ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހޯމަ ދުވަހުގެ ރޭ ހިތަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު ދެ މީހުން --- ފޮޓޯ: ފޭސްބުކު

އައްޑޫ ސިޓީގެ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެ އެކްސިޑެންޓު ހިނގާފައި ވަނީ ހޯމަ ދުވަހުގެ ރޭ 12:30 ހާއިރު ހިތަދޫ ކުނިކޮށި ސަރަހައްދުންނެވެ.

އެ އެކްސިޑެންޓު ހިނގީ ދުއްވާފައި ދިޔަ ސައިކަލެއް ކުނިކޮށި ކައިރީ ހުރި ބެރިކޭޑެއްގައި ޖެހިގެންނެވެ.

ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ މެނޭޖަރު ޝާހު ސައީދު 'ސަން' އަށް ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވެގެން 23 އަހަރުގެ އަންހެނަކާއި 55 އަހަރުގެ ފިރިހެނެއް އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

ޝާހު ވިދާޅުވީ އަންހެން މީހާ އަށް ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އެކްސިޑެންޓުގެ ފޮޓޯތަކުން ފެންނަގޮތުގައި އަންހެން މީހާ ލައިގެންހުރި ހަރުވާޅު ކަކުލު ހުޅާ ހިސާބުން ވަނީ ވީދައިގެންގޮސްފައެވެ.

އަނިޔާ ލިބުނު ފިރިހެން މީހާގެ ގައިގެ އެކި ތަންތަނުން މަށައިގެންގޮސްފައިވާ ކަމަށާއި އޭނާގެ ހާލަތާމެދު އެއްޗެއް ދެންނެވޭނީ ޓެސްޓުތައް ހެދުމަށްފަހު ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.

ފިރިހެން މީހާގެ ކަނާތު ފައިތިލައިގެ ބޮޑުބައެއް ވަނީ މަށައިގެންގޮސްފައެވެ.

comment ކޮމެންޓް