ތިނަދޫ ޓީމަށް ސްޕޭންގެ ކޯޗެއް

ގދ. ތިނަދޫ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ސްޕެއިންގެ އަލްވަރޭޒް ސަންޗޭޒް -- ފޮޓޯ: ތިނަދޫ ސްޕޯޓްސް

މިނިވަން ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދާ ގދ. ތިނަދޫ ފުޓްބޯޅަ ޓީމަށް ސްޕެއިންގެ ކޯޗެއް ހަމަޖައްސައިފިއެވެ.

މި މަގާމަށް ހަމަޖައްސާފައިވަނީ އަލްވަރޭޒް ސަންޗޭޒް އެވެ. އޭނާ މި މަގާމަށް ހަމަޖައްސާފައިވަނީ އަހަރު ދުވަހުގެ މުއްދަތަށެވެ.

ތިނަދޫ ޓީމުގެ އޮފިޝަލަކު ބުނީ ބޭރު ކޯޗެއް އެޓީމަށް ހަމަޖެއްސީ ތިނަދޫގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅުކޮށް މިހާރަށް ވުރެ ބޮޑަށް ފުޓްބޯޅައިގެ ފޯރި އިތުރުކުރުމަށްކަމަށެވެ. އަދި ބުނީ ބޭރުގެ ކޯޗާ އެކު އަމާޒަކީ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރުންކަމަށެވެ.

އަލަށް ހަމަޖެއްސި ބިދޭސީ ކޯޗާ އެކު ހަމައެކަނި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިނިވަންޗެމްޕިއަންޝިޕަށް ތައްޔާރު ވުން ނޫންކަމަަށާއި ކޯޗުގެ އިރުޝާދުގެ ދަށުން އެރަށުގައި ޒުވާން ކުޅުންތެރިން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް އެ ޓީމުން މައުލޫމާތުދެއެވެ.

ތިނަދޫ ކޯޗަކަށް ހަމަޖެއްސި އަލްވަރޭޒް ސަންޗޭޒް ވަނީ މީގެ ކުރިން ސައުދީ އަރަބިއާގެ އެކި ގިންތި ތަކުގެ ޓީމުތަކަށް އިރުޝާދު ދީފައިކަމަށް ތިނަދޫ ޓީމުން މައުލޫމާތުދެއެވެ.

މިނިވަން ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އެރަށުގައި ފޯރިއާއެކު ތައްޔާރީތައްް ކުރިއަށްދާއިރު އެ ޓީމަށް ބޭރުގެ ބައެއް ކުޅުންތެރިންވެސް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް