަކަމާއިމެދު ހިނިވެސް އައެވެ.

"ސްޓުޕިޑް....." ސަލްވާ އަމިއްލަ ނަފުސަށް އަޑުލާފައި ގޮސް ބެލްކަންޏަށް ނުކުމެވުމާއިއެކު މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އަވަހަށް ބެލްކަނިން އެތެރެވުމާއިއެކު ފަރުދާތައް ކަހާލިނަމަވެސް ބިރުވެރިކަމެއް ނުފިލިއެވެ. އޭނަ އުޅޭތަން ހޯދުމަށްފަހު ދެން ކޮށްފާނެކަމަކާއި މެދު ބިރުހީވެއްޖެއެވެ. އެތައް އުދަގޫތަކެއް މި ހަޔާތުގައި ދިމާވަމުން އަންނައިރު އިތުރު މީހަކު ގޯނާކުރަން ވެއްޖެއްޔާ އޭނަގެ ސިކުނޑި ހަލާކުވެދާނެއެވެ. މީހަކާއި ކައިވެނިކުރުމަށްފަހު އެމީހަކަށް ތެދުވެރިވެ ވަފާތެރި ކިޔަމަންތެރި އަންބެއްގެ ގޮތުގައި ހުންނަން ފުރަތަމަރޭވެސް ސަލްވާވަނީ ހިތުން ވައުދުވެފައެވެ.

މެހެރްޓީވީ ހުޅުވުމުގެ ރަސްމިއްޔާތަށްޓަކާ އެތަން ޒީނަތްތެރިކޮށްފައިވާއިރު އާޝޯޚުވާފަދައެވެ. އެހާ ޗާލެވެ. އެކިކުލައިގެ އަލިން އެތަން ދިއްލާ އަޅާފައިވާއިރު އެންމެމަތީގައި "މެހެރްޓީވީ" މާ ދުރަށް ފެންނަގޮތަށް ރަތްއަލިން ދިއްލާލާފައިވެއެވެ. މެހެރީނާހުރީ ނިކަން ފަޚުރުވެރިވެފައެވެ. ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްކަމުގައި ވެފައިވިއެވެ. ޒައިތޫންމެން އަންނަ އިރު ސަލްވާ ގެނައުމަށް މެހެރީނާވަނީ އެދިފައެވެ. ކުއްލިއަކަށް މެހެރީނާގެ ހިނިތުންވުން އެއްކޮށް ގެއްލިގެން ދިޔައީ އެތަނަށް ވަދެގެން އައި މީހަކު ފެނިފައެވެ.

(ނުނިމޭ)

comment ކޮމެންޓް