އިންޝުރެންސް ސްޓިކާ ދެން ތަތްކުރާކަށް ނުޖެހޭނެ، އިލެކްޓްރޯނިކް ސްޓިކާ ތައާރަފްކޮށްފި

އެލައިޑް އިންޝުރެންސުން "އިލެކްޓްރޯނިކް ސްޓިކާ" ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ

އެލައިޑު އިންޝުރެންސުން ދޭ އެއްގަމު އުޅަނދުގެ އިންޝުއަރެންސް ސްޓިކާ އިލެކްޓްރޯނިކް ކުރުމަށްފަހު މިއަދު އެ ސްޓިކާ ތައާރަފްކޮށްފިއެވެ.

މޮޓޯ އިންޝުރެންސްގެ އިލެކްޓްރޯނިކް ސްޓިކާ ތައާރަފް ކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ ވިދާޅުވީ ޗެކް ޕޯސްޓު ޖަހައިގެން އެއްގަމު އުޅަނދުފަހަރު ޗެކް ކުރާއިރު ސްޓިކާ މައްސަލާގައި ބަހުސް ކުރެވޭ ހާލަތްތައް މެދުވެރިވާ ކަމަށެވެ. އަދި އިލެކްޓްރޯނިކް ސްޓިކާ ތައާރަފް ކުރުމުން އެފަދަ ކަންކަމަށް ހައްލު އަންނާނެ ކަމަށާއި ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމަށް އެލައިޑާ ގުޅިގެން ކުރާ މަސައްކަތުގައި އެ ޚިދުމަތަކީ ރަނގަޅު ފެށުމެއް ކަމުގައި ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިފަދަ ރަނގަޅު ކަންތައްތަކެއް ތައާރަފް ކުރިކަމުގައިވީ ނަމަވެސް މީގެ ބޭނުން އެބަ ހިފަން ޖެހޭ ހުރިހާ ފަރާތްތަކުން ވެސް. ވަރަށް ބޮޑެތި ބަދަލުތަކެއް މިއަންނަނީ. މިކަންތައްތައް ފުރިހަމަ ކުރުމުގެ ބޭނުމަކީ މިވާ އެކްސިޑެންޓުތަކުގަ މީހުންނަށް އަދަބަށްތުރެ ބޮޑު އަދަބުތަކެއް ލިބެން އެބަ ޖެހޭ ފުރިހަމަ ކުރަން ޖެހޭ ބައެއް ކަހަލަ ރަސްމީ ލިއެކިއުންތައް ފުރިހަމަ ނުކޮށް ހުރުމުގެ ސަބަބުން،" ޑީސީޕީ ވިދާޅުވިއެވެ.

އެލައިޑުގެ ފަރާތުން ވާހަކަ ދައްކަވަމުން އެކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒީ މުހައްމަދު ވިދާޅުވީ އެ ސްޓިކާ ތައާރަފް ކުރުމުން ކަސްޓަމަރުންނަށް، ސްޓިކާތައް ކުރުމުގެ ބަދަލުގައި ފޯނަށް ސްޓިކާ ލޯޑު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މި ކަން ކުރެވޭނީ އެލައިޑް އިންޝުރެންސްގެ އެޕްލިކޭޝަން މެދުވެރިކޮށެވެ.

"އެ ސްޓިކާ ފޯނަށް ލޯޑު ކުރުމަށްފަހު ދެން ސައިކަލުގަ އެ ސްޓިކާ ނުޖެހިޔަސް ޕޮލިސް އިން ވެސް އެހެން ފަރާތްތަކުން ވެސް މިހާރު ސްޓިކާ ޑިޖިޓަލީ ގަބޫލު ކުރާނެ،" އޭނާ ވިދާޅުވިއެވެ.

އިލެކްޓްރޯނިކް ސްޓިކާ ތައާރަފް ކުރި ނަމަވެސް ތައްކުރާ ސްޓިކާވެސް އެކުންފުނިން ދޫކުރާނެ އެވެ.

އެ އެޕްލިކޭޝަން މެދުވެރިކޮށް ސްޓިކާގެ ވެލިޑިޓީވެސް ބަލާލެވޭނެ އެވެ. ރިޔާޒީ ވިދާޅުވީ އެ ޚިދުމަތާއެކު "ފްރޯޑު"ގެ ބައިވެސް ވަރަށް ބޮޑަށް ދަށް ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް