ލަންކާ އެއާޕޯޓް ހުޅުވުމާ އެކު ސްރީލަންކަންގެ މާލެ-ކޮލޮމްބޯ ފްލައިޓުތައް އިޔާދަކުރަން ނިންމައިފި

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް-- ސަން ފޮޓޯ/ މާހިލް މުހައްމަދު

ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ މަރާމާތުގެ ބޮޑު މަޝްރޫއު ނިންމާލުމާ އެކު، އެ ގައުމުގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސްއިން މާލެއަށް ކުރުން ހުއްޓާލި ދަތުރުތައް މާދަމަ އިން ފެށިގެން އިޔާދަ ކުރާނެ ކަމަށް އެ އެއާލައިނުން ހާމަކޮށްފި އެވެ.

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ އެއްވަރުކުރުމާއި މަރާމާތުކުރުމަށް ޖެނުއަރީ މަހުން ފެށިގެން އިއްޔެގެ ނިޔަލަށް، ދުވާލުގެ އަށް ގަޑިއިރު އެއާޕޯޓު ބަންދުކޮށްގެން މަސައްކަތް ކުރިޔަށް ގެންދިޔަ އިރު، އެ އެއާޕޯޓު މެދުވެރިކޮށް ކުރާ ވައިގެ ގިނަ ދަތުރުތަކަކަށް ބުރޫ އެރި އެވެ. އެގޮތުން، އެގައުމުގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސްގެ ގިނަ ފްލައިޓުތަކެއް ކެންސަލް ކުރަންޖެހުނެވެ.

ސްރީލަންކަންއަކީ ރާއްޖެ އަށް އެންމެ ގިނައިން ދަތުރުކުރާ އިންޓަނޭޝަނަލް އެއާލައިނެވެ. ރާއްޖެއަށް ކުރާ ދަތުރުތަކަށް ވެސް، އެއަޕޯޓު ބަންދުކުރުމާ ގުޅިގެން ބަދަލު ގެންނަން ޖެހުނެވެ. އަދި ލަންޑަނުން ކޮލޮމްބޯއަށް ދަތުރުކުރާ ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް މާލޭގައި ޓްރަންސިޓު ކުރާގޮތަށް ވެސް ހަމަޖެހުނެވެ.

ނަމަވެސް އިއްޔެ ބަންޑާރަނަޔަކަ އެއާޕޯޓުގެ މަރާމާތުގެ މަސައްކަތް މުޅިން ނިންމާލައި، މިއަދު އެ އެއާޕޯޓު އަލުން ހުޅުވާ އިރު، ސްރީލަންކަންގެ ފްލައިޓު ޝެޑިއުލަށްގެނައި ބަދަލުތައް އުވާލައި، ކުރީގެ ޝެޑިއުލް އިޔާދަކުރުމަށް ވަނީ ނިންމައިފަ އެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރު ރޯޝަން މަދުރާވާލަ "ސަން"އަށް ވިދާޅުވި ގޮތުގައި، މީގެ ތިން މަސް ކުރިން ސްރީލަންކަން އިން މަޑުޖައްސާލި ހުރިހާ ފްލައިޓެއް މާދަމައިން ފެށިގެން އިޔާދަކުރާނެ އެވެ. އެގޮތުން މާލެއާ ކޮލޮމްބޯއާ ދެމެދު ކުރި ފްލއިޓުތައް ވެސް އިޔާދަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިވަގުތު ސްރީލަންކަން އެއާލައިންސްއިން މާލެއާ ކޮލޮމްބޯއާ ދެމެދު ގެންގުޅޭ ފެއާގެ އަގަކީ 285 ޑޮލަރެވެ.

ފްލައިޓުތައް އިޔާދަކުރުމާ އެކު، މީގެ ކުރިން ވެސް މާލެއާ ކޮލޮމްބޯއާ ދެމެދު ދުވާލަކު ދަތުރުކުރި ހަތަރު ފްލައިޓު، މާދަމައިން ފެށިގެން ކުރާނެ އެވެ. އެއީ ހެނދުނު، މެންދުރު ފަހު، ރޭގަނޑު އަދި މެންދަމު އޮންނަ ފްލައިޓުތަކެކެވެ.

comment ކޮމެންޓް