ރައުދާގެ މަރާ ގުޅޭ މުހިންމު ހެއްކެއް ގެއްލި، އިތުރު ސުވާލުތަކެއް!

ރައުދާ އާތިފް ---

މިދިޔަ ބުދަ ދުވަހު ބަންގްލަދޭޝްގައި މަރުވެފައި ހުއްޓާ ފެނުނު ދިވެހި ދަރިވަރު ރައުދާ އާތިފްގެ މަރުގެ މައްސަލައާ ގުޅޭ މުހިންމު ހެއްކެއް "ގެއްލިފައިވާ" ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

އުމުރުން 20 އަހަރުގެ ރައުދާ އާތިފް ދިޔައީ ބަންގްލަދޭޝްގެ ރާޖްޝާހީ ސިޓީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި ޑޮކްޓަރުކަން ކިޔަވަމުންނެވެ. އޭނާ ދިރިއުޅެމުން ދިޔައީ ކޮލެޖުގައި އަންހެން ކުދިން ތިބޭ ހޮސްޓެލްގަ އެވެ.

މާޗު 28 ވަނަ ދުވަހުގެ ރޭ ރައުދާ ޑޮކްޓަރަށް ދެއްކުމަށް ދިޔަ ކަން އެނގިފައިވެ އެވެ. ޑޮކްޓަރަށް ދެއްކީ އިންޑައިޖެއްޝަނަކަށް ފަރުވާ ހޯދުމަށެވެ.

ރައުދާގެ އާއިލާއިން ބުނި ގޮތުގައި، ރައުދާ ޑޮކްޓަރަށް ދެއްކުމަށް ދިއުމަށް ފަހު އެނބުރި ހޮސްޓެލްއަށް ވަންނަ މަންޒަރު ބެލުމަށް ޓަކައި، އާއިލާ އިން ވަނީ ހޮސްޓެލްގެ އެންޓްރަންސް ފެންނަ ސީސީޓީވީ ފުޓޭޖު ހޯދުމަށް މަސައްކަތް ކޮށްފަ އެވެ.

ރައުދާ މަރުވެފައި ހުއްޓައި ފެނުނީ މާޗު 29 ވަނަ ދުވަހު އެވެ. އާއިލާ އިން ބުނި ގޮތުގައި މާޗު 25 އިން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ސީސީޓީވީ ފުޓޭޖު ނެތެވެ.

ރައުދާގެ އާއިލާއިން ބުނީ އެ ފުޓޭޖު ކޮލެޖުގައި ނެތް އިރު، ފުލުހުންގެ ތަހުގީގަށް ވެސް ސީސީޓީވީ ފުޓޭޖު ހޯދާފައިވާކަން އެނގިފައި ނުވާ ކަމަށެވެ.

"އެއީ އަހަރެމެން ބަލަން ބޭނުންވި ދުވަސްތައް. އެ ދުވަސްތަކުގެ ސީސީޓީވީ ފުޓޭޖު ނެތީވެސް،" އާއިލާގެ މެމްބަރު ބުންޏެވެ.

ރައުދާ އާތިފް ---

ރައުދާގެ މަރުގެ މައްސަލަ ބަލަމުންދަނީ ބަންގްލަދޭޝްގެ ރާޖްޝާހީ މެޓްރޮޕޮލިޓަން ޕޮލިސްގެ ޑިޓެކްޓިވް ބްރާންޗުންނެވެ. އެ ބްރާންޗުގެ ސީނިއާ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލާމިން ހުސައިން "ސަން"އަށް އިއްޔެ ވިދާޅުވި ގޮތުގައި، ފުލުހުންގެ ތަހުގީގަށް، ރައުދާ ދިރިއުޅެމުން ދިޔަ ހޮސްޓެލްގެ ބޭރުގައިވާ ސީސީޓީވީ ފުޓޭޖު ގެންގޮސްފައެއް ނުވެ އެވެ.

