Sun Online
ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ މަހާނަފުޅު ---
ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ މަހާނަފުޅު ---

އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

(30 މާރޗްގެ އަދަދާ ގުޅޭ)

އެއްފަހަރަކު މިސުރުގެ ފަޤީރު އަންހެނެއް އަމީރުލް މުއުމިނީން ޢުުމަރު ބުނު ޢަބްދުލްޢަޒީޒުގެ އަރިހަށް ސިޓީއެއް ފޮނުވިއެވެ. އެސިޓީގައި ލިޔެފައިވެއެވެ. "އަޅުގަނޑުގެ ގޭގެ ފާރު ވަރަށް ތިރިއެވެ. އެހެންވެ މީހުން ފާރުމަތީން އަރައި އަޅުގަނޑުގެ ކުކުޅުތައް ވަގަށް ނަގަނީއެވެ." ޢުމަރު ބުނު ޢަބްދުލްޢަޒީޒު މިސުރުގެ ގަވަރުނަރަށް ސިޓީފުޅެއް ފޮނުއްވިއެވެ. "އަހަރެންގެ މިސިޓީ ލިބުމާއެކު އެކަނބުލޭގެ ގެޔަށް ގޮސް އޭނާގެ ގޭގެ އިމުފާރު އުސްކޮށްލަދޭށެވެ."

އެއްފަހަރަކު އިރާޤުގެ އަންހެނެއް އޭނާގެ ޔަތީމު އަންހެންދަރީންނަށް ދައުލަތުގެ ޕެންޝަން ހޯދަންވެގެން ދިމިޝްޤަށް ދިޔައެވެ. އޭނާ މީހުންކުރެން އަހައި އޮޅުންފިލުވައިގެން އަމީރުލްމުއުމިނީންގެ ގަނޑުވަރުދޮށަށް ދިޔައިރު އެތާކު އެއްވެސް ފާރަވެރިޔަކުވެސް ދޮރުވާނަކުވެސް ނެތެވެ. އޭނާ މީހުންނާ ސުވާލުކުރިއެވެ. މިގަނޑުވަރުގައި ދޮރުވާނަކުވެސް ނުހުންނަނީހެއްޔެވެ. އެހިސާބުގަނޑުގެ މީހުން ޖަވާބު ދިނެވެ. އާނއެކެވެ. ކަލޭގެ ބޭނުން އިރަކު އެތެރެޔަށް ވަންނާށެވެ. އޭނާ ގަނޑުވަރަށް ވަދެގެން ދިޔައިރު އަމީރުލްމުއުމިނީންގެ އަނބިކަނބަލުން ފާޠިމާ ބިންތި ޢަބްދުލްމަލިކު ރޮށި ފިއްސަވާން އިންނެވިއެވެ. އެއަންހެން މީހާ ސަލާމްކޮށްލުމުން ފާޠިމާ ސަލާމުގެ ޖަވާބުދެއްވައިފައި އަރިހުގައި އޭނާ ބޭންދެވިއެވެ. އަންހެންމީހާ ޙައިރާންވެގެން ގަނޑުވަރުގެ އެކިދިމަދިމާޔަށް ބަލާންފެށިއެވެ. އިރުކޮޅަކުން ބުނެފިއެވެ.

"އަޅުގަނޑު މިރަށަށް މިއަީ މިގޭގެ ދީލަތިކަމުން އަޅުގަނޑުގެ ގޭގެ ވީރާނާކަން ފިލުވުމުގެ ބޭނުމުގައެވެ. އެކަމަކު މިގެވެސް ފެންނަނީ ވީރާނާވަމުން ދާތަނެވެ."

ފާޠިމާ ޖަވާބުދެއްވިއެވެ. " އޭ އުޚުތާއެވެ!މިގެ ވީރާނާ ވަމުން މިދަނީ ތިޔަފަދަ އުޚުތުންގެ ގޭގެ އާބާދުކޮށްދިނުމުގެ މަސައްކަތުގައި އުޅޭން ހަދައިގެންނެވެ."

