ރިޔާޒު ފުލުހަށް ހާޒިރުކުރީ ފޯނު ހުޅުވަން، ނަމަވެސް އެކަމެއް ނުވި!

މިރޭ ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުމަށްފަހު ނިކުމެވަޑައިގެން ރިޔާޒު އިންޓަވައި ދެއްވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޯޓް އަމުރެއްގެ ދަށުން އަތުލާފައިވާ، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ފޯނު ހުޅުވުމަށް އޭނާ މިރޭ ފުލުސް އޮފީހަށް ހާޒިރުކުރި ނަމަވެސް ފޯނު ހުޅުވޭ ގޮތެއް ނުވިއެވެ.

ކޯޓް އަމުރެއްގެ ދަށުން ރިޔާޒުގެ ފޯނު ފުލުހުން އަތުލާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭގައެވެ.

މިރޭ 8:00ގައި ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށްފަހު ތިން ގަޑިއިރެއްހާއިރު ފަހުން ފުލުހުންގެ އިދާރާއިން ނިކުމެ ވަޑައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރިޔާޒު ވިދާޅުވީ، މިހާރު ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާ ކަމުގެ ތުހުމަތު ކަމަށެވެ.

ރިޔާޒު ވިދާޅުވީ އޭނާގެ ފޯނަކީ އަބަދުވެސް އޮން ކޮށްގެން ގެންގުޅޭ ފޯނެއް ކަމަށާއި އަބަދުވެސް އަންލޮކް ކުރަށްވަނީ ފިންގާ ޕްރިންޓް މެދުވެރިކޮށް ކަމަށެވެ. އަދި ފޯނު އަތުލިއިރު ވެސް އެ ފޯނު ވާނީ ހުޅުވާފައި ކަމަށާއި ނަމަވެސް މިރޭ ފުލުސް އޮފީހަށް ހާޒިރުކުރި އިރު ފޯނު ނިވިފައި އޮތުމުން ޖެހުނީ ލޮކް ކޯޑް ޖަހަން ކަމަށެވެ.

މިރޭ ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުމަށްފަހު ނިކުމެވަޑައިގެން ރިޔާޒު އޭނާގެ ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ރިޔާޒު ވިދާޅުވީ ކޯޓް އަމުރެއްގެ ދަށުން އޭނާގެ ފޯނު އަތުލި ނަމަވެސް އެ ފޯނު ހުޅުވައި ދިނުމަށް އަމުރުގައި ނެތުމުން 28 ވަނަ ދުވަހު ފުލުހަށް ހާޒިރު ކުރުމުން އިތުރު ކޯޓް އަމުރެއް ހޯދުމަށް އެދިފައިވާނެ ކަމަށެވެ.

" ފުލުހުން ވިދާޅުވި ކޯޓުން ވަނީ ފިންގާ ޕްރިންޓް ވަކިން ދިނުމަށް ކޯޓް އަމުރެއް ނެރުމަށް ދެކޮޅު ހަދައި ކުރިންގެ އަމުރުގައި ފޯނާ ގުޅޭ އެންމެހައި މައުލޫމާތު ދިނުމަށް ހިމަނާފައިވާނެ ކަމަށް. ނަމަވެސް ފުލުހުންގެ ތަހްގީގަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގަތުމުން ފުލުހުންނަށް އެހީތެރިވުމުުގެ ގޮތުން ފޯނު ހުޅުވުމަށް ނިންމީ،" ރިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެޕަލް އައި ފޯނެއް ކަމަށްވުމުން ފޯނު ނިއްވާފައި ދެން ހުޅުވޭނީ ލޮކް ކޯޑް ޖެހުމުން ކަމަށާއި ނަމަވެސް އޭނާ އާންމުކޮށް ބޭނުންކުރާ ތިން ކޯޑުން ވެސް ފޯނު ނުހުޅުވުނު ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަން ފުލުހުން ރަނގަޅަށްކަން މިކަން ކުރާނީ. އުންމީދު ކުރަނީ އެއްވެސް ހާލެއްގައި އަޅުގަނޑު ނުކުރާ ކަމެއްގެ ތެރެއަށް ފައްތައިގެން އަޅުގަނޑަށް ހުކުމެއް ގެނައުމުގެ ނިޔަތުގައި އެއްވެސް ފުލުހަކު މަސަތްކަތް ނުކުރާނެ ކަމަށް،" ރިޔާޒު ވިދާޅުވިއެވެ.

ޕާސްވޯޑް ނޭނގޭ އައި ފޯނު ހުޅުވުމަށް މީގެ ކުރިން އެމެރިކާގެ އެފްބީއައިން ވަނީ އެޕްލް ކުންފުނީގައި އެދިފައެވެ. ނަމަވެސް ކޯޓުން ކުރި އަމުރަށް ތަބާނުވެ ކަސްޓަމަރުންގެ މައުލޫމާތު ސިއްރު ކުރާނެ ކަމަށް ބުނެ އެޕަލްއިން ވަނީ ފޯނު ހުޅުވައި ދިނުމަށް ދެކޮޅު ހަދައިފައެވެ.

comment ކޮމެންޓް