ސީސީޓީވީ ފުޓޭޖު "ވީނުވީއެއް ނޭނގި" ގެއްލިފައިވާ އިރު، ރައުދާގެ ގިނަ ފޮޓޯތަކަކާ އެކު އޮތް އޭނާގެ އިންސްޓްރަގްރާމް އެކައުންޓް ވެސް އިއްޔެގެ ވަގުތެއްގައި ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. އެ އެކައުންޓް ވަނީ ޑީއެކްޓިވޭޓް ނުވަތަ ޑިލީޓުކޮށްފަ އެވެ.

ރައުދާގެ ފޭސްބުކް އެކައުންޓް "މެމޯރިއަލައިޒް" ކޮށްފައިވާ އިރު، އޭނާގެ އިންސްޓަގްރާމް އެކައުންޓް ގެއްލުނީ އާއިލާއަށް ވެސް ނޭނގި އެވެ. އިންސްޓަގްރާމް ޑިލީޓު ކުރެވޭނީ ބްރައުޒާއެއް މެދުވެރިކޮށް، އިންސްޓަގްރާމްގެ ވެބްސައިޓަށް ވަދެެ، އެކައުންޓަށް ވަދެގެންނެވެ. އެހެންކަމުން ރައުދާގެ އިންސްޓަގްރާމަށް ވެސް ވީ އެހެން ކަމަށް ބެލެވެ އެވެ. ނަމަވެސް އެކަން ހިނގީ އެގޮތަށް ނަމަ، އެކަން ކުރީ ކާކުކަމެއް ނޭނގެ އެވެ.

އިންސްޓަގްރާމް އެކައުންޓަށްވީ ގޮތެއް ނޭނގި ގެއްލިފައިވާ އިރު، ދިވެހި ބްލޮގަރު މުޒައްފަރު (މުޖޫ) ނައީމް އިއްޔެ ހެނދުނު އޭނާގެ ބްލޮގުގައި ފާހަގަކުރި ގޮތުގައި، ރައުދާ އިންސްޓަގްރާމުން ފޮލޯކުރަމުން ދިޔަ 370 އެކައުންޓެއްގެ ތެރެއިން، މިދިޔަ ދެ ތިން ދުވަސް ތެރޭގައި ދެ އެކައުންޓެއް ވަނީ މަދުވެފަ އެވެ.

އެ ދެ އެކައުންޓަކީ ރައުދާއާ އެކު ކިޔަވަން އުޅޭ ކަޝްމީރަށް ނިސްބަތްވާ ސީރަތު ޕަރުވީން މުހައްމަދާއި، ބަންގާޅަށް ނިސްބަތްވާ މުހައްމަދު މުހުސިން ނަމަކަށް ކިޔާ ދެ ދަރިވަރުންނެވެ. ރައުދާގެ އިންސްޓަގްރާމުން ސީރަތު އަދި މުހުސިންގެ އެކައުންޓް އަންފޮލޯ ކުރެވޭނެ ދެ ގޮތަކީ، ރައުދާގެ އެކައުންޓުން ސީދާ އަންފޮލޯ ކުރުމެވެ. ނުވަތަ ސީރަތާއި މުހުސިންގެ އެކައުންޓުން ރައުދާގެ އިންސްޓަގްރާމް ބްލޮކު ކޮށްލުމެވެ.

މީގެ އިތުރުން ރައުދާގެ އިންސްޓަގްރާމުގައި ހުރި ބައެއް ފޮޓޯތަކަށް ޝައްކު ކުރެވޭ ޒާތުގެ މެސެޖުތަކެއް ވެސް އެކައުންޓަކުން ކޮށްފައިވެ އެވެ.

ރައުދާ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ފަހު އޭނާ ވަޅުލީ މިދިޔަ ހޮނިހިރު ދުވަހު، ރާޖްޝާހީގެ ޚަތިމް ޚާން ގަބުރުސްތާނުގަ އެވެ.

އޮޓޮޕްސީ ރިޕޯޓު މިހާތަނަށް ނެރެފައި ނުވާ އިރު، ފުލުހުން ބުނަނީ އެ ރިޕޯޓް ތައްޔާރުވުމަށް ދެ ހަފްތާ ވަރު ނަގާނެ ކަމަށް ބުނެ އެވެ. ނަމަވެސް ރައުދާގެ ޖަނާޒާއަށް ފަހު ފުލުހުން މީޑިއާގައި ބުނެފައި ވަނީ ރައުދާ މަރުވީ ދަންޖެހިގެން ކަމަށެވެ.