އެވަގުތު އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ވެސް ބޭރުން ގަނޑުވަރަށް ވަޑައިގެންފިއެވެ. ވަޑައިގަތުމާއެކު ބާލިދީއަކުން ވަޅުން ފެން ނަންގަވައި ގަނޑުވަރުގެ ކުރިމަތީގައި އޮތް ހިރަފުސް ވެލިގަނޑަށް ފެންޖައްސަވާން ފައްޓަވައިފިއެވެ. އެމަސައްކަތުގައި އުޅުއްވަމުން އަނބިކަނބަލުންނާ ދިމާޔަށް ދެފަހަރަކު ބައްލަވައިލެއްވިއެވެ. ބޭރުން އައި އަންހެންމީހާ ފާޠިމާ އަރިހުގައި ދެންނެވިއެވެ. " ކަމަނާ މޫނުފުޅު ނިވާކުރައްވާށެވެ. އެހެރަ މަސައްކަތުމީހާ ކަމަނާއާ ދިމާޔަށް އެބަ ކަޅިއަޅައެވެ."

ފާތިމާ ވިދާޅުވިއެވެ. "އެއީ މަސައްކަތުމީހެއް ނޫނެވެ. އެއީ އަމީރުލްމުއުމިނީންއެވެ."

ޢުމަރު ބުނު ޢަބްދުލްޢަޒީޒު އެމަސައްކަތްޕުޅު ނިންމެވުމަށްފަހު ސަލާމްކުރައްވައިފައި ގޭތެރެއަށް ވެދެވަޑައިގެންފިއެވެ. އެކަލޭގެފާނު ވެދެވަޑައިގެންނެވީ އަޅުކަންކުރައްވާ ކޮޓަރިކޮޅަށެވެ. އެއަށްފަހު އަނބިކަނބަލުންނަށް ވިދާޅުވެ އަރިހަށް ގެންދަވައިފައި ސުވާލުކުރެއްވިއެވެ. "އެއީ ކޮން އަންހެނެއްތޯއެވެ؟" ފާޠިމާ ވިދާޅުވިއެވެ. އެއީ ދެންމެއަކު އައި މީހެކެވެ. އޭނާ ބޭނުންވަނީ މަނިކުފާނުގެ ފައިންޕުޅުދެކޭށެވެ."

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އެއަންހެންމީހާ އަރިހަށް ގެންދަވައި ސުވާލުކުރެއްވިއެވެ.

"ކަމަނާ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟"

އެއަންހެންމީހާ ދެންނެވިއެވެ. " އަމީރުލްމުއުމިނީންއެވެ. އަޅުގަނޑަކީ ޢިރާޤުގައި ދިރިއުޅޭމީހަކީމެވެ. ފިރިމީހާ ނިޔާވެއްޖެއެވެ. އަޅުގަނޑުގެ ފަސް އަންހެންކުދީން އެބަތިއްބެވެ. ފަސްކުދީންވެސް ވަރަށް ވިސްނުން ކޮއްޓެވެ. ފަރުވާ ކުޑައެވެ. އެހެންކަމުން އަޅުގަނޑު މިއައީ އެކުދީން ބެލުމުގައި މަނިކުފާނުގެ އެހީފުޅެއް ލިބޭތޯ އިލްތިމާސު ކުރަންވެގެންނެވެ."

