ދިރާގުން އައިފޯން ރެޑް ތައާރަފްކޮށް، ވިއްކަން ފަށައިފި

ސްޕެޝަލް އެޑިޝަން އައިފޯން 7 އާއި 7 ޕްލަސް --

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ދޭ ކުންފުނި، ދިރާގުން ރާއްޖެ އަށް އައިފޯން 7 ރެޑް ތައާރަފްކޮށް، ވިއްކަން ފަށައިފި އެވެ.

އެކުންފުނިން މިއަދު ބުނި ގޮތުގައި މިއަދުން ފެށިގެން އެކުންފުނީގެ ހުރިހާ ބްރާންޗަކުން އައިފޯނު ރެޑް ލިބެން ހުންނާނެ އެވެ. އަދި ދިރާގުން އައިފޯން 7 ރެޑް ގަންނަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހަ މަސް ދުވަސް ވަންދެން ހިލޭ ފަސް ޖީބީ ޑާޓާ ލިބޭނެ ކަމަށާއި ޕްރިޕެއިޑް ކަސްޓަމަރުންނަށް އެއް ޖީބީގެ ޑޭޓާއާއި 300 ފްރީ މިނެޓު ލިބޭނެ އެވެ.

އައިފޯނު ރެޑް ވިއްކަން ނިންމާފައި ވަނީ އިންސްޓޯލްމެންޓަށްވެސް ފައިސާ ދެއްކޭ ގޮތަށެވެ.

އެޕަލް އިން އައިފޯނު 7ގެ ރެޑް އެޑިޝަން ތައާރަފް ކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އެކުންފުނިން ބުނި ގޮތުގައި ޕްރޮޑަކްޓް ރެޑް ސްޕެޝަލް އެޑިޝަން ތައާރަފްކޮށްފައި ވަނީ ދުނިޔޭގައި އެއިޑްސް ބަލި ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ޖަމްއިއްޔާއެއް ކަމަށްވާ ރެޑްއާ އެކު އެޕަލްއިން ޕާޓްނާޝިޕެއް ހެދިތާ 10 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ.

އެއައިފޯނު ވިއްކައިގެން އެޕަލްއަށް ލިބޭ ފައިދާގެ ތެރެއިން ބައެއް ދާނީ ދެކުނު އެފްރިކާ އާއި ގާނާ އާއި ރުވަންޑާ ފަދަ ގައުމުތަކުގައި ހިންގާ އެޗްއައިވީ ޕްރޮގްރާމުތަކަށް މާލީ އެހީ ފޯރުކޮށްދޭ ޖަމްއިއްޔާއެއް ކަމަށްވާ ދި ގްލޯބަލް ފަންޑަށެވެ. އެޕަލްއިން ވަނީ މީގެ ކުރިންވެސް ޕްރޮޑަކްޓް ރެޑްގެ ނަމުގައި އައިފޯން 7ގެ ބެޓެރީ ކޭސް ފަދަ އާލާތްތައް ބާޒާރަށް ނެރެފަ އެވެ.

އެކުލާގައި ލިބެން ހުންނާނީ އައިފޯނު 7 ގެ 128ޖީބީ އާއި 256ޖީބީގެ ފޯނު އެކަންޏެވެ. އެއީ އައިފޯނު ޕްލަސްގެ ސައިޒާ އެކު އެވެ.

comment ކޮމެންޓް