ބޭނުންކުރެވޭ ރިޒާވް ހަ ޕަސެންޓް އިތުރުވެއްޖެ

މީހަކު ޑޮލަރުތަކެއް ހިފައިގެން: ފެބްރުއަރީ މަސް ނިމުނު އިރު ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރި ޑޮލަރުގެ އަދަދު ވަނީ އިތުރުވެފައި --- ސަން ފައިލް ފޮޓޯ

މިދިޔަ ފެބްރުއަރީ މަހު ޑޮލަރުގެ ރިޒާވްގެ ތެރެއިން ބޭނުން ކުރެވޭ ރިޒާވް ހަ ޕަސެންޓް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއްޔެ އާންމު ކުރި އިގްތިސާދީ ރިވިއުގައިވާ ގޮތުން ބޭނުންކުރެވޭ ރިޒާވްގެ އަދަދު ވަނީ 213.3 މިލިއަން ޑޮލަރަށް ފެބްރުއަރީ މަހު އިތުރުވެފަ އެވެ. ޖެނުއަރީ މަހު ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 201.5 މިލިއަން ޑޮލަރެވެ.

އެއީ އަހަރުން އަހަރަށް ބެލިނަމަވެސް 16 ޕަސެންޓްގެ ކުރިއެރުމެކެވެ. ބޭނުންކުރެވޭ ގޮތަށް ހުންނަ ރިޒާވަކީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި ތެލާއި އެނޫން ވެސް އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި އެތެރެކުރުމަށް ހުންނަ ޑޮލަރެވެ.

އެމްއެމްއޭގެ ރިވިއުގައިވާ ގޮތުން ފެބްރުއަރީ މަހު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 516.8 މިލިއަން ޑޮލަރެވެ. ޖެނުއަރީ މަހު ރަސްމީ ރިޒާވްގެ ގޮތުގައި ހުރީ 476.1 މިލިއަން ޑޮލަރެވެ.

ފެބްރުއަރީ މަހު ރިޒާވް އިތުރުވި އިރު، މިދިޔަ ޑިސެމްބަރު މަހު ރިޒާވް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

ޑިސެމްބަރުގައި ރިޒާވް ދަށްވީ އިންޑިއާގެ ޖީއެމްއާރަށް ފައިސާ ދައްކަން މަރުކަޒީ ބޭންކުން ބޮންޑް ގަތުމުންނެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިއްކި 140 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ)ގެ ބޮންޑް އެމްއެމްއޭ އިން ގަތީ ތިން އަހަރުން އަނބުރާ ދައްކައި ހަލާސްކުރާ ގޮތަށް، 4.9 ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގަ އެވެ.

މިދިޔަ ފެބްރުއަރީ މަސް ނިމުނުއިރު ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ޓަކައި 23.2 ބިލިއަން ރުފިޔާ ޓީ ބިލާއި ޓީ ބޮންޑް ވިއްކާފައިވެ އެވެ. އެއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 83.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެ މުއްދަތުގައި ބޭންކުތަކުން ޓީ ބިލް ގަތް އަދަދު މަދުވި ނަމަވެސް އެހެނިހެން މާލީ އިދާރާތަކުން ވަނީ އެ މުއްދަތުގައި ޓީ ބިލް ގަތް އަދަދު އިތުރުވެފަ އެވެ.

އަދި ސަރުކާރުން ސެކިއުރިޓީސްގައި އިންވެސްޓްކުރި އަދަދު ފެބްރުއަރީ މަހު ވަނީ 15 ޕަަސެންޓް އިތުރުވެފަ އެވެ. އެގޮތުން ޓީ ބިލް ވިއްކި އަދަދު 23 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

comment ކޮމެންޓް