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ވިދާޅުވިއެވެ. " ފަސްކުދިން ތިބެފައި އެފަސްކުދީންނަކީ ވެސް ވިސްނުންކޮށި ފަރުވާކުޑަ ބަޔަކަށްވީ ކަމީ ހިތާމަ ހުރި ކަމެކެވެ." އެހެން ވިދާޅުވުމާއެކު ކީރިތިކުރެއްވިއްޖެއެވެ. އިރުކޮޅަކުން ގަލަމާއި ދަވާދު ނަންގަވައިގެން އިރާޤުގެ ގަވަރުނަރަށް ސިޓީއެއް ލިޔުއްވާން ފެއްޓެވިއެވެ. ލިޔުއްވުން ކުރިޔަށް ގެންދަވަމުން ސުވާލުކުރެއްވިއެވެ. "ކަމަނާގެ ދޮށީ ދަރިފުޅުގެ ނަމަކީ ކޮބައިހެއްޔެވެ؟" އެއަންހެންމީހާ އެކުއްޖާގެ ނަން ދެންނެވުމުން އޭނާގެ ޕެންޝަން ކަނޑައެޅުއްވިއެވެ. އެކަނބުލޭގެ އަލްޙަމްދުލިއްލާހި އޭ ދެންނެވިއެވެ. ދެވަނަ ދަރިފުޅުގެ ނަމަކީ ކޮބައިތޯވެސް ސުވާލުކުރައްވައި އެކުއްޖާއަށްވެސް ޕެންޝަން ދެއްވިއެވެ. ތިންވަނަ ހަތަރުވަނަ ކުދީންގެވެސް ނަން އޮޅުންފިލުއްވައި ޕެންޝަން ލިޔުއްވިއެެވެ. އެކަނބުލޭގެ ކޮންމެ ފަހަރަކު އަލްޙަމްދުލިއްލާހިއެވެ ދަަންނަވައެވެ. ނަމަވެސް ފަސްވަނަ ކުއްޖާއާ ހަމަޔަށް ދިޔައިރު އެކަނބުލެގެ ވީ އުފަލުން އަމިއްލަ ނަފުސު ހިފަހައްޓައެއްނުލެވުނެވެ. އަމީރުލްމުއުމިނީނަށް ތަރީފު ދަންނަވައި ހެޔޮދުޢާކުރަން ފަށައިފިއެވެ. އަމީރުލްމުއުމިނީން ވަގުތުން ލިއުއްވުން ހުއްޓައިލެއްވިއެވެ. ވިދާޅުވިއެވެ. "ތާރީފާއި ޙަމްދު ޘަނާ ޙައްޤު ފަރާތަށް ކަމަނާ ޙަމްދުކުރިއިރު އަހަރެން ގެންދިޔައީ ކަމަނާގެ ކުދީންނަށް ޕެންޝަން ހަމަޖައްސަމުންނެވެ. ނަމަވެސް ކަމަނާ މިހާރު އަހަންނަށް ތާރީފުކުރާން ފަށައިފީމުއެވެ. ޕެންޝަން ހަމަޖައްސާ މީހަކީ އަހަރެން ކަހަލައެވެ. އެހެންކަމުން ކަމަނާގެ ފަސްވަނަ ދަރިފުޅަށް ޕެންޝަން ހަމަޖައްސައިދެވޭކަށެއްނެތެވެ. ކަމަނާގެ ދޮށްޓަށް ތިބި ހަތަރު ކުދީންގެ ގާތުގައި އެކުދީންގެ ކޮއްކޮއަށް އެހީވެދޭށޭ ބުނާށެވެ."

އެކަނބުލޭގެ އަމީރުލްމުއުމިނީންގެ ފަތްކޮޅު ހިފައިގެން ޢިރާޤަށް ގޮސް ގަވަރުނަރުގެ އަރިހަށް ހުށަހެޅިއެވެ. ގަވަރނަރ އެފަތްކޮޅު ބައްލަވައިލެއްވުމާއެކު ކީރިތިކުރެއްވިއްޖެއެވެ. އޭނާ ވިދާޅުވިއެވެ. "މާތްﷲ މިފަތްކޮޅު ލިޔުއްވި ފަރާތަށް ރަޙްމަތް ލައްވާށިއެވެ." އަންހެންމީހާ ކަންބޮޑުވެގެން ސުވާލުކުރިއެވެ. "އެކަލޭގެފާނު އަވަހާރަވީތޯއެވެ؟" ގަވަރުނަރު ވިދާޅުވިއެވެ. "އާނއެކެވެ. އެވަގުތު އެކަނބުލޭގެ އަށް ރޮއިގަނެވުނެވެ. ގަވަރުނަރު ވިދާޅުވިއެވެ. "ކަމަނާ ކަންބޮޑުނުވާށެވެ. އަހަރެން މިފަތްކޮޅަށް ޢަމަލުކުރާނަމެވެ." ގަވަރުނަރު އެހެން ވިދާޅުވެފައި އެއަންހެންމީހާގެ ހަތަރުދަރީން ޕެންޝަންގެ ދަފްތަރުގައި ހިމެނުއްވިއެވެ.

