ރައީސްގެ އަބުރާ ބެހިގެން ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި

އަބުރުގެ ބިލު ދިރާސާކުރާ ވަގުތީ ކޮމެޓީ އަށް ރާއްޖެ ޓީވީ ހާޒިރުކުރި ބައްދަލުވުމުގެ ތެރެއިން: ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަބުރު ގެއްލި، ކަރާމާތަށް ގެއްލުން ލިބޭ ފަދަ ކޮންޓެންޓެއް ރާއްޖެ ޓީވީން އާންމުކުރި ކަމަށް ބުނެ، އެ ޓީވީ ސްޓޭޝަން އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ބްރޯޑް ކާސްޓިން ކޮމިޝަނުން މިއަދު އާންމުކޮށްފައިވާ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ އެ މައްސަލަ އެ ކޮމިޝަނުން ބެލީ އަމިއްލަ އިސްނެގުމަށް ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އެ މައްސަލާގައި ޖަވާބުދާރީވާން ރާއްޖެ ޓީވީ އަށް ފުރުސަތު ދިނުމުން އެއީ ދެއްކި ކޮންޓެންޓެއް ކަމަށް އެ ޓީވީ އިން އިއުތިރާފުވެ، ސިޓީއަކުން ޖަވާބު ދީފައިވާ ކަމަށެވެ. އަދި ރާއްޖެ ޓީވީން އެ ކޮންޓެންޓް އާންމު ކުރުމުގެ ސަބަބުން ދިވެހި ރާއްޖޭގެ ވަލިއްޔުލް އަމުރުގެ ގާނޫނީ ޒިންމާއާ މެދު ރައްޔިތުންގެ ހިއްތަކުގައި ޝަކު އުފެދިފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

"އެމަނިކުފާނުގެ (ރައީސް ޔާމީންގެ) އިއްޒަތާއި ކަރާމާތަށް ގެއްލުން ލިބޭ ކަމަށް މި ކޮމިޝަނުގެ ތަހުގީގަށް ސާބިތުވެފައި ވާތީ އެ ކޮންޓެންޓަކީ ހިޔާލުފާޅު ކުރުމުގެ ހަމަތަކާ ހިލާފު ކޮންޓެއްޓެއް ކަމަށް ކަނޑައަޅައިފިން،" ބްރޯޑްކޮމްގެ ނިންމުމުގައިވެ އެވެ.

މިއީ ރާއްޖެޓީވީ އަބުރުގެ ގާނޫނުގެ އިންތަކާ ހިލާފުވި ދެވަނަ ފަހަރުކަމަށް ވާތީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ނިންމީ ކަމަށް ބްރޯޑް ކޮމްގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އެ ފައިސާ މަސް ދުވަހުގެ ތެރޭގައި ދައްކަން ރާއްޖެ ޓީވީއަށް ވަނީ އަންގައިފަ އެވެ.

ބްރޯޑްކޮމް އިން އެ މައްސަލަ ނިންމާފައި ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ނަމަވެސް ރައީސް ޔާމީންގެ އަބުރު ގެއްލުނީ ރާއްޖެ ޓީވީން ބްރޯޑް ކާސްޓް ކުރި ކޮން ކޮންޓެއްޓެއްގެ ސަބަބުން ކަމެއް ރިޕޯޓުގައި ބުނެފައެއް ނުވެ އެވެ. ބުނެފައި ވަނީ އެއީ ރާއްޖެ ޓީވީން ލައިވްކޮށް ދެއްކި އެމްއޯޔޫގެ ޖަލްސާއެއްގައި ދެއްކި ވާހަކައެއް ކަމެވެ.

Article History
comment ކޮމެންޓް