ވިލުފުށީ އެމްޑީޕީ ކެންޑިޑޭޓަކު ހަ މަހަށް ގޭބަންދު ކުރަން ހުކުމް ކޮށްފި

ވިލުފުށީ ކައުންސިލަށް އެމްޑީޕީން ކުރިމަތިލެއްވި ކެންޑިޑޭޓު ހުސައިން ޖަބީން

ވިލުފުށީ ކައުންސިލަށް އެމްޑީޕީން ކުރިމަތިލެއްވި ކެންޑިޑޭޓު އަދި ކައުންސިލްގެ ރައީސް ހުސައިން ޖަބީން ހަ މަހަށް ގޭބަންދު ކުރަން އެރަށު ކޯޓުން ހުކުމް ކޮށްފި އެވެ.

ޖަބީން ހަ މަހަށް ގޭބަންދުކުރަން ހުކުމްކޮށްފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި އަމުރަށްނުކިޔަމަންތެރިވުމުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

ދައުލަތުން ޖަބީންގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ ވިލުފުށީ ކައުންސިލް އިދާރާގެ ކުރިމަތީގައި ހުންނަ ބުރުގެ ހުޅަނގުފަރާތަށް ބަނދަރާއި ދިމާލަށް އޮންނަ މަގުގައި އެމްއާރްޑީސީގެ ވިލުފުށީ ސައިޓުން އެމަގު ލެވެލްކުރުމަށް ޖަހާފައިވާ ދެ ދަގަނޑުބުރި 2015 ވަނަ އަހަރުގެ އޭޕްރީލް 20 ވަނަ ދުވަހުގެ މެންދުރު 12:15 އެހައިކަންހާއިރު އުފުރާލައި ޖަބީން އެއްލާލާފައިވާ ކަމަށެވެ.

އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ކަމަށް ވިލުފުށީ ކޯޓުން ކުރި ހުކުމްގައިވެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގައިވާ ގޮތުން ޖިނާއީ ކުށެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ކައުންސިލް އިންތިޚާބުގައި ވާދަނުކުރެވޭނެ އެވެ. އެހެންކަމުން ޖަބީންގެ ކެންޑިޑެސީ ބާތިލްވާނެ އެވެ.

ވިލުފުށީ ކައުންސިލަށް ކުރިމަތިލާފައި ވަނީ އެމްޑީޕީގެ ތިން ކެންޑިޑޭޓާއި ޕީޕީއެމްގެ ތިން ކެންޑިޑޭޓުންނެވެ. މިއަދު އިއްވި ހުކުމާ އެކު ޖަބީންގެ ކެންޑިޑެސީ ބާތިލްކުރުމުން ދެން ތިބޭނީ އެމްޑީޕީގެ ދެ ކެންޑިޑޭޓުންނެވެ.

ވިލުފުށީ ކައުންސިލަށް އިންތިޚާބު ކުރަންޖެހެނީ ތިން ކައުންސިލަރުން ކަމަށްވާތީ މިހާރު ޕީޕީއެމްގެ ކޮންމެވެސް އެއް ކެންޑިޑޭޓަކު ކައުންސިލަރު ކަމަށް އިންތިޚާބުވާނެ އެވެ.

comment ކޮމެންޓް