އެއްފަހަރަކު ވާރޭވެހުނު ދުވަހެއްގައި ކަށުނަމާދެއް ކޮށްދެއްވަން އުޅުއްވަނިކޮށް ދަތުުރުވެރިޔަކު އެތަނަށް ދިޔައެވެ. އޭނާގެ ގައިގައި ފޮށައެއްވެސް ނެތެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮށާކޮޅުގެ އެއްބައި އެމުސާފިރުގެ ގައިގައި ލައިދެއްވިއެވެ.

ކެތްތެރިވެވަޑައިގެންެނެވުން

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒަށް ކިތަންމެ ބޮޑު މުޞީބަތަކާ ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވިކަމުގައިވިޔަސް އެކަލޭގެފާނު ކެތްތެރިފުޅުކަމުގެ ލަގަން އަތްޕުޅުން ދޫކޮށެއް ނުލައްވައެވެ. އެކަލޭގެފާނުގެ އެންމެ ލޮބުވެތި ދަރިކަލުން އަބްދުލްމަލިކާއި، އެންމެ ލޯބިފުޅުވާ އަޚް ސަހްލު ބުނު ޢަބްދުލްޢަޒީޒު ދާދިގާތްގަތުގައި އަވަހާރަވިއެވެ. އެދުވަސްވަރު އެކަލޭގެފާނުގެ ވަރަށް ވަފާތެރި ޚާދިމަކުވެސް މަރުވިއެވެ. އެހިތާމަވެރި ދަނޑިވަޅުގައި ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ދެއްކެވި ކެތްތެރިފުޅުކަމުން މީހުން ހައިރާންވެ އަންތަރީސްވިއެވެ.

ޢަބްދުލްމަލިކު ފަސްދާނުލެއްވެވުމަށްފަހު މަހާނަފުޅުގެ ކައިރީގައި ހުންނަވައި ވިދާޅުވިއެވެ.

"އޭލޯބިވާ ދަރިފުޅާއެވެ! މާތްﷲ ދަރިފުޅަށް ރަޙްމަތްލައްވާށިއެވެ. ދަރިފުޅު ކުޑައިރު ބައްޕަގެ އުފާތަކުގެ ސަބަބަކަށްވީމުއެވެ! ޒުވާން އުމުރުގައި ބައްޕަގެ ޙައްޤު އަދާކުރީމުއެވެ. ނަމަވެސް މިއަދަށްވުރެ ބައްޕަ ލޮލުން ކަރުނަ ހިކުނު ދުވަހެއް އައިކަމެއްނޭނގެއެވެ!"

އެހެން ވިދާޅުވުމަށްފަހު އެއްވެފައިތިިބި މީހުންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ.

"މާތްﷲ ގެ އަމާނާތެކެވެ. އެކަލާނގެ ގެންދެވީއެވެ. ޖާހިލިއްޔަތުގެ އާދައިގެ މަތީން އެކަކުވެސް ރޮއި ހިތާމަކޮށް ނަހަދާށެވެ. މިއަމުރުފުޅު އިސްލާމީ ދައުލަތުގެ ހުރިހާ ކަންކޮޅުތަކަކަށްވެސް ފޮނުއްވިއެވެ." އެއްވެސް މީހަކު އަހަރެންގެ ދަރިފުޅާމެދު ހިތާމަފާޅު ނުކުރާށެވެ." މިގޮތަށް އެންގެވިއެވެ.

