24 މީހުންނާ އެކު ދެކުނު ކޮރެއާގެ ކަނޑު ބޯޓެއް ގެއްލިއްޖެ

ދެކުނު ކޮރެއާގެ ކާގޯ ބޯޓެއް -- ފައިލް ފޮޓޯ/ ޖަޕާންޓައިމްސް

ސޯލް (އޭޕްރިލް 2): ސައުވީސް މީހުންނާއެކު ދެކުނު އެޓްލާންޓިކު ކަނޑުން ދަތުރު ކުރަމުން ދިޔަ ދެކުނު ކޮރެއާގެ ކާގޯ ބޯޓެއް ގެއްލިއްޖެ އެވެ.

ދެކުނު ކޮރެއާގެ ސަރުކާރުން ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު ސްޓެލާ ޑެއިޒީ ނަމަކަށް ކިޔާ ބޯޓުގެ ފަޅުވެރިން ވަނީ އެބޯޓު ދިޔަވަނީ ކަމަށް ބުނެ ބޯޓުގެ ވެރިޔާއަށް ފޯނުން އަންގާފަ އެވެ. އޭރު ބޯޓު ދަތުރު ކުރަމުންދިޔައީ އުރުގުއޭ ކައިރިން ކަމަށް ދެކުނު ކޮރެއާގެ ފޮރިން މިނިސްޓްރީން ބުނެ އެވެ.

އެމެސެޖާ ގުޅިގެން އުރުގުއޭގެ ނޭވީން ވަނީ އެ ބޯޓު ގެއްލުނުކަން އެ ސަރަހައްދުން ދަތުރު ކުރަމުންދިޔަ އެހެން ބޯޓުތަކަށް އަންގައި، ބޯޓު ހޯދުމުގައި އެހީވެ ދިނުމަށް އެދިފަ އެވެ.

ކޮރެއަން ޓައިމްސްގައިވާ ގޮތުން ބޯޓު ހޯދުމުގައި ހަރަކާތްތެރިވި ބޯޓަކަށް ވަނީ ލައިފް ރާފްޓެއްގައި ތިބި ފިލިޕީންސްގެ ދެ ރައްޔިތުން ފެނިފަ އެވެ. އަދި އެއީ ގެއްލުނު ކާގޯ ބޯޓުގެ ދެ ފަޅުވެރިން ކަމަށް ބެލެވެ އެވެ.

ދެކުނު ކޮރެއާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ގެއްލުނު ބޯޓުގައި ތިބީ އެ ގައުމުގެ އަށް މީހަކާއި ފިލިޕީންސުގެ 16 ރައްޔިތުންނެވެ. އަދި އުރުގުއޭ އާއި ބްރެޒިލްގެ އެހީތެރި ކަމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމިނިސްޓްރީން ބުންޏެވެ. (ކޮރެއަންޓައިމްސް)

comment ކޮމެންޓް