ޓީއެމްއޭގެ ފްލީޓަށް 47 ވަނަ ބޯޓު ގެނެސްފި

ޓީއެމްއޭއަށް ގެނައި 47 ވަނަ އެއާކްރާފްޓް --- ފޮޓޯ/ ޓީއެމްއޭ

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ފްލީޓަށް އާ އެއާކްރާފްޓެއް ގެނެސް، 47 ވަނަ ބޯޓު ހަމަކޮށްފި އެވެ.

ޓީއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި، އިއްޔެ ހަވީރު ރާއްޖެ އައިސްފައި ވަނީ ޑީއެޗްސީ-6 ޓުވިން އޮޓާ މަރުކާގެ ބޯޓެކެވެ. މި ބޯޓު ރާއްޖެ އައީ ކެނެޑާގެ ކެލްގަރީންނެވެ.

ޓީއެމްއޭއިން މިދިޔަ މަހުގެ ފަހުކޮޅުވެސް ވަނީ ޓްވިން އޮޓާ މަތިންދާ ބޯޓެއް އެ އެއާލައިނުގެ ފްލީޓަށް އިތުރުކޮށްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލުގައި ޓީއެމްއޭގެ ސީޕްލޭނެއް ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޓީއެމްއޭއިން ބުނި ގޮތުގައި އެ އެއާލައިނުގެ ފްލީޓު ބޮޑުކުރަމުން ދަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި، އާ ރިސޯޓުތަކާ އެކު ބެޑް ކެޕޭސިޓީ ވެސް އިތުރުވާތީ، އިތުރުވާ ޑިމާންޑާ ބައްދަލުކުރުމުގެ ގޮތުންނެވެ. މިއަހަރުގެ ތެރޭގައި އިތުރު އެއާކްރާފްޓުތައް ގެންނަން ރާވާފައިވާ ކަމަށް ވެސް ޓީއެމްއޭއިން ބުނެއެވެ.

ޓީއެމްއޭ އިން ބުނީ އެ އެއާލައިނުގެ ފްލީޓަށް އިތުރުވި އާ ބޯޓާ އެކު، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުގެ މަގާމު އެ އެއާލައިނަށް އިތުރަށް ދެމެހެއްޓިގެން ހިނގައްޖެ ކަމަށެވެ.

comment ކޮމެންޓް