މިއެންގެވުންތަކާއެކުވެސް މީހުން އެކަލޭގެފާނުގެ އަރިހަށް ތަޢުޒިޔާ ދަންނަވަން އައިސް އުޅުނެވެ. ޢަރަބީންގެ ބަލާޣަތާއެކު ހިތްތައް ތޮރުފައިލާ ފަދަ ބަސްތަކުން ތަޢުޒިޔާ ދަންނަވައި އުޅުނެވެ. ނަމަވެސް އެއިން ކޮންމެ ވަގުތަކުވެސް ސާބިތުކުރެއްވީ ކެތްތެރިވެވަޑައިގަތުމުގެ ބޮޑުކަމެވެ. ޝުކުރުވެރިވެ ވަޑައިގަންނަވާލެއް ޞަރީޙުކަމެވެެ. ތަޢުޒިޔާ ވިދާޅުވާން ވަޑައިގެންނެވި ބޭކަލުންގެ ތެރޭގައި ރަބީޢު ބުނު ސަބްރާވެސް ހިމެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވަޑައިގެން ވިދާޅުވިއެވެ.

"އަމީރުލް މުއުމިނީނެވެ! މާތްﷲ މަނިކުފާނަށް ހެޔޮ ދަރުމަ ދެއްވާށިއެވެ. ދާދި ގާތްގާތުގަިއ ކުދިކުދިވެގެން މަނިކުފާނުގެ އިސްތަށިފުޅަށް މިފޭބީ މުޞީބާތުގެ ހާދަ ބިޔަ ފަރުބަދަތަކެކެވެ. މާތްﷲ ގަންދެމެވެ. މަނިކުފާނުގެ ދަރިކަލުން ފަދަ ދަރިޔަކު ވެސް މަނިކުފާނުގެ އަޚާފަދަ އަޚަކުވެސް މަނިކުފާނުގެ ޚާދިމުފަދަ ޚާދިމަކު ދުވަހަކުވެސް ފެނިފައެއްނުވެއެވެ."

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު އިރުކޮޅަކު ހިމޭނުން އިންނެވުމަށްފަހު ވިދާޅުވިއެވެ.

"އެބައިމީހުންގެ މަރު މިންވަރުކުރެއްވި ޒާތުފުޅު ގަންދީ ބުނަމެވެ. މިކަންކަން މިގޮތަށް ހިނގައިގެން ނުދާކަން އަހަރެން ނޭދެމެވެ. މާތްﷲގެ މިންވަރުފުޅާއި ރުހިވޮޑިގަތުމަކީ އަހަރެން އެދޭ، އަހަރެން ރުހޭގޮތެވެ."

ލަދުފުޅުގެންވަޑައިގަތުން

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ މިޒާޖުފުޅުގަިއ އިންތިހާ ދަރަޖަޔަށް ލަދުވެތިކަން ހުރެއެވެ. ލަދުހުތުރު ވާހަކަތައް ދެއްކެވުން އެއްކިބައިގައި އޮއްވައި ޢާއްމު ވާހަކަ ދެެއްކުމުގައި ބޭނުންކުރެވޭ ވަރަށް އާދައިގެ ބަސްތައްވެސް ލަދުފުޅުން ބޭނުން ނުކުރައްވައި ދޫކޮށްލައްވައެވެ.

އެއްފަހަރަކު އެކަލޭގެފާނުގެ މަޖްލިސެއްގައި އިންމީހަކު ވާހަކަ ދައްކަމުންގޮސް "ކިހިލިފަތްދޮށުގައެވެ." ބުނުމުން ވިދާޅުވިއެވެ. "ތަހްޒީބީ ރީތި ބަސްތަކުން ވާހަކަ ނުދައްކަނީ ކީއްވެހެއްޔެވެ؟" އެތާނގައި ތިބިމީހުން ދެންނެވިއެވެ. އެބަސް ބޭނުންކުރާނީ ކޮންގޮތަކުންތޯއެވެ ވިދާޅުވިއެވެ. " އަތުގެ ދަށުގައޭ ބުނިނަމަ މާރަނގަޅުވީހެެވެ."