ނަމަވެސް ރައުދާގެ އާއިލާ އިން މިކަން ގަބޫލެއް ނުކުރެ އެވެ. އާއިލާއިން ބުނަނީ މި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށެވެ.

ރައުދާ ކިޔަވަމުން ދިޔަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖު ---

މީގެ އިތުރުން ވެސް، ރައުދާގެ މަރުގެ މައްސަލާގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ފާހަގަވެފައިވެ އެވެ. އެގޮތުން، ރައުދާ ކޮޓަރީގައި ދަންޖެހިފައި ހުރި މަންޒަރު ފެނިގެން ގަދަކަމުން ދޮރު ހުޅުވައިގެން އޭނާގެ އެކުވެރިން ކޮޓަރިއަށް ވަން ކަމަށް ފުލުހުން ބުނާ އިރު، އާއިލާގެ މެމްބަރުން ބުނަނީ އެ ކޮޓަރިއަށް ގަދަކަމުން ވަދެފައި ހުރިކަމުގެ އެއްވެސް ނިޝާނެއް ދޮރުން ފެންނަން ނެތް ކަމަށެވެ. ތަޅަކަށް، ތައްޑަކަށް އެއްްވެސް ގެއްލުމެއްވެފައެއް ނުވެ އެވެ.

"ފުލުހުން ވެސް ކޮޓަރި ރަނގަޅަށް ނުބަލާ. ފުލުހުން ބުނީ ކުދިންތައް ދޮރު ކޮއްޕައި ހަދައިގެން ހުޅުވީ ކަމަށް. އެކަމަކު އެކަމުގެ އެއްވެސް ނިޝާނެއް ނެތް ދޮރުގައެއް،"

ރައުދާގެ މަރާ ގުޅިގެން އާއިލާ ބަންގްލަދޭޝަށް ދިޔަ އިރު، ފުލުހުން ވަނީ ރައުދާ އުޅުނު ކޮޓަރީގައި ހުރި "ކްރައިމް ސީން"ވެސް ރޫޅާލައިފަ އެވެ. ރާއްޖޭގެ ފުލުހުންގެ އިދާރާގެ ކުރީގެ އިސްވެރިއަކު "ސަން"އަށް ވިދާޅުވި ގޮތުގައި މިއީ ބަންގްލަދޭޝް ފުލުހުން ތަހުގީގުގައި އިހުމާލުވެފައިވާ ކަމުގެ އެންމެ ބޮޑު ހެއްކެވެ.

އަދި ރައުދާގެ ކަރުގައި ހިފާފައިވާ ކަމުގެ ނިޝާންތަކެއް ވެސް ހަށިގަނޑުން ފެންނަން ހުރި ކަމަށް އާއިލާއިން ބުނެ އެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ ރައުދާ މަރުވީ އަމިއްލައަށް ކަމަށެވެ.

ރައުދާ މަރުވެފައި ހުއްޓާ ފެނުނީ އޭނާއާ އެކު ކިޔަވާ ބައެއް ކުދީންނަށެވެ. ރާޖްޝާހީގެ ފުލުހުން ބުނާ ގޮތުން، ރައުދާ އެ ދުވަހުގެ ހެނދުނު ކޮޓަރިން ނުނިކުމެގެން އެދުވަހު ހެނދުނު 11 ޖަހާ އެހާކަންހާއިރު ކުޑަދޮރުން އެތެރެ ބެލި އިރު، އޭނާ ދަންޖެހިފައި ހުރި މަންޒަރު ރަހުމަތްތެރީންނަށް ފެނިގެން، ގަދަކަމުން ދޮރު ހުޅުވައި، ކޮޓަރިއަށް ކުދިންތައް ވަނީ އެވެ. ފުލުހުން ހަރަކާތްތެރިވާން ފެށީ ބުދަ ދުވަހުގެ މެންދުރު 12 ހާއިރު އެވެ.

comment ކޮމެންޓް