އައިއެސް އިން ސީރިއާގެ 33 މީހަކު މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިންތަކެއް -- ފޮޓޯ: އަލް އަރަބިއްޔާ

ލަންޑަން (އޭޕްރިލް 6): އިސްލާމިކް ސްޓޭޓް (އައިއެސް) އިން ސީރިއާގެ 33 މީހަކު ގަތުލުކޮށްފި ކަމަށް ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.

އެއޮބްޒަވޭޓަރީން ބުނި ގޮތުގައި އިއްޔެ އައިއެސް އިން އެގަތުލްއާއްމު ހިންގާފައި ވަނީ ސީރިއާގެ އިރުމަތީގައި އޮންނަ ދެއިރު އައްޒައުރުގެ ކައިރީ އޮންނަ އަލް މަޔާދިން ސަހަރާގަ އެވެ.

އަދި "ތޫނު އެއްޗަކުން ޖަހައި" އައިއެސް އިން މަރާލި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރާއި 25 އަހަރުގެ މީހުން ކަމަށާއި އެއީ ސީރިއާގެ ސަރުކާރަށް ވާގިވެރިވާ ބައެއް ކަމެއް ނުވަތަ އިދިކޮޅު ފަރާތްތައް ކަން ނޭނގޭ ކަމަށް އޮބްޒަވޭޓަރީން ބުންޏެވެ.

ސީރިއާގ ހަނގުރާމަ މޮނިޓާ ކުރާ ގުރޫޕުން ވަނީ އެއީ މިއަހަރު ފެށުނު ފަހުން އައިއެސް އިން ހިންގި އެންމެ ބޮޑު ގަތުލްއާއްމު ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން، އިރާގުގެ ފުލުހުން ބުނި ގޮތުގައި އިއްޔެ އައިއެސް އިން ވަނީ އެ ގައުމުގެ ތިކްރީތުގައި 22 މީހެއްގެ ގަޔަށް ބަޑި ޖަހާ މަރާލާފަ އެވެ. އެހަމަލާގައި 31 މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެފައިވާ އިރު ޓުވިޓާ މެދުވެރިކޮށް އައިއެސް އިން ވަނީ އެހަމަލާގެ ޒިންމާ ނަގާފަ އެވެ. (ސީއެންއެން)

comment ކޮމެންޓް