އެއްފަހަރަކު ޚުދު އެކަލޭގެފާނުގެ ކިހިލިފަތްޕުޅުގައި ދިއްގޮނޑިއެއް ނެގިއެވެ. ބަޔަކު ދެންނެވިއެވެ. މުލިހިފުޅެއް ނެގީ ކޮންތަނަކުތޯއެވެ؟ ކިހިލިފައްޗޭ ވިދާޅުވާކަށެއް ބޭނުންފުޅެއް ނުވިއެވެ. އެހެންކަމުން ވިދާޅުވިއެވެ. "އަހަރެންގެ އަތުގެ ބަނޑު ދޮށުގައެވެ."

މިޒާޖުފުޅުގައި ހަރުދަނާކަން ވަރަށް ބޮޑެވެ. ބޭކާރު ވާހަކަތަކަށާއި، މާނައެއްނެތް ސަމާސާއަށް ތަރުޙީބެއް ނުދެއްވައެވެ. ހަރުއަޑުފުޅަކުން ވާހަކަފުޅެއް ނުދައްކަވައެވެ. އެހެންމީހުންނަށްވެސް އަޑުގަދަކޮށް ވާހަކަދެއްކުމުގެ އިޒުނައެއް ނުދެއްވައެވެ. ވިދާޅުވެއެވެ. "އަޑު ބަހައްޓަންވާނީ އެހެންމީހުނަށް ފަސޭހައިން އަޑުއިވޭ ފަދަ ބާރުމިނެއްގައެވެ."

ހީނސަމާސާކޮށް އަނގަތެޅުމަކަށްވެސް ރުހިވަޑައެއް ނުގަންނަވައެވެ. އެއްފަހަރަކު އެކަލޭގެފާނުގެ އާއިލާގެ މެމްބަރުން އެއްވެ ވަޑައިގެން ހިނިފުޅު ވަޑުވައި ސަމާސާކުރައްވަން ފެއްޓެވުމުން އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ތިޔަބައިމީހުން ތިޔަ އެއްވީ ބޭކާރު ވާހަކަ ދައްކަން ހެއްޔެވެ؟ ތިޔަބައިމީހުންގެ މަޖްލިސްތަކުގައި، ކީރިތި ޤުރްޢާނާ ބެހޭގޮތުން ނުވަތަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކާމެދު ވާހަކަ ދައްކާށެވެ. އެންމެ ކުޑަމިނުން މާތްމީހުންގެ ފެންވަރުގައި ވާހަކަ ދައްކާށެވެ."

ހިތްޕުޅުމަޑުކަން

ވާހަކަފުޅުތަކުގެ ފޮނިކަމާއި، ޚުލުޤުފުޅުުު ރީތިކަމުގެ އިތުރަށް އެކަލޭގެފާނަކީ ވަރަށް ހިތްޕުޅުމަޑު ބޭކަލެކެވެ. މީހަކަށް ދެރަކަމެއް ނުވަތަ މުޞީބާތެއް ކުރިމަތިވެގެން އުޅޭތަން ފެނިވަޑައިގެންފިނަމަ ވަގުތުން ލޯފުޅުން ކަރުނަފޮދު އާދެއެވެ. އެމީހެއްގެ އެމުޞީބާތެއް ފިލުއްވައި ދެއްވައި ހިތްހަމަޖައްސަވައި ދެއްވޭތޯ އަވަހަށް މަސައްކަތްޕުޅު ފައްޓަވައެވެ.

އެކަލޭގެފާނުގެ ރަހުމްވެރިކަމާއި އޯގާވެރިކަން ރައްދުކުރައްވަނީ ހަމައެކަނި އިންސާނުންނަކަށް ނޫނެވެ. ޖަނަވާރުންނާމެދުވެސް ކުލުނާއި ހަންހާރަވެތިކަން ވަރަށް ބޮޑެވެ. ސަރުކާރުގެ ޕޯސްޓް އުފުލާ އަސްތަކުގައި ބަރު ލަގަން ނާޅުވަން އަމުރުކުރެއްވިއެވެ. އަސްވާރުން ބޭނުންކުރާ ހަންމުށީގެ ކޮޅުގައި ސޫފިތަކަށް ހަރައިލެވޭގޮތަށް ދަގަނޑު ތުނޑު ހަރުކުރުން މަނާކުރެއްވިއެވެ. އެއްފަހަރަކު ލިބިވަޑައިގެންނެވި ޚަބަރަކީ މިސުރުމީހުން ޖަމަލުތަކަށް އެއްހާސް ރާތަލުގެ ބަރުދަނަށް މުދާ އަރުވާ ވާހަކައެވެ. އެކަމާ ބެހޭގޮތުން މިސުރުގެ ގަވަރުނަރަށް ވަގުތުން ފަތްކޮޅެއް ފޮނުއްވިއެވެ. ޖަމަލެއްގެ ބުރަކަށިމައްޗަށް ހަސަތޭކަ ރާތަލުގެ ބަރުދަނަށްވުރެ ގިނަިއން މުދާ ނާރުއްވަން އެފަތްކޮޅުން އެންގެވިއެވެ.

