ވީއޭއެމްގެ ނައިބު ރައީސްކަމުގެ މަގާމުން އިއްޒަތު ދުރުކޮށްފި

ވީއޭއެމްގެ ނައިބު ރައީސްގެ މަގާމުން ވަކިކުރި އިއްޒަތު ވަހީދު(ކ) އާއި ރައީސް މުހައްމަދު ލަތީފް (ވ) ---

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނައިބު ރައީސްކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފިއެވެ.

ވީއޭއެމްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުރި އިއްޒަތު ވަހީދު، މަގާމުން ދުރުކުރިކަން އިއުލާންކޮށްފައިވަނީ މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރު މުހައްމަދު ޝަރަފެވެ.

ޝަރަފް ވިދާޅުވީ، ވީއޭއެމްގެ ނައިބު ރައީސްކަމުގެ މަގާމުން އިއްޒަތު ވަކިކޮށްފައިވަނީ ރާއްޖޭގައި ބޭއްވުނު އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ހުއްޓުވައި އެސޯސިއޭޝަންގެ ހިންގުން ހުއްޓުމަކަށް ގެނައުމަށްޓަކައި އޭވީސީގެ ބޯޑު މެންބަރު އަދި ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް ފެތުރި ދޮގު މައުލޫމާތުތަކުގައި އިއްޒަތު ބައިވެރިވެފައިވާކަން އެނގިފައިވާތީ ކަމަށެވެ.

"އެކަންތައްތަކުގައި އިއްޒަތު ވަހީދު ބައިވެރިވެފައިވާކަން ވަރަށް ސާފުކޮށް އެނގެން އެބައޮތް. އެހެންވީމާ އިއްޒަތު ވަހީދާ މެދު ވެސް އަޅުގަނޑުމެން ފިޔަވަޅު އަޅައިފިން. އަޅުގަނޑުމެންގެ ހިންގާ ގަވާއިދުގެ 23 ވަނަ މާއްދާގެ (ރ)ގައި ބުނާގޮތުން އާންމު ޖަލްސާއެއް ބާއްވާ، އަޅުގަނޑުމެންގެ ނައިބު ރައީސް ނޫނީ ނައިބު ރައީސުން ނޫނީ ސީނިއާ ނައިބު ރައީސް ކަމުގައިވިޔަސް ނޯ ކޮންފިޑެންސް ވޯޓަކަށް ދެވިދާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ޝަރަފް ވިދާޅުވީ، ވީއޭއެމްގެ ނައިބު ރައީސްކަމުން އިއްޒަތު ވަކިކޮށްފައިވަނީ ރޭ ބޭއްވި އާންމު ޖަލްސާއަކުން ކަމަށާއި އާންމު ޖަލްސާގައި ބައިވެރިވީ ފުރިހަމަ މެންބަރު ކްލަބުގެ ގޮތުގައި ހިމެނޭ ތިން ކްލަބުގެ ތެރެއިން ދެ ކްލަބާއި އެކްސް އޮފިޝިއޯގެ ދެ މެންބަރުން ކަމަށެވެ. އަދި އިއްޒަތު މަގާމުން ދުރުކުރީ ޖަލްސާގައި ބައިވެރިވި ފަރާތްތަކުގެ އަޣުލަބިއްޔަތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވީއޭއެމްގެ ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރި އިއްޒަތު ވަހީދަކީ މިދިޔަ އަހަރު ބޭއްވި ވީއޭއެމްގެ އިންތިހާބުގައި ވާދަކޮށް، ނައިބު ރައީސްކަމުގެ މަގާމަށް އިންތިހާބުކުރި ބޭފުޅެކެވެ. މިއަހަރުގެ ކުރީކޮޅު ވީއޭއެމްގެ ތެރޭގައި މައްސަލަތަކެއް ޖެހުނުއިރު ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު ވެސް ވަނީ އިއްޒަތުގެ މައްސަލަތަކެއް ފެންމަތިކޮށް، އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނެސްފައިވެއެވެ.

comment ކޮމެންޓް