ވީއޭއެމްގެ ކުރީގެ ރައީސް ރިޔާޒަށް ތުހުމަތުތަކެއް!

އޭވީސީގެ ބޯޑު މެންބަރު އަދި ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފް: އޭވީސީ މުބާރާތް ހުއްޓުވައި، ވީއޭއެމް ހުއްޓުމަކަށް ގެނައުމަށް ރިޔާޒް މަސައްކަތްކުރި ކަމަށް ވީއެއެމްއިން ތުހުމަތުކުރޭ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގައި ބޭއްވި ތިންވަނަ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ހުއްޓުވައި، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގުން ހުއްޓުވުމަށް އޭޝިއަން ވޮލީބޯލް ކޮންފެޑަރޭޝަން (އޭވީސީ)ގެ ބޯޑް މެންބަރު އަދި ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް މަސައްކަތްކުރި ކަމަށް ވީއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު މުހައްމަދު ޝަރަފް ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝަރަފް ވިދާޅުވީ، ރާއްޖޭގެ ވޮލީ އާއިލާގެ ތެރެއިން ބަޔަކު ވޮލީ އެސޯސިއޭޝަންގެ ސައްހަކަމާއި ރައީސް މުހައްމަދު ލަތީފްގެ ރައީސްކަމުގެ ސައްހަކަމާމެދު ސުވާލު އުފައްދައި، އޭވީސީ މުބާރާތުގައި ވާދަކުރި ޓީމުތަކަށް ރިޔާޒް އީމެއިލްއެއް ފޮނުވާފައިވާ ކަމަށެވެ.

"މުބާރާތް ފަށަން އެންމެ ހަތަރު ދުވަހަށް ވެފައިވަނިކޮށް އޭވީސީއަށާއި އެފްއައިވީބީއަށް ދިވެހިރާއްޖެއިން އޭވީސީގެ ބޯޑަށް ކަނޑައަޅާފައިވާ އަޅުގަނޑުމެންގެ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް ފޮނުވާފައިވާ ނުރަނގަޅު ދޮގު މައުލޫމާތުތަކެއް މެއިލްކުރި. އޭގެ ސަބަބުން މުބާރާތް ބޭއްވުމަށާއި މުބާރާތުގެ އިންތިޒާމްތަކަށް ވަރަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދިޔަ،" އޭނާ ވިދާޅުވިއެވެ.

ޝަރަފް ވިދާޅުވީ، ވީއޭއެމްގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކާއި އިންތިހާބާއި އެއަށްފަހު އަސާސީ ގަވާއިދަށް ގެނެވުނު ބަދަލުތަކާއި އެގްޒެކެޓިވް ކޮމިޓީގެ ސައްހަކަމާމެދު ރިޔާޒް ސުވާލު އުފައްދާފައިވާ ކަމަށާއި މުބާރާތުގައި ބައިވެރިވާން ކުރިން ހަމަޖެހުނު ގައުމުތަކަކަށް ވެސް ރިޔާޒް މެއިލްކޮށްފައިވާ ކަމަށެވެ.

"އެވަރުން ނުފުދިގެން މިތަނަށް އަންނަން ތައްޔާރުވެފައިވާ ގައުމުތައް ކިރްގިސްތާން، ތުރުކުމަނިސްތާން އަދި ނޭޕާލްގެ އިތުރުން ވެސް މައުލޫމާތު ލިބިފައިވާގޮތުން މިމުބާރާތުގައި ބައިވެރިވާ ނުވަ ގައުމަށް ރާއްޖެ ނައުމަށާއި ރާއްޖޭގެ އެސޯސިއޭޝަން ސައްހަ ނޫން ކަމަށާއި ރާއްޖެއަށް އައުމަކީ ބިރުވެރި ކެމެއް ކަމަށް ދައްކާފައިވޭ. މިކަންކަމާ ގުޅިގެން އަޅުގަނޑުމެން އެވަގުތު އެއްވެސް ފިޔަވަޅެއް ނާޅާ ކުރިއަށް ގެންދިޔައީ ވޮލީބޯޅައަށްޓަކައި މުބާރާތް ފުރިހަމަގޮތެއްގައި ގެންދިއުމަށް މަސައްކަތް ކުރުމަށް،" އޭނާ ވިދާޅުވިއެވެ.

އޭވީސީ މުބާރާތް ފެށެން އެހާ ކައިރިވެފައި އޮއްވާ އޭވީސީގެ ބޯޑު މެންބަރެއްގެ ހައިސިއްޔަތުން ރިޔާޒް އެވާހަކަތައް އެގޮތަށް ދައްކާފައިވާތީ އެހެން ގައުމުތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރި ކަމަށާއި ނުވަ ގައުމު ކުޅެން ހަމަޖެހުނު މުބާރާތެއްގައި އެންމެ ހަތަރު ގައުމު ބައިވެރިވާން ޖެހުނު އެއް ސަބަބަކީ ވޮލީ އާއިލާ ތެރެއިން ބައެއް މީހުން ރާއްޖޭގައި މުބާރާތް ނުބޭއްވުމަށް މަސައްކަތްކުރުން ކަމަށް ޝަރަފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުންމީދުކުރަމުންދިޔައީ އެންމެ މަދުވެގެންވެސް ހަ ގައުމު މުބާރާތުގައި ކުޅޭނެ ކަމަށް. އަފްޣާނިސްތާނާއި ބަނގްލަދޭޝްއަކީ އާންމުގޮތެއްގައި މިކަހަލަ މުބާރާތްތަކަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ގައުމުތަކެއް. އެ ދެ ގައުމު ނައުމުން މުބާރާތުގެ ފުރިހަމަކަމަށް ކުޑަ ހިޔަންޏެއް އެޅިގެންދިޔައީ،" އޭނާ ވިދާޅުވިއެވެ.

އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކިރްގިސްތާން ޓީމުގެ އެސިސްޓަންޓް ކޯޗު އަދި އެގައުމުގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ކްލިޗް ވެސް މުބާރާތް ނިމުމާއެކު ވަނީ މުބާރާތަށް ނައުމަށް އެދި ދިވެހިންގެ ބަޔަކު އާދޭސްކުރި ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ވީއޭއެމްގެ ކުރީގެ ރައީސް މުޙައްމަދު ރިޔާޒް ވިދާޅުވީ، "ވޮލީގެ ކަންތައްތަކާ ގުޅޭގޮތުން މިވަގުތު އެއްވެސް ވާހަކައެއް ދައްކަން އަޅުގަނޑު ބޭނުމެއް ނޫން،" ކަމަށެވެ.

comment ކޮމެންޓް