ދުޝްމިނުންނާމެދުވެސް މުޢާމަަލާކުރައްވައި އުޅުއްވީ ހިތްޕުޅުހެޔޮކަމާއ، މުރުއްވަތްތެރިކަމާއިި ކުލުނުވެރިކަމާ އެކުގައެެވެ. ޚަވާރިޖުންގެ ޙައްދުފަހަނައަޅައިފަިއ ފިރުޤާއަކުން މީހުން މަރައި މުދާ ފޭރިއުޅޭ ޚަބަރު ލިބިވަޑައިގަތުމުން އެމީހުން ހަނގުރާމަކުރުމުގެ ހުއްދަ ދެއްވިއިރު ކަނޑައެޅުއްވި ޝަރުޠުތަކުގެ ތެރޭގައި އަންހެނުންނާއި، ކުޑަކުދީންނާއި ހައްޔަރުކުރެވޭ މީހުން ޤަތުލުނުކުރުން ހިމެނުއްވި ވާހަކަ އިސްވެދިޔަ ތާނގައި ވަނީ ބަޔާންކޮށްފައެވެ. އަތުލެވޭ ޣަނީމާ އޭގެ ވެރީންނަށް ރައްދުކުރުމަށާއި، ޒަޚަމުވެފައިހުރި މީހަކު ފަހައިނުދާން އެންގެވި ވާހަކަވެސް ވަނީ ލިޔެފައެވެ.

އެކަލޭގެފާނަށް ޒަހަރު އެރުވި ޚާދިމަށް މާފުދެއްވި ވާހަކަ އާއި އޭނާ މިނިވަންކުރައްވައި އެހެންމީހުނަށް އޭނާ ފާހަގަނުކުރެވޭނެ ތަނަކަށް ދާން ލަފާ ދެއްވި ވާހަކަވެސް އަޅުގަނޑުވަނީ ލިޔެވިފަައެވެ.

ރަޙްމަތްތެރިންނާއި ދުޝްމިނުންގެ ބަލިމީހުންނަށް އެއްވެސް ފަރަޤެއް ނުކުރައްވައި ޒިޔާރަތްކުރައްވައި ހާލުބައްލަވައެވެ. އެބައިމީހުންނަށް ތަސައްލީ ދެއްވައެވެ. މާތްﷲއަށް ވަކީލުކުރައްވާލެއް ބޮޑުކަމުން އެއްވެސް ކަހަލަ ނުރައްކަލަކަށް ކުޑަވެސް ފަރުވާލެއް ނުބަހައްޓަވައެވެ. ގަނޑުވަރުގެ ދޮރުވާނުންނާއި، ހަށިފާރަވެރިންނަށް ވިދާޅުވެއެވެ. "އަހަރެން ތިޔަބައިމީހުންނަކަށް އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. މާތްﷲ ތިޔަބައިމީހުނާ ނުލައި އަހަންނަށް ފުއްދަވައިދެއްވައިފައެެވެ. މާތްﷲގެ ތަޤްދީރާމެދު އަހަރެން ރުހި ޝުކުރުވެރިވަމެވެ. ބޭނުންމީހަކު ގެއަށް ދާށެވެ."

(ނުނިމޭ)

infinity loading...
×
DB released 01.