ބްރޯޑްކޮމްގެ މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ/ރައީސް އޮފީސް

ރާއްޖެޓީވީ ބޮޑު އަދަދުން ޖޫރިމަނާ ކޮށްފައި ވަނީ އިންސާފުވެރި އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން އިސްތިއުފާ ދެއްވުމަށް އިދިކޮޅު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަބުރު ގެއްލި، ކަރާމާތަށް ގެއްލުން ލިބޭ ފަދަ ކޮންޓެންޓެއް ރާއްޖެ ޓީވީން އާންމުކުރި ކަމަށް ބުނެ، ބްރޯޑްކޮމް އިން މިއަދު ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ބްރޯޑްކޮމްގެ އިސްނެގުމުގެ މަތިން ބެލި އެ މައްސަލައާ ގުޅޭގޮތުން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެޓީވީ ޖޫރިމަނާކޮށްފައިވަނީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.

އަދި ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ގެއްލުންވާ ކޮންޓެންޓެއް ގެނެސްދިން ކަމަށްބުނެ، މިނިވަން އިންސާފުވެރި މީޑިއާގެ ހަމަތަކާ އުސޫލުތަކާ ހިލާފަށް ކޮމިޝަނުން މީޑިއާގެ ހިދުމަތްދޭ ފަރާތްތައް ބޮޑެތި މިންވަރު ޖޫރިމަނާ ކުރުމަކީ މީޑިއާގެ މިނިވަންކަމަށް ކަނޑައެޅިގެން އަރައިގުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ގާނޫނުތަކުން ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއްނެތި، ވަކި މީހެއްގެ އަމުރަކަށް ޑިމޮކްރަސީއެއްގެ ހަތަރު ވަނަ ބާރު ކަމަށްވާ މީޑިއާ ނެތިކޮށްލަން ބްރޯޑްކޮމް އިން ކުރާ ކަންތައްތަކާ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީ އިން ބުނީ، ބްރޯޑްކޮމްގެ އަމަލުތައް މިއަދު ފެންނަނީ ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ހަމަތަކާ އުސޫލުތަކާ ހިލާފަށް ކަންކަން ނިންމަމުންދާތަން ކަމަށެވެ.

"ސިޔާސީ މަޝްރަހް ހޫނުވެގެން އަންނަ ކޮންމެ ހިނދަކު ބްރޯޑްކާސްޓިން ކޮމިޝަނުން އެކިޒާތުގެ ބަޔާންތައް ނެރުމާއި ބިރު ދެއްކުމާއި މިފަދަ ޖޫރިމަނާތައް ކުރަމުންދާކަމީ އެ ކޮމިޝަނުގެ މުސްތަގިއްލުކަން ގެއްލިފައިވާކަމުގެ ހެއްކެކެވެ.

"ގާނޫނުން ބްރޯޑްކާސްޓިން ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާތައް ފުރިހަމަގޮތުގައި އަދާކުރުމަށް އުޒުރުވެރިވާނަމަ ކޮމިޝަނަރުކަމުން އިސްތިއުފާ ދެއްކުމަށް އިލްތިމާސްކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެއް މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފައިވަނީ 26 އޮކްޓޯބަރު 2016ވަނަ ދުވަހުގެ ރޭ 23:27 ހާއިރު ރާއްޖެ ޓީވީން ގެނެސްދިން އެމްޔޫއޯގެ ފަރާތުން ބޭއްވި ހަރުގެ ޖަލްސާގައި، ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކައިފައިވާ ކޮންޓެންޓެއް ރާއްޖެ ޓީވީން ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ބުނާ މައްސަލަ ބެލުމަށްފަހު އެވެ.

comment ކޮމެންޓް